ރައްޔިތުން ބޭނުންވާ ބަޖެޓު ނުލިބި މިދަނީ ސްޕްރީމް ކޯޓުގެ އިހުމާލުން: ރިޔާޒު

އަންނަ އަހަރަށް ފާސް ކުރަން ސަރުކާރުން ހުށަހަޅާފައިވަނީ ރައްޔިތުން ބޭނުންވާ ބަޖެޓެއް ނޫން ކަމަށާއި ރައްޔިތުން ބޭނުންވާ ބަޖެޓު ނުލިބި ދަނީ ސްޕްރީމް ކޯޓުގެ އިހުމާލުން ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ކުނޫޒުގައި މިއަދު ވާހަކަ ދައްކަވަމުން ކިނބިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އަބްދުﷲ ރިޔާޒު ވިދާޅުވީ އިދިކޮޅާ ގުޅުނު 12 މެންބަރަކަށް މަޖިލީހަށް ނުވަދެވޭ ގޮތަށް ރައީސް އަބްދުﷲ ޔާމީން ބޭނުން ފުޅުވެވަޑައިގަންނަވާ ގޮތަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ އަމީން އާއްމު ބޮޑު ޖަރީމާއެއް ހިންގަމުން ގެންދާ ކަމަށެވެ. ރިޔާޒު ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓު ފާސްނުކޮށް ރައްޔިތުން ބޭނުންވާ ކަންކަން ހިމަނައިގެން ބަޖެޓު ފާސް ކުރުމުގެ ބާރު އެ 12 މެންބަރުން ތިބި ނަމަ ލިބޭނެ ކަމަށެވެ.
ނަމަވެސް އެކަން ނުވެ މިދަނީ ގާނޫނު އަސާސީއާއި ހިލާފުވެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިހުމާލުން ކަމަށެވެ.
"ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ސްޕްރީމް ކޯޓާ ހަވާލުކޮށްފައި އޮތް މަސްއޫލިއްޔަތެއް މެންބަރެއްގެ ގޮނޑި ގެއްލިއްޖެތޯ ނުވަތަ ނޫންތޯ ނިންމުމަކީ. އެކަން ނުކުރައްވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިހުމާލުން މިއަދު ރާއްޖޭގެ ރައްޔިތުންނަށް ރައްޔިތުން ބޭނުންވާ ބަޖެޓެއް ނުލިބި އޮތްކަން އަޅުގަނޑު މިފުރުސަތުގައި ހާމަ ކުރަން،" ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ ރާއްޖެ މިހާރު މިއޮތް ހާލަތު ބަދަލުވާނެ ކަމަށާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ވެސް ޖަވާބުދާރީވާން ޖެހޭނެ ދުވަހެއް އަންނާނެ ކަމަށެވެ.
ރިޔާޒު ވިދާޅުވީ އަންނަ އަހަރަށް ހުށަހަޅާފައިވަނީ ބޮޑު ބަޖެޓެއް ކަމަށާއި ބަޖެޓު ޑެފިސިޓާއި އެހެނިހެން ފިގާސްތައް ހުރީ އޮޅުވާލާފައި ކަމަށާއި ލަފާކޮށްފައިވާ ވަރަށްވުރެ ދަރަނި ބޮޑުވާނެ ކަމަށެވެ.
ރިޔާޒު ވިދާޅުވީ ބަޖެޓުގައި ހިމަނާފައި ހުރީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ބޮޑެތި މަޝްރޫއުތަކެއްގެ ބިންގާ އެޅުން އެކަނި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ