އެލްޖީއޭގެ ރައީސަކަށް އާސިމް އައްޔަންކުރުން ހުއްޓުވި އަމުރު ހައި ކޯޓުން ބާތިލްކޮށްފި

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް ކަމަށް އެޑިއުކޭޝަން މިނިސްޓަރު އާސިމް އަހުމަދު އައްޔަން ކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ސިވިލް ކޯޓުން އެފަދަ އަމުރެއް ނެރުނީ އެލްޖީއޭގެ ރައީސް ކަމަށް އާސިމް އައްޔަން ކުރުމަށް ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަންކަމަކީ އެލްޖީއޭގެ ހިންގާ ގަވާއިދާ ޚިލާފް ނިންމުންތަކެއް ކަމަށް ކަނޑައަޅައިދޭން އެދި އެލްޖީއޭގެ ނައިބު ރައީސް ޝުޖާއު ހަސަން ކުރެއްވި ދައުވާގަ އެވެ.
އެ މައްސަލައިގައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ މައްސަލައިގައި ދައުވާ ކުރުމުގެ ހައްގު ޝުޖާއު އަށް އެބައޮތް ކަމަށް އެ މައްސަލަ ބެލި ފަނޑިޔާރުންނަށް އެއްބަސްވެވޭ ކަމަށެވެ. ނަމަވެސް އެ އަމުރު އެގޮތަށް ނުނެރެފި ނަމަ ޝުޖާއު އަށް ލިބިދާނެ އިއާދަނުކުރެވޭނެ ގެއްލުމެއް ޝުޖާއު އަށް ދެއްކިފައިނުވާ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެ އަމުރު އެގޮތަށް ނެރުމުން އެލްޖީއޭގެ ހިންގުމަށް އުނދަގޫވެ، ދައުލަތަށް ދަތިތަކެއް ކުރިމަތިވެފައިވާކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އެކަންކަމަށް ރިއާޔަތްކޮށް ބަލާއިރު ވަގުތީ އަމުރެއް ނެރުމުގައި ފުރިހަމަވާންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ހުރިހާ ޝަރުތެއް ޝުޖާއުގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.
އެހެންކަމުން ސިވިލް ކޯޓުގެ އެ އަމުރު ބާތިލްކޮށްފައިވަނީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވެސް އެއްބަސްވެ ވަޑައިގެންނެވެ. އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު އައްބާސް ޝަރީފެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ.
މީގެކުރިން ވެސް ޝުޖާއު އެ ދައުވާ ކުރެއްވި އެވެ. ނަމަވެސް އޭރު އޭނާ އެ ދައުވާ ކުރެއްވީ އަމިއްލަ ހައިސިއްޔަތުން ކަމަށްވާތީ އެ ދައުވާ އެގޮތުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ކަނޑައެޅި އެވެ. މިހާރު ޝުޖާއު އެ ދައުވާ ކުރައްވަނީ އެލްޖީއޭގެ ނައިބު ރައީސްގެ ހައިސިއްޔަތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ