އަދާލަތު ޕާޓީގެ ރައީސާއި ނާއިބު ރައީސްގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި

ޢަދާލަތު ޕާޓީގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފި އެވެ.
އަދާލަތު ޕާޓީގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ މިއަދުން ފެށިގެން އަންނަ މެއި މަހުގެ 11ގެ ނިޔަލަށެވެ. ތިން ހާސް ހަސަތޭކަ އަށް ވުރެ، ގިނަ މެންބަރުންގެ މައްޗަށް އެކުލެވޭ އަދާލަތު ޕާޓީގެ ރައީސާއި ނައިބް ރައީސް ހޮވަން ހަމަޖެހިފައި ވަނީ އަންނަ މެއި މަހުގެ 27 އެވެ.
އަދާލަތު ޕާޓީން ބުނީ މި އަހަރު ޖުލައި، 4-6، ގައި ބާއްވާ އެ ޕާޓީގެ ގައުމީ މަޖިލިސްގައި އިންތިހާބު ކުރާ ފަސް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް މިއަދު ހުޅުވާލައިފައިވާ ކަމަށެވެ. އެއީ ފަނޑިޔާރުންގެ މަޖިލީހުގެ ފަސް މެންބަރުންނާއި މަޝްވަރާ މަޖިލިސް 12 މެންބަރުންގެ އިތުރުން އަންހެނުންގެ މަޖިލީހުގެ 21 މެންބަރުންނާއި ޒުވާނުންގެ މަޖިލީހުގެ 21 މެންބަރުންގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ބަންދުވަނީ ޖޫން މަހު 1 ވަނަ ދުވަހު ކަމަށެވެ.
އަދާލަތު ޕާޓީގެ ރައީސްއާއި ނައިބު ރައީސް އަންނަ މަހު ހޮވާއިރު، އެ ޕާޓީގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިހު ހުސައިން ރަޝީދު އިބްރާހިމް ވިދާޅުވެފައި ވަނީ އެނާ ދެން އެ މަގާމަށް ކުރިމަތި ނުލައްވާނެ ކަމަށެވެ. އަދި ހުސައިން ރަޝީދު އެ މަގާމަށް ކުރިމަތި ނުލައްވާނެ ކަމަށް އިއުލާން ކުރެއްވުމުން ގިނަ ބަޔަކު އުންމީދު ކުރަނީ ޝެއިހް މުހައްމަދު ޝަހީމް އަލީ ސައިދު އެ މަގާމަށް ކުރިމަތިލައްވާނެ ކަމަށެވެ. ނަމަވެސް ޝަހީމް މިއަދު ވިދާޅުވެފައި ވަނީ އަދާލަތު ޕާޓީގެ އިސްމަގާމަށް ކުރިމަތިލުމަށް ނިންމާފައި ނުވާ ކަމަށެވެ.
"އަޅުގަނޑު ރައީސް ކަމަށް ވެސް އަދި ނައިބު ރައީސް ކަމަށް ވެސް ކުރިމަތި ނުލާނަން. އެފަދަ މަގާމަކަށް ކުރިމަތިލުމުގެ ފިކުރެއް އަދި ނެތް،" އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވުމަށް ފަހު އިސްތިއުފާ ދެއްވައި، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންދާ ޝަހީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ