ރަނިން މޭޓަކީ އަލްހާން ކަމަށް ދެކެވޭ ވާހަކަތަކަކީ ތާކުންތާކުން ޖެހޭ ވާހަކަތަކެއް ނޫން - އުމަރު

ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރަނިން މޭޓަކީ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރ އަލްހާން ފަހުމީ ކަމަށް ދެކެވޭ ވާހަކަތައް އުމަރު ދޮގު ކުރައްވައިފިއެވެ.
އުމަރު ނަސީރު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރެއްވުމާއެކު ގިނަ ބަޔަކު ކެތް މަދުވީ އޭނާގެ ރަނިން މޭޓޭއްގެ ގޮތުގައި ކުރިމަތިލާނީ ކޮން ބޭފުޅެއްތޯ ބެލުމަށެވެ. ފާއިތުވި ހަފްތާގެ ތެރޭގައި މީސް މީޑިއާގައި ބައެއް ފަރާތްތަކުން ބުނަމުން ދިޔައީ އުމަރު ނަސީރުގެ ރަނިން މޭޓަކަށް ވާނީ އަލްހާން ފަހުމީ ކަމަށެވެ.
އެކަމާއި ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށް "ވަގުތު" އިން ސުވާލު ކުރުމުން އުމަރު ދެއްވީ ވަރަށް ކުރު ނަމަވެސް ސާފު ޖަވާބެކެވެ. އޭނާ ހަމައެކަނި ވިދާޅުވީ އެ ވާހަކަތަކަކީ "ނޮންސެންސް" ކަމަށެވެ. މާނައަކީ އެއީ އެއްވެސް ވަރަކަށް ތާކުން ތާކުން ޖެހޭ ވާހަކަތަކެއް ނޫން ކަމެވެ.
އިދިކޮޅު އެމްޑީޕީގެ ނައިބު ރައީސް ކަން މީގެ ކުރިން ކުރެއްވި އަލްހާން ފަހުމީ އަކީ މިހާރު އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅެކެވެ. ނަމަވެސް އޭނާ އަކީ ވެރިކަން ކުރާ ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާ ފަރާތެެއް ވެސް ނޫނެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން އުމަރު ފައްޓަވާފައިވާ އިރު ރައީސް އަބްދުﷲ ޔާމީން ފިޔަވައި މިހާތަނަށް އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާނު ކުރައްވާފައި ވަނީ އުމަރު އެކަންޏެވެ. އިންތިހާބު ކައިރިވަމުން އަންނަ އިރު އިދިކޮޅު އިއްތިހާދުން އަދިވެސް ކެނޑިޑޭޓެއް ނެރެފައި ނުވެއެވެ.
އިދިކޮޅު ޖުމްހޫރީ ޕާޓީއާއި ދާދި ފަހުން ގުޅިވަޑައިގަތުމަށް ފަހު އެޕާާޓީއިން ވަކިވެ ރިޔާސީ އިންތިހާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނަން އުމަރު ނިންމެވީ އިދިކޮޅު ކޯލިޝަނަށް ކެންޑިޑޭޓެއް ނުދެއްކުނު ކަމަށް ބުނެއެވެ. އުމަރު މިހާރު އަންނަނީ މެނިފެސްޓޯ ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ