ޕީޕީއެމްގެ ޕްރައިމަރީގައި އަބްދުﷲ ޔާމީނާ ވާދަކުރެއްވި އުމަރު ނަސީރު އެ ޕާޓީން ވަކިކުރުމާ އެކު އުމަރުގެ ސަޕޯޓަރުން ވަރަށް ބޮޑަށް ރުޅިގަދަވެ ޕީޕީއެމްގެ އޮފީސް ދޮށަށް އެއްވެ އަޑު އުފުލައިފި އެވެ. ޕީޕީއެމުން އުމަރު ވަކިކުރި ކަން ރަސްމީކޮށް އަންގައި މިއަދު ލިޔުން ފޮނުފާފައިވާ ކަމަށް އެ ޕާޓީގެ ކައުންސިލް މެމްބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވި އެވެ.
ޕީޕީއެމުން އުމަރު ވަކިކުރިކަން މީޑިއާގައި ފެތުރުމާ އެކު އުމަރަށް ތާއީދުކުރާ ބަޔަކު ވަނީ ޕީޕީއެމްގެ އޮފީސް ދޮށަށް އެއްވެ އެ ޕާޓީގެ ކައުންސިލާ ދެކޮޅަށް އަޑު އުފުލާފަ އެވެ. އަދި އެ ޕާޓީން އުމަރު ވަކިނުކުރެވޭނެ ކަމަށް ވެސް އެ މީހުން ގޮވާފައި ވެ އެވެ. އެ މީހުން އެ ސަރަހައްދުން ދުރުކުރީ ފުލުހުންނެވެ.
މަންޒަރު ދުށް މީހަކު ބުނީ އެ ވަގުތު ސަރަހައްދަށް ދިޔަ ރާއްޖެ ޓީވީގެ ކްރޫ އަށް އުމަރުގެ ސަޕޯޓަރުން ހަމަލާ ދީފައިވާ ކަމަށެވެ. އަދި އެ ތަނަށް އައި ފުލުހުން ރާއްޖެ ޓީވީގެ ދެ ކެމެރާމަނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އެ ޓީވީން ވަނީ ބުނެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރާއްޖެ ޓީވީގެ ދެ މީހުން ހައްޔަރު ނުކުރާ ކަމަށާއި އެ މީހުން އެ ސަރަހައްދުން ގެންދިޔައީ ރައްކާތެރިކަން ދިނުމުގެ ގޮތުން ކަމަށެވެ.
"އެ ތަނުގައި މަސްލަހަތު ގޯސްވާތީ އެ މީހުން އެ ސަރަހައްދުން ގެންދިޔައީ. ވެހިކަލްގައި ދާން ބުނުމުން އެ މީހުން ބޭނުންވީ ހިނގާފައި ދާން. ނަމަވެސް އަނެއްކާ ވެސް ވީޑިއޯ ކުރަން ފެށުމުން މަސްލަހަތު ގޯސްވުމާ ގުޅިގެން އެ މީހުން އެ ސަރަހައްދުން ގެންދިޔައީ. އެ މީހުން މިހާރު ތިބީ ފޯމަލިޓީސް ފުރިހަމަކުރުމަށް،" އޮފިޝަލް ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕްރައިމަރީ ކާމިޔާބުކުރެއްވި އަބްދުﷲ ޔާމީނަށް ތުހުމަތުތަކެއްކޮށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމާ ގުޅިގެން، ޕީޕީއެމްގެ އަސާސީ ގަވައިދާ އެއްގޮތަށް "އިސްލާހުވުމަށް" ދިން މުއްދަތުގައި އުމަރު އެކަންކޮށްފައި ނުވާތީ އުމަރު އެ ޕާޓީން ވަކިކުރަން ސުލޫކީ ކޮމިޓީން ނިންމާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ކޮއްކޯފުޅު އަދި މުލަކު ދާއިރާގެ މެމްބަރުގެ ގޮތުގައި ވެސް ހުންނެވި ޔާމީނާ ވާދަކުރެއްވައި ނާކާމިޔާބުވެވަޑައިގެންނެވި އުމަރު ވިދާޅުވީ އޭނާ ޕާޓީން ވަކިކުރަން ނިންމީ ބުރާސްފަތި ދުވަހު ނޫން ކަމަށާއި "އެއީ މާކުރިން ވެސް ނިންމާފައިވާ ކަމެއް" ކަމަށެވެ.
"ކޯޓަށް މައްސަލަ ގެންދާނެކަން އެނގުނު ހިސާބުން އަޅުގަނޑު ޕާޓީން ވަކިކުރަން ވަނީ ނިންމާފައި. އެއީ އެ މައްސަލައިގައި އަލުން އިންތިހާބު ބާއްވަން ކޯޓުން އަމުރުކުރުމަކީ ވަރަށް އެކަށީގެންވާ ކަމެއް. އެހެންވެ އެފަދަ ހުކުމެއް އައުމުގެ ކުރިން އަޅުގަނޑު ޕާޓީން ވަކިކުރަން ބޭނުންވަނީ. މިފަދަ ހާލަތެއްގައި އަޅުގަނޑު ޕާޓީން ވަކިކުރެވިދާނެތޯ، ކޯޓުގައި ސުވާލުކުރާނަން،" ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސަކަށް ވެސް ކުރިން ހުންނެވި އުމަރު އިއްޔެ ވިދާޅުވެފައިވެ ވިދާޅުވި އެވެ.
އުމަރު ވަކިކުރިކަން އެންގުމާ އެކު ސަޕޯޓަރުން ރަތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ