އެވިޑް ކޮލެޖްގެ ވައިސް ރެކްޓަރ ގެ މަގާމަށް ޑރ.އަބްދުﷲ ރަޝީދު އަހުމަދު ހަމަޖައްސަވައިފިއެވެ.
މިރޭ އެ ކޮލެޖްގައި ބޭއްވުނު ރަސްމިއްޔާތުގައި ވައިސް ރެކްޓަރގެ ފަތްކޮޅު ޑރ.އަބްދުﷲ ރަޝީދު އަށް އަރުވައި ދެއްވީ ކޮލެޖްގެ ޗެއާމަން އަބްދުﷲ މުޝްތާގް އެވެ. ވައިސް ރެކްޓަރގެ މަގާމަކީ އެވިޑް ކޮލެޖްގައި މުޅިން އަލަށް ގާއިމް ކުރެވުނު މަގާމެކެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮލެޖްގެ ޗެއާމަން މުޝްތާގް ވިދާޅުވީ، ކޮލެޖްއިން އަބަދުވެސް ދެކެން ބޭނުންވަނީ ކޮލެޖް އިތުރަށް ރަނގަޅުވެގެންދާނެ ފަދަ ގާބިލް ބޭފުޅުން ކޮލެޖްގެ ވަޒީފާތަކަށް ނުކުތުން ކަމަށެވެ.
އެގޮތުން ވައިސް ރެކްޓަރއެއް ގޮތުގައި ބޭފުޅެއް އައްޔަން ކުރެވިފައިވަނީ ކޮލެޖްގެ ހިންގުން އިތުރަށް ރަނގަޅުކޮށް، ކޮލެޖްގެ ކޮލިޓީ ރަނގަޅު ކުރުމަށް އަދި ކުރިއަށް އޮތްތަނުގައި ކޮލެޖް، ޔުނިވާސިޓީއަކަށް ބަދަލު ކުރުމަށްޓަކައި ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށާއި ރިސާޗް ސެންޓާރ އެއް ހެދުމަށް މަސައްކަތް ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ވައިސް ރެކްޓާރގެ ބެލުމުގެ ދަށުން ޔުނިވަސިޓީއަކަށް ބަދަލު ކުރުމާއި ކޮލެޖްގެ ރިސާޗް ސެންޓަރ ހެދުމުގެ ކަންކަން ވަރަށް ބޮޑަށް ކުރިއަށް ދާނެ ކަމަށްވެސް މުޝްތާގް ވިދާޅުވިއެވެ. މީގެ އިތުރުން ޑރ އަބްދުﷲ ރަޝީދުގެ އިރުޝާދުގެ ދަށުން ކޮލެޖްގެ ކޮލިޓީ ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށްވެސް މުޝްތާގް ފާހަގަ ކުރެއްވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވައިސް ރެކްޓަރ ޑރ.އަބްދުﷲ ރަޝިދު ވިދާޅުވީ، އެންމެ ބޮޑު އަމާޒަކަށް ވާނީ ކޮލެޖްގެ ލެކްޗަރާރ އިންނާއެކު މަސައްކަތް ކޮށް ދަރިވަރުންނަށް ދެވެ ތައުލީމުގެ ފެންވަރު ރަނގަޅު ކުރުން ކަމުގައެވެ.
އަދި ދަރިވަރުންގެ ކަންބޮޑުވުންތަކާއި ދަރިވަރުންގެ އިހްސާސްތައް އަޑުއަހާ ބައެއް ކަމުގައި ކޮލެޖްގެ އިސްވެރިން ވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް ކުދިންގެ ޒިންމާތައް ވެސް ފުރިހަމަ އަށް އަދާކުރުމަށް ހަނދާންކޮށްދެއްވިއެވެ.
ޑރ.އަބްދުﷲ ރަޝީދު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ރަނގަޅު ބަދަލުތަކެއް ދަރިވަރުންނަށް ފެނިގެންދާނެ ކަމަށެވެ. އެގޮތުން މެއި މަހުގައި ރިސާޗް ސެންޓަރ ގާއިމް ކުރެވޭނެ ކަމަށާއި އެތަނުގައި ރިސާޗްތަކުގައި އެހީތެރި ވާނެ ޓީމެއްވެސް އޮންނާނެ ކަމަށް ވިދާލުވިއެވެ. ހަމައެހެންމެ ޔުނިވަސިޓީ އަކަށް ބަދަލު ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ވެސް ކުރާނެ ކަމަށް ވިދާޅުވިއެވެ.
ޑރ އަބްދުﷲ ރަޝީދަކީ ތައުލީމީ ދާއިރާގައި ވަރަށް ގިނަ ދުވަހު އަގުހުރި މަސައްކަތް ތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ދިވެހިރާއްޖޭގައި ދެވޭ ޕްރިންސިޕަލުންގެ އެވޯޑްގެ އެންމެ ރަނގަޅު ޕްރިންސިޕަލްގެ އެވޯޑްވެސް ހާސިލް ކޮށްފައިވަނީ ޑރ.އަބްދުﷲ ރަޝީދުއެވެ.
އެވިޑް ކޮލެޖްގެ ވައިސް ރެކްޓަރގެ މަގާމަށް ޑރ.އަބްދުﷲ ރަޝީދު ހަމަޖައްސަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ