ދަރުބާރުގެ ހަވާލުކުރަން ސިޓީ ކައުންސިލުން އެއްބަސްވެއްޖެ

ސަރުކާރުން ނިންމާފައިވާ ގޮތުގެ މަތިން މާދަމާ ދަރުބާރުގެ ހައުސިން މިނިސްޓްރީ އާ ހަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލާއި ސަރުކާރާ ދެމެދު އެއްބަސްވެއްޖެ އެވެ.
ހައުސިން މިނިސްޓްރީން ބުނީ އެ ގޮތަށް އެއްބަސްވީ ހައުސިން މިނިސްޓާ ޑރ. މުހަންމަދު މުއިއްޒާ އެކު ބައެއް ކައުންސިލަރުން މިއަދު ބޭއްވި މަޝްވަރާތަކަކަށް ފަހު ކަމަށެވެ.
ސިޓީ ކައުންސިލްގެ މެންބަރު މުހަންމަދު އަބްދުލް ކަރީމް (ރުކުމާ) މިއަދު ވިދާޅުވީ ދަރުބާރުގެ ހައުސިން މިނިސްޓްރީއަށް މާދަމާއަށް ހަވާލުކުރަން ނިންމީ ސިޓީ ކައުންސިލްގެ ގާނޫނީ ޒިންމާ އަދާކުރުމަށް ސަރުކާރުން ހުރަސް ނާޅާނޭ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވުމުން ކަމަށެވެ. ރުކުމާ ވިދާޅުވީ ދަރުބާރުގެ ކޮންމެ ބަޔަކު ބެލެހެއްޓިޔަސް އެތަނުގެ ފައިސާ ދާނީ ދައުލަތަށް ކަމަށާއި ދަރުބާރުގެ އަލުން ހަވާލުކުރީ އެގޮތަށް ވިސްނާފައި ކަމަށެވެ.
"އަޅުގަނޑުމެންނަށްވެސް އެތަން ބެލެހެއްޓޭނެ އެކަމަކު އެބޭފުޅުން ބޭނުންވީމައި އަޅުގަނޑުމެން އެބޭފުޅުން ބަލަހައްޓަން ދޭން ނިންމީ. އެކަމަކު އެއީ އަޅުގަނޑުމެންގެ ޒިންމާ އަދާކުރުމަށް ސަރުކާރުން ހުރަސް ނާޅާގޮތަށް. އެގޮތަށް އަޅުގަނޑުމެން އެއްބަސްވީ،" ރުކުމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި ހައުސިން މިނިސްޓްރީގެ ބޭފުޅުން ދަރުބާރުގޭގައި ތިއްބަވައިގެން އިންވެންޓްރީ ނެގުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށާއި އެ މަސައްކަތް ނިމި މާދަމާ ދަރުބާރުގެ ހައުސިން މިނިސްޓްރީއަށް ހަވާލުކުރާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީން ބުނީ ހަމަޖެހިފައިވާ ގަވާއިދުގެ ތެރެއިން އިތުރު ބިންތައް ސިޓީ ކައުންސިލާ ހަވާލުކޮށް ހުޅުމާލޭގައި ސިޓީ ކައުންސިލުން ކުރަން ޖެހޭ މަސައްކަތް ކުރުމަށް އެހީތެރި ވެދިނުމަށް މިއަދު އެއްބަސްވި ކަމަށެވެ. އަދި ސިޓީ ކައުންސިލްގެ އިދާރީ މަސައްކަތްތަކަށް ބޭނުންވާ ޖާގަ ތަނަސްކޮށް ދިނުމަށްވެސް އެއްބަސްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
ރުކުމާ ވިދާޅުވީ މިހާރު މައްސަލަ ޖެހިފައިވާ ހުރަވީ ބިލްޑިންގުން ސަރުކާރަށް ޖާގަ ދިނުމަށް މިއަދު މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އެއްބަސްވީ ދިރާސާއެއް ކުރުމަށް ފަހު އެ ޖާގަތަށް ދޭނެ ގޮތަކާ މެދު މަޝްވަރާ ކުރުމަށް އަލުން މިނިސްޓްރީއާ އެކު ބައްދަލުވުމެއް ބޭއްވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެބަހުރި މާލޭގެ އެތައް ދުވަސްވީ ލިޔުންތަކާއި ފައިލްތަށް އެތަނުގައި ރައްކާކޮށްފައި. އަޅުގަނޑުމެން އެދުނީން އެތަކެތި ރައްކާކޮށް ބެހެއްޓޭނެ ތަނެއް ތަނަވަސް ކޮށްދޭން. އެބޭފުޅުންވެސް އެކަމަށް އެއްބަސްވެލެއްވި. އެހެންވީމައި ދިރާސާއެއްކޮށްފައި އެ ތަން [ހުރަވީ ބިލްޑިންގު]ން ސަރުކާރަށް ބޭނުންވާ ޖާގަ ހަވާލުކުރެވޭނީ،" ރުކުމާ ވިދާޅުވި އެވެ.
ދަރުބާރުގެ އާއި ހުރަވީ ބިލްޑިންގުގެ މައްސަލައިގައި ސަރުކާރާއި ސިޓީ ކައުންސިލްގެ ދެމެދު އަރައިރުންވެ މައްސަލަ ހޫނުވެ ދަރުބާރުގެ މުވައްޒަފުން ސިޓީ ކައުންސިލަށް ނޭންގި ސިވިލް ސާވިސްއަށް ބަދަލު ކުރި މައްސަލަ ވަނީ ސިޓީ ކައުންސިލުން ކޯޓަށް ވައްދާފަ އެވެ.
ސިޓީ ކައުންސިލުން މިއަދު ބުނީ ދަރުބާރުގެ ހަވާލުކުރުމަށް އެއްބަސްވި ނަމަވެސް ކޯޓުގައި ވައްދާފައިވާ އެ މައްސަލަ އަބުރާ ގެންނަން ނިންމާފައި ނުވާ ކަމަށެވެ. ސިޓީ ކައުންސިލްތަކުގެ ބަލަދުވެރިޔާ، ލޯކަލް ގަވާރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިއްޔެ ބުނެފައިވަނީ ގާނޫނާ ހިލާފުވާ ކައުންސިލްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ