ބަޔަކު ކޮންމެ ވާހަކައެއް ދެއްކިނަމަވެސް ރައީސް އަބުދުﷲ ޔާމީން އަވަހާރަކޮށްލުމަށް ހަމަލާދިން މީހުންގެ މައްޗަށް ގާނޫނީ ގޮތުން ދެވޭނެ އެންމެ ބޮޑު އަދަބު ދޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރައީސް އަވަހާރަކޮށްލުމަށް މަސައްކަތްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ނައިބް ރައީސް އަދީބްގެ މައްސަލަ ބަަލަމުންދަނީ ވަކި އަދަބެއް އަދީބްގެ މައްޗަށް ކަނޑައެޅުމަށްކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ވީޓީވީގެ ފަސްމަންޒަރު ޕްރަގްރާމްގައި މިނިސްޓަރު އުމަރު ރޭ ވިދާޅުވީ ރައީސަކު އަވަހާރަކޮށްލުމަށް ހަމަލާއެެއް ދިނުމަކީ އެންމެ ބޮޑު ކުށުން އެމީހާ ކުށްވެެރިވާނެ ކަމެއް ކަމަށެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ރައީސަކު އަވަހާރަކޮށްލުމަށް އެތެރެއިން ރޭވިގެން ހިންގި އެންމެ ބޮޑު ޖަރީމާ ކަމަށާ އެކަންކުރީ ކޮންމެ ބަޔަކު ނަމަވެސް އެބަޔަކު އިންސާފްގެ ކުރިމައްޗަށް ގެންނާނެ ކަމަށް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އެކަންކުރި މީހުންނަށް ގާނޫނުގައި އޮތް އެންމެ ބޮޑު އަދަބެއް ކަނޑައެޅޭނެ ކަމަށާ އަދި އެ އަދަބު ސަރުކާރުން އެބައެއްގެ މައްޗަށް ތަންފީޒުކުރާނެ ކަމަށެވެ.
"މިއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. ބަޔަކު ދައްކާ ވާހަކަތަކަށް ސަރުކާރުން ސަމާލުކަމެއް ނުދޭނެ. މިކަންކުރީ ކޮންމެ މީހަކަށްވިޔަސް އެމީހަކަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދޭނަން،" އުމަރު ވިދާޅުުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރިޔާސީ ލޯންޗުގެ ތަހްގީގަށް އެމަނިކުފާނު ނުފޯޒު ފޯރުވާކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ކަމަށާ މިވަގުތު އަދާކުރައްވަމުން ގެންދަވާ ޒިންމާގެ ގޮތުން މިމައްސަލައަށް ފޯރުވެން އޮތް ނުފޫޒެއް ފޯރުވާނެ ކަމަށެވެ. އެއީ މައްސަލާގައި ހިމެނޭ ހަގީގީ ކުށްވެރިން ހޯދާ އެމީހުންނަށް ހައްގު އަދަބު ދިނުމަށް ފޯރުވާ ނުފޫޒެއް ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ޖެހޭ ދެއްތޯ މިމައްސަލައަށް ނުފޫޒު ފޯރުވަން. އަޅުގަނޑަށް ފޯރުވުނު އެންމެ މަތީ މިންވަރަކަށް މިމައްސަލައަށް ނުފޫޒު ފޯރުވާނަން. އެއީ ހައްގު އަދަބު ކުށްވެރިންނަށް ދިނުމަށް،" އުމަރު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ އެމަނިކުފާނަކީ މަރުގެ އަދަބު ތަންފީޒުކުރަން ވަރަށް ފޯރިހުންނަވާ ބޭފުޅެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށްވެސް ރައްދު ދެއްވާފަ އެވެ. އެގޮތުން ދާޅުވީ އެމަނިކުފާނަކީ ރާއްޖޭގައި އިސްލާމީ ޝަރީއަތް ގާއިމްކޮށް ގިސޯސްގެ ހުކުމް މިގައުމުގައި ތަންފީޒުކުރަން އަބަދުވެސް ވަކާލާތުކުރާނެ މީހެއް ކަމަށާ އެގޮތުގައި ދެމި ހުންނަވާނެ ކަމަށެވެ. އަދި މިސަރުކާރުގައި އެ ފުރުސަތު ލިބިވަޑައިގެންފިނަމަ އެކަން ކުރައްވާނެ ކަމުގައިވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.
"އަޅުގަނޑު އަބަދުވެސް ދެމިހުންނާނީ މިގޮތުގައި. ގިސޯސް ހިފުމަށް ކުރިއަށް އޮތްތާވެސް ވަކާލާތުކުރާނެ. އަދި ސަރުކާރުގެ ތެރެއިން ލިބޭ އެ ފަދަ ފުރުސަތުގައި އެކަން ތަންފީޒުކުރާނަން އިރާދަކުރެއްވިއްޔާ،" މިނިސްޓަރު ވިދާޅުވި އެވެ.
އުމަރު އިތުރަށް ވިދާޅުވީ ރިޔާސީ ލޯންޗުގެ ތަހުގީގަށް ވަރަށް ބޮޑެތި ކުރިއެރުންތައް ލިބެމުންދާ ކަމަށެވެ. އަދި އެ ހާދިސާގެ ބިރުވެރިކަމުން ސަލާމަތްވެ ގައުމައިގެން ކުރިއަށް ދާނެ ކަމުގައިވެސް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
ލޯންޗްކޮޅު ގޮއްވާލި މީހުންނަށް އެންމެ ބޮޑު އަދަބު ދޭނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ