ކްވަރަޓްސްޝޭލިއާ ކިޔައިދިނީ ރޮނާލްޑޯގެ ފަރާތުން ދަސްވި މުހިންމު ފިލާވަޅެއްގެ ވާހަކަ!
ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޕޯޗުގަލްއާއި އަލް ނަޞްރުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން އޭނާގެ މޮޅު ކުޅުމަށް ލިބުނު އަދި ދަސްވި އެންމެ މުހިންމު ފިލާވަޅުގެ ވާހަކަ ފްރާންސްގެ ޕީއެންޖީއަށް ކުޅެމުން އަންނަ ޖޯޖިއާގެ ތަރި ހަވީޗާ ކަވަރަޓްސްޝޭލިއާ ހާމަކޮށްފިއެވެ. ކްވަރަޓްސްޝޭލިއާ ބުނި ގޮތުގައި ރޮނާލްޑޯގެ ކިބައިން އޭނާއަށް ފެނުނު އެންމެ ހައިރާންކުރުވަނިވި ކަމަކީ މެޗެއް ކުޅެމުންދާއިރު، އެ މެޗެއްގެ ތެރޭގައި ހަމަ ކޮންމެ ހިނދުކޮޅެއްގައި ވެސް އޭނާ ބަހައްޓާ ސަމާލުކަމެވެ. އޭނާގެ ކުޑައިރުގެ ހަނދާންތައް އާކުރަމުން ކްވަރަޓްސްޝޭލިއާ ބުނީ، އޭނާގެ ކޯޗަކު ދިން ނަސޭހަތެއް ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށެވެ. "އަހަރެން ކުޑައިރު ކޯޗު ބުނި، ބޯޅަ ގެއްލުމުން ރޮނާލްޑޯ އަމަލުކުރާ ގޮތް ބަލާށޭ," ކްވަރަޓްސްޝޭލިއާ ކިޔައިދިނެވެ. އޭނާ ފާހަގަކުރި ގޮތުގައި ގިނަ ޒުވާން ކުޅުންތެރިން ހަމައެކަނި ސަމާލުކަން ދެނީ މޮޅު ހުނަރަށެވެ. ނަމަވެސް ރޮނާލްޑޯގެ ސަމާލުކަން ހުންނަނީ މުޅިން ތަފާތު ކަމަކަށެވެ. އެގޮތުން ކްވަރަޓްސްޝޭލިއާ ފާހަގަކުރި ގޮތުގައި ރޮނާލްޑޯ އަކީ ދަނޑުމަތީގައި މެޗެއް ކުޅެމުން ދާއިރު، ބޯޅަ ގެއްލޭ ވަގުތުން ފެށިގެން އެ އަނބުރާ ހޯދަން ވަގުތުން މަސައްކަތް ފަށާ ކުޅުންތެރިއެކެވެ. އޭނާ އިތުރަށް ބުނީ ރޮނާލްޑޯގެ އެ މެންޓާލިޓީ ނުވަތަ ވިސްނުން ހުންނަ ގޮތުން އޭނާއަށް ވަރަށް ބޮޑު ސިހުމެއް ލިބުނު ކަމަށެވެ. "ރޮނާލްޑޯގެ އެ ވިސްނުން އަހަރެން ހައިރާންކޮށްލި. އޭނާ ބޯޅަ ގެއްލުމަށް ނުވަތަ މެޗުގެ ކުޑަވެސް ތަންފުކެއް ވެސް ދޫކޮށްލަން ބޭނުމެއް ނުވޭ. ކްވަރަޓްސްޝޭލިއާ ބުންޏެވެ. މިކަމުގެ ސަބަބުން، ހަމައެކަނި މޮޅު ކުޅުމެއް ދެއްކުމުގެ ބަދަލުގައި، ނަތީޖާ ނެރުމަށް ބޭނުންވާ ވަރުގަދަ އަޒުމަކަށް ސަމާލުކަން ދޭން ދަސްވި ކަމަށްވެސް ކްވަރަޓްސްޝޭލިއާ ބުންޏެވެ. އަދި އެއީ އޭނާގެ ފުޓުބޯޅަ ކެރިއަރަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ. މި ވާހަކަތައް ނިންމާލަމުން ކްވަރަޓްސްޝޭލިއާ ބުނީ، މޮޅު ކުޅުންތެރިއަކަށް ވުމަކީ ހަމައެކަނި ހުނަރު ހުރުން ނޫންކަމާއި، އެއީ ކާމިޔާބީއަށް އޮންނަ ވަރުގަދަ އަޒުމަކާއި ހިތްވަރެއް އަދި އެކަމަށް އޮންނަ ލޯތްބެއްކަން ރޮނާލްޑޯގެ ސަބަބުން އެތައް ޒުވާން ކުޅުންތެރިންނަކަށް މިއަދު ދަސްވެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ