ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ދޫކޮށްލަން ހައި ކޯޓުން ދެންމެ އަމުރު ނެރެފިއެވެ.
އަމީން ދޫކޮށްލާފައިވަނީ ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް ޖެހި މައްސަލަ އަމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމާއި ގުޅިގެންނެވެ.
ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އަމީން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން 15 ދުވަސް ދީފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ. އަދި މިއަދާއި ހަމައަށް ވެސް އޭނާ ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައިއެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކޮށް ހައި ކޯޓުން ނެރުނު އަމުރުގައިވަނީ އަމީން ފުލުހުންގެ ބަންދުގައި ބަހައްޓަން ފެންނަ ތަނެއް ނެތް ކަމަށެވެ.
އަމީން ހައްޔަރުކޮށްފައިވަނީ މެއި އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރި ބޮޑު މުޒާހަރާގެ ބައިވެރިންނާއި ދެމެދު ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ. ފުލުހުން ކްރިމިނަލް ކޯޓުގައި ވިދާޅުވެފައިވަނީ އަމީން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ.
އަމީންގެ ވަކީލް އަހުމަދު ޝަފީގް މީގެކުރިން ވިދާޅުވެފައިވަނީ މުޒާހަރާގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ލިބޭ ގޮތަށް ދެއްކެވި ވާހަކަ ތަކުގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށްޓަކައި ކަމަށް ބުނެ އަމީން ހައްޔަރު ކުރުމަށް ފުލުހުން ކޯޓު އަމުރު ހޯދާފައިވަނީ ކޯޓަށް ދޮގު މައުލޫމާތު ދީގެން ކަމަށެވެ.
އަހްމަދު ޝަފީގް ވިދާޅުވީ އަމީން ބަންދު ކުރި އިރު އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަން އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމުގައި ފާހަގަކުރައްވާފައިވާނެ ކަމަށެވެ.
ޝަފީޤް ވިދާޅުވީ އަމީން ހައްޔަރު ކުރުމަށް ހޯދި އަމުރުގައި ސަބަބެއް ކަމުގައި ބުނެފައި ވަނީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކަމަށް ވީނަމަވެސް، ހައްޔަރު ކުރި ލިޔުމުގައި އަދި ކޯޓު އަމުރުގައިވެސް ބުނެފައި އަމީން ހައްޔަރު ކުރި ސަބަބެއް ކަމުގައި ބުނެފައިވަނީ މުޒާހަރާގައި ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ކަމަށެވެ.
ޖޭޕީގެ ނައިބު ލީޑަރު އަމީން ދޫކޮށްލަން ހައި ކޯޓުން އަމުރު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ