ޢީދު ދުވަހުގެ ހަވީރު ފައިމަގުގައި އުޅޭގޮތަށް ހަމަޖައްސައިފި

ފިތުރު ޢީދު ދުވަހުގެ ހަވީރު މާލޭގެ މަގުތަކުގައި ފައިމަގުގައި އުޅޭ ވަގުތުތަކެއް ހަމަޖައްސައިފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ޢީދު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 7:00 އާއި ދެމެދަކީ ފައިމަގުގައި އުޅޭ ވަގުތެއް ކަމަށް ހަމަޖައްސާފައިވާކަމަށެވެ.
އެ އޮތޯރިޓީން ބުނީ މިގޮތަށް ހަމަޖެއްސުމާއި ގުޅިގެން އެ ވަގުތުތަކުގައި ހުއްދަކޮށްފައިވާ އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތައް ދުއްވުމަކީ މަނާ ކަމެއް ކަމަށާ ހުރިހާ ފަރާތްތަކުންވެސް ޤަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކުރާކަމަށެވެ.
އަދި އެ އޮތޯރިޓީން ނިންމާފައިވާ މި ނިންމުމާއި ޚިލާފްވާ ފަރާތްތައް 750 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ވަނީ ބުނެފައެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ފައިމަގުގައި އުޅޭވަގުތު ދުއްވޭނެ އުޅަދުތަކުގެ މައުލޫމާތުވެސް އާންމުކޮށްފައެވެ.
އެގޮތުން އެ ވަގުތުތަކުގައި ދުއްވުން ހުއްދަކޮށްފައިވަނީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އުޅަނދުތަކާއި އެއްބިއުލާންސާއި ފުރާ މީހުން ބޭނުންކުރަން ހުއްދަ ދޭ ޓެކްސީ އާއި ޕިކަޕުގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވަން ޚާއްސަކޮށްފައިވާ ސައިކަލްތަކާއި ސިޓީ ކައުންސިލުން ހުއްދަ ދީފައިވާ ބަސްތައްކަމަށެވެ.
އަދި ހުއްދަ ދީފައިވާ އުޅަނދުތަކަށް ޚާއްސަ ހުއްދައެއް ހައުސިން މިނިސްޓްރީން ދޫކުރާނެ ކަމަށާއި އެފަދަ އުޅަނދުތަކުގައި އެ ހުއްދަ އާންމުކޮށް ފެންނާނެހެން ހަރު ކޮށްފައި ހުންނަންޖެހޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.
މީގެ ކުރީ އަހަރުތަކުގައިވެސް ޢީދު ދުވަހާއި ގުޅިގެން ފައި މަގުގައި ހިފާގައި އުޅޭ ވަގުތުތަކެއް ވަނީ ހަމަޖައްސާފައެވެ.
އެ ދުވަސްތަކުގައި މާލޭގައި ދިރިއުޅޭ ކުދިބޮޑު ގިނަ އަދަދެއްގެ ބަޔަކު މަގުތައްމައްޗަށް ނިކުމެ އުފާފާޅުކޮށް، ކުޅިވަރުކުޅެ ހަދާފައިވެއެވެ. އެ ކަމަކީ އާންމުންގެ ވަރަށް ބޮޑު އެދުމަކަށްވާއިރު، ގިނަ ބަޔަކު މިފަދަ ވަގުތުތަކަކަށް ދަނީ އިންތިޒާރުވެސް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ