"2018 ގެ އިންތިޙާބުގައި އެއްވެސް ގޮތަކުން ނަޝީދަށް ވާދައެއް ނުކުރެވޭނެ" - ނިހާން

2018 ގެ ރިޔާސީ އިންތިޙާބުގައި އެއްވެސް ގޮތަކުން ނަޝީދަށް ވާދަނުކުރެވޭނެކަމަށް ޕީޕީއެމް ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަންގެ ހުރިހާ ޕާޓިތަކުން އެއްބަސްވާ އެއް ކެނޑިޑޭޓަކު ނެރެގެން 2018 ގައި އިންތިޤާލީ ވެރިކަމެއް ޤާއިމްކުރުމަށް ނަޝީދު ގޮވާލުމާ ގުޅިގެން އެކަމަށް ރައްދު ދެއްވާ ނިހާން ވިދާޅުވީ 2008 ގައި ވެރިކަމަށް ވަޑައިގެންނެވުމަށްވެސް ނަޝީދު ޖެއްސެވި މަޅިއަކީ އިންތިޤާލީ ވެރިކަމެއް ކަމަށެވެ. އެގޮތުން 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން ދައުރުގެ މެދުތެރެއިން އިންތިޙާބެއް ބޭއްވުމަށް އޭރު ނަޝީދު ވަޢުދުވި ނަަމަވެސް އޭރުވެސް ނަޝީދުވެ މަޤްޞަދަކަށްވީ ވެރިކަމަށް ވަޑައިގެންނެވުންކަމަށް ނިހާން ވިދާޅުވިއެވެ.
"ފަސް އަހަރުގެ ދައުރަކަށް ރައީސުލް ޖުމްހޫރިއްޔާއާ އެކު ރަނިންމޭޓެއް އިންތިޚާބުކުރާ ވާހަކަ އެއީ އާ ގާނޫނު އަސާސީ އެކުލަވާލެވުނު މަފްހޫމް. އެހެންވީމަ ގާނޫނު އަސާސީގައި މި އޮންނަ އުސޫލުތަކުގެ ބޭރުން ވައުދުތަކެއް ވުމަކީ އެއީ އުސޫލެއްގެ ގޮތުން މަކަރުވެރި ނުބައި ރޭވުމެއްގައި ކުރާ ކަމެއް،" އިންތިޤާލީ ސަރުކާރެއް އެކުލަވާލުމަށް ޤާނޫނު އަސާސީ ތަން ނުދޭކަން ފާހަގަކުރައްވާ ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ އާންމު މެމްބަރުން ބޭނުންވާ ގޮތަށް ކުރިއަށްދިއުމުގެ ފުރުސަތު އެމްޑީޕީ ތެރޭގައި ނެތް ކަމަށާއި އެޕާޓީ އަކީ "ނަޝީދުގެ ފިކުރުގެ މައްޗަށް ތަރުތީބުވެގެން ތައްގަނޑު ކުރެވިފައި އޮތް ޕާޓީއެއް" ކަމަށެވެ. އަދި ނަޝީދުގެ ކެހިވެރި މަޅީގައި ރައްޔިތުން ނުޖެހުމަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުންނަށް ނަޝީދު މިއަދު ފޮނުވާފައިވާ އޯޑިއޯ މެސެޖެއްގައި ބުނެފައިވަނީ އިދިކޮޅު ފަރާތްތަކަށް 2018 ގެ އިންތިޙާބު ކާމިޔާބުވާނެކަމަށް "ސައިންޓިފިކް ގޮތުން" ނުބެލެވޭކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ