ސަރުކާރުން 2018 ގެ ނިޔަލަށް އިގްތިސާދީ ވައުދުތައް ފުއްދާނެ: ސައީދު
ރައީސް އަބްދުﷲ ޔާމީންގެ އިގްތިސާދީ މެނިފެސްޓޯގައި ހިމެނޭ ވައުދުތައް 2018 ގެ ނިޔަލަށް ސަރުކާރުން ފުއްދައި ނިންމާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.ޕީޕީއެމުން "އުއްމީދީ 16" ނަމުގައި މި އަހަރު ފުރަތަމަ ބޭއްވި އާއްމު ޖަލްސާގައި ސައީދު ވިދާޅުވީ މިއީ ވެސް ރައީސް ޔާމީންގެ އިގްތިސާދީ ބިޔަ މަޝްރޫއުތައް ކުރިއަށް ގެންދާނެ އަހަރެއް ކަމަށެވެ. މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާއި އެއާޕޯޓް ތަރައްގީކުރުމާއި އައިހެވަން ޕްރޮޖެކްޓާއި މާލޭގައި 25 ބުރީގެ ހޮސްޕިޓަލް މަޝްރޫއުތައް ސަރުކާރުން ނިންމާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީން އިގްތިސާދީ ގޮތުން ގެންނަވާ އިންގިލާބީ ބަދަލުތަކުގެ އެއް ހެއްކަކީ މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ކަަމަށެވެ. އެއާޕޯޓް ތަރައްގީކުރަން މިހާރު ވެސް 373 މިލިއަން ޑޮލަރު ހަމަޖެހިފައިވާކަން ފާހަގަކުރައްވައި ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު 1.2 މިލިއަނުން ހަތް މިލިއަނަށް އިތުރުކުރުން ކަމަށެވެ.ޕީޕީއެމުން ބޭއްވި ޖަލްސާ: ސަރުކާރުން ބޮޑެތި މަޝްރޫއުތައް ނިންމާނެ ކަމަށް ސައީދު ވިދާޅުވި ---ހަވީރު ފޮޓޯ: ނިޝާން އަލީ "މި އެއާޕޯޓް ނިމި، ބްރިޖް ނިމި ރައީސް ޔާމީންގެ އިގްތިސާދީ ހުރިހާ ޕްލެޖެއް އެއްވެސް ޝައްކެއް ނެތި ގެނެސްދޭނެކަން ރައީސް ޔާމީންގެ ކެބިނެޓްގެ ވަޒީރެއްގެ ހައިސިއްޔަތުން ޔަގީންކަން އަރުވަން،" ސައީދު ވިދާޅުވި އެވެ.މިނިސްޓަރު ވިދާޅުވި ގޮތުގައި ޗައިނާއާ ގުޅުން ބަދަހިކުރުމާއި އޭޝިއާ އިންފްރާސްޓަރަކްޗާ ބޭންކްގައި ބައިވެރިވަނީ ރާއްޖޭގެ ތަރައްގީ އަށް ހުރި ފުރުސަތުތަކަށް މަރުހަބާ ކިޔުމުގެ ގޮތުންނެވެ. ރައީސް ޔާމީންގެ ސަރުކާރުން އަޅާ ފިޔަވަޅުތަކާއި ކުރާ މަސައްކަތްތަކުން މުސްތަގްބަލްގައި ފޮނިކަން ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ.ރައީސް ޔާމީން ގައުމަށް ކޮށްދެއްވާ ކަންކަމާ މެދު ވިސްނައި ޒުވާނުން އެމަނިކުފާނާ އެކު ތިބުމަށް އޭނާ ވަނީ ރޭ ވެސް ގޮވާލައްވައިފަ އެވެ."އިރާދަކުރެއްވިޔާ 2018 ޕްރޮގްރެސިވް ކޯލިޝަނުން ކާމިޔާބުކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ