މަހުޖަނަކު ވެރިކަމަށް ގެންނަން ނުވާނެ ކަމަށް ރައީސް ވިދާޅުވި ވާހަކައަށް ގާސިމް ރައްދުދެއްވައިފި

ރައީސް މުހައްމަދު ވަހީދަށާއި އެ މަނިކުފާނުގެ ނާއިބަށާއި ރަނިން މޭޓަށް ޖުމްހޫރީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިރޭ ފާޑުވިދާޅުވެއްޖެ އެވެ.ގާސިމަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މަހްޖަނުކަމަށް ވުމުން އޭނާ ވެރިކަމަށް ގެންނަން ނުވާނެ ކަމަށް ރައީސް ވަހީދު ރޭ ވިދާޅުވެފައިވާއިރު، މިރޭ ރާޅުގަނޑުގައި ބާއްވަމުންދާ ޖުމްހޫރީ ޕާޓީގެ ހާއްސަ ޖަލްސާގައި ގާސިމް ވިދާޅުވީ އެއީ "ހެއްވާ ވާހަަކަ"އެއް ކަމަށެވެ.ގާސިމަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް މަހްޖަނު ކަމަށް ވުމުން އޭނާގެ
ވެރިކަމެއްގައި މަސްލަހަތު ފުށުއެރުން ބޮޑުވާނެ ކަމަށް ބައެއް ބޭފުޅުން
ވިދާޅުވަމުންދާއިރު، އޭނާގެ ވެރިކަމެއްގައި ގާނޫނާ ހިލާފަށް ޒައްރެއްގެ
މިންވަރު ވެސް ނުހޯއްދަވާނެ ކަމަށް ޚަތިމުގައި އަތްލައްވައި އޭނާ
މިރޭ ހުވާކުރެއްވި އެވެ."އަޅުގަނޑު ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި
އަޅުގަނޑު ކޮށްގެން ހުރި ހުވައާ ހިލާފަށް ހަމަ އެއްވެސް އެއްޗެއް،
ޒައްްރެއްގެ މިންވަރު ވެސް އަޅުގަނޑު މި ދިވެހި އުއްމަތުން އަޅުގަނޑު
ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަ ދުވަހުގައި ވެސް ނުނަގާނެ ކަމަށް ﷲ
ގަންދީ ހުވާ މިކުރީ،" ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވާ ޖަލްސާގައި ވިލާ ކުންފުނީގެ ބާނީ ވިދާޅުވި އެވެ.ގާސިމް ވިދާޅުވީ ރައީސްކަަމަށް ހޮވާ ބޭފުޅަކީ މަހްޖަނަކަށް ވެގެން ނުވާނެ ކަމަށް ރައީސް ވަހީދު ގަބޫލުކުރައްވާއިރު، އެ މަނިކުފާނުގެ މިހާރުގެ ނައިބު މުހައްމަދު ވަހީދުއްދީނަކީ ވެސް "އަޅުގަނޑު ފަދަ ފަގީރެއް" ކަމަށެވެ."އަޅުގަނޑަށް ހީވަނީ މިވަރު ވީމާ ތަންކޮޅެއް ބޮޑުހެން އިނގޭތޯ؟ މީހުންނަށް ފުރައްސާރަކުރުމާއި މަލާމަތްކުރުން، ދިމާކުރުން،" ގާސިމް ވިދާޅުވި އެވެ.ރައީސް ވަހީދުގެ މިހާރު ރަނިން މޭޓް އަހްމަދު ތަސްމީން އަލީއަކީ ވެސް "އަޅުގަނޑު ފަދަ ފަގީރެއް" ކަމަށާއި އޭނާ އަށް ވުރެ ވެސް ތަސްމީން "ފަގީރެއްހެން" ހީވާ ކަމަށް ގާސިމް ވިދާޅުވި އެވެ.ތަސްމީނުގެ މުއްސަދިކަން ދެއްކެވުމަށް ގާސިމް ވިދާޅުވީ އޭނާ ޕިކްނިކް ވަޑައިގަތުމަށް ހާއްސަ ރަށެއް ނޯންނަ ކަމަށާއި ނަމަވެސް ތަސްމީނު ޕިކްނިކް ވަޑައިގެންނެވުމަށް ވ. އަތޮޅުގައި އާރަށް ކިޔާ ރަށެއް އޮންނަ ކަމަށެވެ. އެރަށަކީ "ގަހުރަމާނުންނާއި ބާނދީންނާއި ހުރިހާ ކަމެއް ފުރިހަމަކުރައްވާފައިވާ" ރަށެއް ކަމަށް ގާސިމް ވިދާޅުވި އެވެ."ގަައުމައިގެން ކުރިއަށް ކޯލިޝަން" އިން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި
ކެމްޕެއިން ޖަލްސާގައި، ގާސިމްގެ ނަން ވިދާޅުނުވެ ރައީސް ވަހީދު ވިދާޅުވީ
"ގައުމުގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ ވެރިކަމަށް ނުގެންނަންވީ
ސަބަބުތަކެއް އެބަހުރި" ކަމަށެވެ. އަދި އެއީ އޭނާއާ ޒާތީ ތައައްސުބެއް
އޮވެގެން ނޫން ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.އެމަނިކުފާނު
ވިދާޅުވި ގޮތުގައި "ގައުމުގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ" ވެރިކަމަށް
ނުގެންނަންވީ ޓޫރިޒަމާއި މަސްވެރިކަމާއި ފެކްޓަރީތަކާއި އިންސާނީ
ވަސީލަތްތަކުގެ ބޮޑު ބައެއް ގައުމުގެ ނިސްބަތުން އޭނާ ހިއްސާ ކުރައްވާތީ
އެވެ."އެ ކަހަލަ ވާހަކަ [ރައީސް ވަހީދު] ދައްކަވާއިރު، ދެކޮޅު ނުޖެހޭ ވާހަކަ ދައްކަވާއިރު، އަމިއްލަ ފައިގަ ކަތިވަޅިން ޖައްސަވާކަން ނުވާނެ. އެއީ ދެރަވަރު ކަންތައްތަކޭ. ހަސަދަވެރިވާން ވާނީ ވެސް އަދި ކެމްޕޭނުގައި ވާހަކަ ދައްކަވަން ވާނީ ވެސް އަސާސްތަކެއްގެ މައްޗަށް ބިނާކޮށްގެން. މީހުންނަށް އޮޅުވާލާކަށް ނުވާނެ،" ގާސިމް ވިދާޅުވި އެވެ."[ނަމަވެސް] އަޅުގަނޑު މައާފު ކޮށްފިން ޑރ. ވަހީދަށް އިނގޭތޯ. އަޅުގަނޑު ހިތުގައި އެއްވެސް ނުބައިކަމެއް ނެތް."އެއްބުރުން އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް މިރޭ ވެސް ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވެރިކަން ހޯއްދެވުމަށް ނުކުންނެވީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެން ދާތީ އާއި ކޮރަޕްޝަނާއި ފަސާދަ އިންތިހާއަށް ގޮސްފައިވާތީ ކަމަށެވެ. އަދި ފުލުހުންނާއި ސިފައިންނާއި ޖުޑީޝަރީ އާއި މުއައްސަސާތަކުގެ ހިންގުން ހުއްޓި، އެކަކު އަނެކަކަށް ޖެއްސުންކުރަމުން ގޮސް، މުޅި ގައުމު ސުންނާފަތިވަމުންދާތީ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.  މިރޭގެ ޖަލްސާގައި ކުރީގެ މިނިސްޓަރު އިލްޔާސް އިބްރާހިމް އާއި އައްބާސް އިބްރާހިމް އަދި ސަމަރުބްލޫ އިބްރާހިމް މަނިކު ބައިވެރިވެވަޑައިގެންނެވިއިރު، އެ ބޭފުޅުން ގާސިމަށް ތާއިދުކުރައްވާތީ ޝުކުރު އަދާކުރެއްވެވި އެވެ. އަދި އެބޭފުޅުން ނިސްބަތްކޮށް ގާސިމް ވިދާޅުވީ އެންދެރިމާގޭ ބޭފުޅުންނަކީ ގައުމުދެކެ ލޯބިވާ ބޭފުޅުން ކަމަށެވެ.ގާސިމް ވިދާޅުވި ގޮތުގައި ކުޑަކުއްޖެއްގެ ގޮތުގައި އޭނާ މާލެ ވަޑައިގެންނެވިއިރު، އޭނާގެ ކުޑަސިޓީގައި ސޮއިކުރެއްވީ އިލްޔާސެވެ.މިރޭގެ ޖަލްސާގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ ބަޔަކު ޖުމްހޫރީ ޕާޓީން މާލެ ގެނަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ