މިސްރު ރައްޔިތުން މަރާކަށް އަމުރެއް ނުކުރަން – މުބާރަކް

މިސްރުގެ ވެރިކަމާއި ދެކޮޅަށް 2011 ވަނަ އަހަރު މުޒާހަރާ ކުރި މީހުން މަރަން އަމުރުކޮށްފައި ނުވާނެ ކަމަށް ވިދާޅުވެ މިސްރުގެ އޭރުގެ ރައީސް ހުސްނީ މުބާރަކް އޭނާގެ މައްޗަށް އުފުލިފައިވާ މިސްރު ރައްޔިތުން މަރަން އަމުރު ކުރިކަމުގެ ދައުވާ އަށް އިންކާރު ކުރަށްވައިފިއެވެ.
މުބާރަކްގެ މައްޗަށް ދައުވާ ކުރަނީ އޭނާގެ ވެރިކަން ވެއްޓެން މެދުވެރިވި މުޒާހަރާ 2011 ވަނަ އަހަރު ކުރިއަށް ދިއަ ދުވަސްވަރު އޭނާގެ އަމުރަށް ސިފައިން ދިން ހަމަލާތަކުގައި 850 މީހުން މަރުވެފައި ވަނީ މީހުން މަރަން މުބާރަކް ކުރި އަމުރަށް ސިފައިން ދިން ހަމަލާތަކުގައި ކަމަށް ބުނެއެވެ.
މިސްރުގެ ވެރިރަށް ގާހިރާގެ ކޯޓެއްގައި ކުރިއަށްދާ ޝަރީއަތުގައި މުބާރަކް މިއަދު ބުނީ "ވެރިކަމާއި ދެކޮޅަށް މުޒާހަރާ ކުރި މީހުން މަރާކަށް އަހަރެން އަމުރެއް ނުކުރަން. އަދި މިސްރުގެ އެއްވެސް ރައްޔިތަކު މަރާކަށް އަހަރެން އަމުރެއް ނުކުރަން" ކަމަށެވެ.
ވެރިކަމުގައި ހުރި އިރު ދުޝްމަނުން މަރަން އަމުރު ކުރި ކަމަށާއި ނަމަވެސް ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ ބަޔަކު މަރަން އަމުރުކޮށްފައި ނުވާނެ ކަމަށް މިސްރުގެ ވެރިކަން 30 އަހަރު ކުރަށްވާ 2011 ވަނަ އަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހު ވެރިކަމުން އިސްތިއުފާ ދެއްވި މުބާރަކް ވިދާޅުވިއެވެ.
18 ދުވަހަށް ދެމިގެން ދިއަ މުޒާހަރާގައި މުބާރަކްގެ ވެރިކަން އެންމެފަހުން ވެއްޓުނީ ވެރިކަން ދިފާއުކުރަން ނިކުންނަން ސިފައިން ދެކޮޅު ހެދުމުންނެވެ. މުބާރަކްގެ ވެރިކަން ވައްޓާލުމުގައި އަސްކަރިއްޔާގެ ތެރެއިން އެންމެ ވަރުގަދަ އަށް މަސައްކަތް ކޮށްފައި ވަނީ މިސްރުގެ މިހާރުގެ ރައީސް އަދި އޭރު ސިފައިންގެ ވެރިޔާގެ މަގާމުގައި ހުރި އަބުދުލް ފައްތާހު އަލްސީސީ އެވެ.
މުބާރަކްގެ ވެރިކަމާއި ދެކޮޅަށް މުޒާހަރާ ކުރި މީހުން މަރަން އަމުރު ކުރި ކަމުގެ ދައުވާ މުބާރަކުގެ އިތުރުން އޭނާގެ ވެރިކަމުގެ އިސް މަގާމުތައް ފުރުއްވެވި ބައެއް ބޭފުޅުންގެ މައްޗަށް ވެސް އުފުލާފައި ވެއެވެ. އޭގެ ތެރޭގައި އޭރުގެ އިންޓީރިއާ މިނިސްޓަރ ހަބީބް އަލް އަދުލީ ވެސް ހިމެނެއެވެ.
މުބާރަކްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތެއް ދެން އޮންނާނީ އަންނަ ސެޕްޓެމްބަރ މަހުގެ 27 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ