އަލިފުށީ ސްކޫލަށް އޭސީ ތަކެއް ހަދިޔާ ކޮށްފައި ވަނީ މެމްބަރު އަބްދުއްރަހީމް

ރ.އަލިފުށީ ސްކޫލަކަށް އެސީތަކެއް ހަދިޔާކޮށްދީފައި ވަނީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ކަމަށް ޕީޕީއެމް ޕީޖީގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކް ވިދާޅުވެއްޖެއެވެ.
އެ ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނިހާން ވިދާޅުވީ އޭސީ ތަކަކީ އަބްދުއްރަހީމްގެ އަމިއްލަ ފައިސާއިން ޚަރަދުކޮށްގެން އެ ސްކޫލަށް ހަދިޔާކުރި އޭސީތަކެއް ކަމަށް ޚުދު އަބްދުއްރަހީމް ވިދާޅުވެ ޓެކްސްޓް މެސެޖެއް ފޮނުއްވާފައި ވާކަމަށެވެ.
"އެބޭފުޅަކު އަމިއްލައަށް އަޅުގަނޑަށް ޓެކްސްޓް ކުރައްވާފައި އެބައޮތް އެއީ ތިމަންނަ ހަދިޔާކުރި އެއްޗެއް ކަަމަށް. މާނައަކީ އަބްދުއްރަހީމް އަބްދުﷲ އެއީ ފޮނަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަބްދުއްރަހީމް ވިދާޅުވަނީ އެއީ ތިމަންނަގެ އަމިއްލަ ފައިސާގައި ތިމަންނަ ހަދިޔާ ކުރި އެއްޗެކޭ." ނިހާން ވިދާޅުވިއެވެ.
މިއަދު އެރަށުގައި ނިމިގެން ދިޔަ ބައި އިލެކްޝަންގެ ކެމްޕޭނުގެ ތެރޭގައި އަބްދުއްރަހީމް ހަދިޔާ ކުރެއްވި އޭސީތަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ އެއީ ބައި އިލެކްޝަނާއި ދިމާކޮށް ޕީޕީއެމް އިން ދިން ރިޝްވަތެއް ކަމުގައި ތުހުމަތު ކުރަމުންނެވެ.
މިކަމާ ގުޅިގެން ނިހާން ވިދާޅުވީ އަބްދުއްރަހީމް އަކީ އަލިފުށްޓާއި އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެއް ކަމަށާއި، ސްކޫލުގެ އިތުރުން ބައެއް ގެތަކަށް ކާޑުގެ ބާވަތްތައްވެސް ފޮނުވައިދީ ހައްދަވާ ކަމަށެވެ. އަދި ރައްޔިތުންނަށްޓަކައި ހެޔޮ ކަމެއް ކޮށްދިނުމަކީ އެއްވެސް ވަރަކަށް މަނާކުރެވިފައިވާ ކަމެއް ނޫން ކަމަށްވެސް ނިހާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ