ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ކުރިމަތިލައްވާފައިވާ ކްރިމިނަލް ކޯޓުގެ ގާޒީ ގއ. މާމެންދޫ، ރަތްމަސްގެ، މުހުތާޒު މުހުސިން އަށް ޕީޖީގެ މަގާމަށް ވަޑައިގެންނެވިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން އެހެން ވިދާޅުވީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސަައިން މަނިކަށް މިދިޔަ އާދިއްތަ ދުވަހު ފޮނުއްވެވި ސިޓީއެއްގަ އެވެ. އެ ސިޓީގައި މައުމޫން ކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ ޕީޖީގެ މަގާމަށް ރައީސް ޔާމިން އަބްދުލް ގައްޔޫމް މަޖިލީހަށް ފޮނުއްވާފައިވާ ދެ ނަންފުޅުގެ ތެރެއިން މައުމޫން ހަމީދާ މެދު ކޮމެޓީން އަމަލު ކުރައްވާފައިވާ ގޮތާ މެދުގަ އެވެ. އަދި މުހުތާޒު ފަނޑިޔާރުކަމުގައި ހުންނަވައިގެން ޕީޖީގެ މަގާމަށް ކުރިމަތިލައްވައިގެން އެ މަގާމަށް ވަޑައި ނުގެންނެވޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް މައުމޫންގެ ސިޓީފުޅުގައި ވަނީ ވިދާޅުވެފަ އެވެ.
މައުމޫން އެހެން ވިދާޅުވި އިރު، ރޭ ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި، ޕީޖީގެ މަގާމަށް ރައީސް ޔާމީން ފޮނުއްވެވި ދެ ނަންފުޅުގެ ތެރެއިން އެންމެ ގިނަ މާކްސް ހޯއްދެވީ މުހުތާޒެވެ. މުހުތާޒަށް 67 ޕަސެންޓް މާކްސް ލިބިވަޑައިގެންނެވި އިރު، މައުމޫން ހަމީދަށް ލިބިވަޑައިގެންވީ 33 ޕަސެންޓް މާކުހެވެ. ނަމަވެސް އެ ދެބޭފުޅުންނަށް ވެސް ކޮމެޓީން ނަންފާސްވާ މިންވަރަށް މާކުހެއް ލިބިވަޑައެއް ނުގަންނަވަ އެވެ.
ޕީޖީގެ މަގާމަށް ކުރިމަތިލައްވާފައިވާ މައުމޫން ހަމީދާއި މުހުތާޒު މުހުސިނަށް މާކްސް ދިނުމުގައި ކޮމެޓީން އަމަލުކޮށްފައިވާ ގޮތާއި ކޮމެޓީން ފާސްނުކޮށް އެ ދެ ބޭފުޅުން ކޮމެޓީއަށް ހާޒިރުކޮށްފައިވުމުން މައުމޫން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. މައުމޫން ސިޓީގައި އެދިވަޑައިގެންފައި ވަނީ އެ ކޮމެޓީގައި ހިމެނޭ ޕީޕީއެމްގެ މެމްބަރުން އަމަލުކޮށްފައިވާ ގޮތް ބައްލަވައި، އެ ބޭފުޅުން އެމަނިކުފާނަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.
"ކޮމެޓީއަށް ހާޒިރުކުރެއްވި ބޭފުޅުން ހާޒިރުކޮށްފައި ވަނީ ކޮމެޓީން ނިންމަވައިގެން ނޫން ކަމަށާއި އިންޓަވިއު ކުރުމަށްފަހު ކޮމެޓީގެ މެމްބަރުން ދެއްވި މާކްސް ޝީޓުތައް ޓެލީކޮށް ޖުމްލަކޮށްފައި ވަނީ ކޮމެޓީގެ މެމްބަރުންގެ ހާޒިރުގައި ނޫންކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފަ އެވެ،" މަޖިލީހުގެ މެޖޯރިޓީ ލީޑަރަށް މައުމޫން ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވެ އެވެ.
ގާނޫނު އަސާސީ އާއި ޕްރޮސެކިއުޓަ ޖެނެރަލްގެ ގާނޫނުގައި ބަޔާންކޮށްފައިވާ ޕީޖީގެ މަގާމަށް މުހުތާޒު ކުރިމަތިލައްވާފައިވާ އިރު އޭނާ ފަނޑިޔާރުކަމުން ވަކިވެވަޑައިގަންނަވަން ޖެހޭނެ ކަމަށް މައުމޫންގެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ. އަދި އޭނާ ފަނޑިޔަރުކަމުން ވަކިވެވަޑައިގެންނެވިޔަސް އޭނާއަށް ކޯޓުތަކަށް ވަކާލާތު ކުރައްވަން ވަޑައިގެންނެވޭނީ ދެ އަހަރު ފަހުން ކަމަށް ދޭހަވާ ގޮތަށް މައުމޫންގެ ސިޓީފުޅުގައި ވަނީ ވިދާޅުވެފަ އެވެ.
"މީގެ ކުރިން ޖިނާއީ ކޯޓާއި މަދަނީ ކޯޓުގެ އިސް ގާޒީކަން ކުރެއްވި ބޭފުޅުން އެ މަގާމުތަކުން އިސްތިއުފާ ދެއްވުމަށް ފަހު ވަކާލާތުކުރެއްވުމަށް ކޯޓުތަކަށް ވަޑައިގެންނެވޭނީ ދެ އަހަރު ފަހުން ކަމުގައި ކަނޑައެޅިފައިވާ ގާނޫނީ އާދަކާދައެއް ދިވެހިރާއްޖޭގައި ގާއިމްވެފައިވެ އެވެ،" މައުމޫންގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
ޕީޖީގެ މަގާމަށް ޕީޕީއެމުން އައްޔަންކުރަން ބޭނުންވަނީ މައުމޫން ހަމީދު ކަމަށް ރައީސް ޔާމީން އާއްމުކޮށް އިއުލާންކުރައްވައި އޭނާ އަށް ޕީޕީއެމްގެ މެމްބަރުން ވޯޓު ދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ރައީސް ޔާމީންގެ އެ އެދިވަޑައިގަތުން ހާސިލްކުރުމަށް ހުރަސްއެޅޭ ފަދަ ގޮތަކަށް ކޮމިޓީގައި ތިއްބަވާ ޕީޕީއެމްގެ މެމްބަރުން ނިންމަވާފައި ވާތީ އެކަމަށް ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެހެންކަމުން، ޕްރޮސެކިއުޓަ ޖެނެރަލް ހޮވުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ދިޔުމުގެ ކުރިން، މި ސިޓީގައި ދަންނަވާފައިވާ ކަންތައްތައް މަނިކުފާނު ރަނގަޅަށް ބައްލަވާފައި އެ ކަންކަން ހިނގާފައިވާ ގޮތުގެ ފުރިހަމަ ބަޔާނެއް އަޅުގަނޑަށް ފޮނުއްވައިދެއްވުން އެދެމެވެ،" ނިހާނަށް ފޮނުވި ސިޓީގައި މައުމޫން ވިދާޅުވެފައިވެ އެވެ.
މުހުތާޒަށް ޕީޖީގެ މަގާމަށް ވަޑައެއް ނުގެންނެވޭނެ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ