(ރ. އިންނަމާދޫ) އިންނަމާދޫ / ސީތާ، އުމުރުން 66 އަހަރުގެ އަހުމަދު ނިޒާރަކީ ހިދުމަތްތެރި އާއިލާއަކަށް އުފަން ހިދުމަތްތެރި ދަރިއެކެވެ. ރަށުގެ ވެރިކަމުގެ ދާއިރާގައި 20 އަހަރު މަސައްކަތްކުރި ތަޖުރިބާކާރެކެވެ. ބައްޕަގެ 40 ވަރަކަށް އަހަރުގެ ހިދުމަތް ބަލައި ތަމްރީނުވި "މޮޅ" ދަރިއެކެވެ. އުމުރުން އެންމެ 21 އަހަރުގައި ރައްޔިތުންގެ ހިދުމަތަށް ނިކުތް ކެރޭ އަދި ހަރުދަނާ ބޭފުޅެކެވެ.
ނާސިރުގެ ވެރިކަމުގެ ތެރޭގައި، ރާއްޖެތެރޭގެ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތްކޮށް، އަދި މިރަށުގެ އެހެނިހެންވެސް އިސް މަޤާމުތަށް ފުރުއްވާފައިވާ ނިޒާރު އަކީ އިންނަމާދޫގެ ކުޑަކަތީބުކަން 1965 ވަނަ އަހަރުން ފެށިގެން 8 އަހަރުވަންދެން ކޮށްފައިވާ ބޭފުޅެކެބެ. އޭގެ އިތުރުން 1997 ވަނައ އަހަރު އޭނާ ވަނީ ހުވަދުއަތޮޅު އުތުރުބުރީގެ އަތޮޅުވެރިކަންވެސް ކުރައްވާފައެވެ.
މިރަށު ގިނަ ބަޔަކު ދަންނަ އަދި އެތައް ބައެއްގެ ލޯބި ލިބިފައިވާ ނިޒާރު ވިދާޅުވިގޮތުގައި، އޭރު ކޮށް އުޅުނުވެރިކަމާއި މިއަދު ކުރަމުންދާ ވެރިކަން ޒަމާން ބަދަލުވެގެން އައި އިރު ފެންނަނީ ވަރަށް ބޮޑަށް ބަދަލުވެފައިވާތަން ކަމަށެވެ. އެގޮތުން ރަނގަޅު އަދި ނުރަނގަޅު ކަންތައްވެސް ފެންނައިރު އެއީ ދުނިޔޭގެ ކަން ހިނގާ އުސޫލުކަން ޤަބޫލުފުޅު ކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.
"ނާސިރުގެ ވެރިކަމުގައި އަޅުގަނޑު 9 އަހަރު ހޭދަކުރިން. ބަލި ހާލަތެއް ޖެހިއްޖެ ނަމަ އޭރު ސަރުކާރަށް ދަންނަވާނީވެސް. އެހީތެރިކަން ލިބޭނެ. ހާއްސަ ގޮތެއްގައި ބަލި މީހުންގެ ކަންތައް ގާތުން ދެނެގަތުމަށްޓަކައި ވެރިން ރަނގަޅު ދައުރެއް އަދާކުރާތަން ފެނޭ" ނާސިރުގެ ވެރިކަމުގައި ކުރި ތަޖުރިބާތައް ކިޔައިދެމުން ނިޒާރު ވިދާޅުވިއެވެ.
ރަށުގެ ވެރިކަން ކުރީގައި އޮންނަ ގޮތް ސިފަކުރަމުން ނިޒާރު ވިދާޅުވީ، "މިހާރަށްވުރެ ބޮޑަށް އޭރު" ރައްޔިތުންނަށް އަޅާލުން ލިބޭ ކަމަށާއި، ލޯކަލް ކައުންސިލް އުފެދުނު ފަހުން އޭރުކުރިފަދަ ޒިންމާދާރު މަސައްކަތްތަކެއް ނުފެންނަ ކަމަށެވެ.
މިރަށުގައި ގިނަ ތަޖުރިބާތަކެއް ކޮށް މިރަށު ރައްޔިތުންނަށް ހިދުމަތްކޮށް ދިނުމުގައި އެތައް އަހަރެއް ހޭދަކުރެއްވި ނިޒާރު ވިދާޅުވީ، 1960 ހިސާބުގައި މިރަށުގައި ދިރިއުޅުނީ ގާތްގަނޑަކަށް 260 ވަރަކަށް މީހުން ކަމަށްވާއިރު، ރަށުގެ އެންމެންވެސް އެއް އާއިލާއެއްގެ ގޮތުގައި އޭރު ފެންނަ ކަމަށެވެ. އެހެން ނަމަވެސް މިއަދު އެކަން ބަދަލުވެ ރައްޔިތުންގެ މެދުގައި އޮންނަން ޖެހޭ އެކުވެރިކަމަށް ހީނަރުކަން އައިސްފައިވުމީ ހިތާމަކުރާ ކަމެއް ކަމަށް ނިޒާރު ވިދާޅުވިއެވެ.
"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެ ބަދަލު އައީ ވެރިކަމުގެ ނިޒާމަށް އައި ބަދަލުގެ ސަބަބުން. ކުރީގައި އޮފީސް ބަޖެޓެއް ނޯވޭ. ރުއްގަހުގެ ވާރުވާއިން އޮފީސް ހިންގަނީ. ފައިސާގެ އެހީ ސަރުކާރުން އޭރު ދެނީ މަދު ފަހަރެއްގައި. އެހެން ނަމަވެސް ވެރިން މަސައްކަތްކުރަނީ އެކަތިގަނޑެއްގެ ގޮތުގައި. އެ މަސައްކަތް ކާމިޔާބު ވަނީވެސް އެހެންވެގެން" ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވިގޮތުގައި މުޖުތަމަޢަތް މިހާރުކޮށްފައިވާ ނޭދެވޭ އަސަރު އެންމެ ރަނގަޅަށް ދަންނާނެ ބަޔަކީ ދުވަސްވީ މީހުން ކަމަށްވާއިރު، މިއަދުގެ މުޖުތަމަޢު މިވަނީ ކަންބޮޑުވާންޖެހޭހައި ނުރަނގަޅު ކަންތަކުން ފުރިފައި ކަމަށެވެ. އެފަދަ ކަންތައްތައް ކުރިއެކޭ އެއްގޮތަށް ބަދަލުވެގެން ދިއުމަކީ ނިޒާރު އެދޭ ގޮތެވެ.
"ވެރިއެއްގެ ކުރިމަތިން ހުރަސް ކަނޑާލާފައި އޭރު އާންމު މީހަކު ނުދާނެ. އެހާވެސް އިހުތިރާމް ކުރޭ. މިއަދު އެމަންޒަރެއް ނުފެނޭ. ވެރިންގެ ކުރިމަތީގައި ބޭނުން ގޮތެއް ހަދާތަން މިފެންނަނީ. މިއީ ހިތާމަހުރި ކަމެއް" ނިޒާރު ވިދާޅުވިއެވެ.
ނިޒާރުގެ ދިގު ތަޖުރިބާގައި އޭނާ އެންމެ ފާހަގަކުރާ ކާމިޔާބީތަކަކީ މިރަށުގެ ކުޑަ ކަތީބުކަމުގައި ހުރިއިރު ރައްޔިތުންގެ އެހީތެރިކަމާއެކު މިސްކިތެއް އެޅުމުގެ އިތުރުން، ހުވަދު އަތޮޅު އަތޮޅުވެރިކަމުގައި ހުންނެވިއިރު އެއަތޮޅަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ކުރެވުނު މަސައްކަތެވެ. މިކަންކަމުގައި އޭރު ސަރުކާރުގައި އިސްކޮށް އުޅުއްވި އަބްދުﷲ ހަމީދުފަދަ ބޭފުޅުންގެ ނަން މިއަދުވެސް ނިޒާރު ފާހަގަކުރަނީ ޝުކުރުވެރިކަމާ އެކުގައެވެ.
"ވަގުތު" އިން ރ.އަތޮޅަށް ކުރި "ހޭރިޔާ" ދަތުރުގެ މެއިން ސްޕޮންސަރ އަކީ މޯލްޑިވް ގޭސް އެވެ.
އަހުމަދު ނިޒާރު: ގިނަ ތަޖުރިބާތަކެއް ކުރި ހިދުމަތްތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ