ސަރުކާރުން ކަރަންޓު އަގު ހެޔޮކުރަން ނިންމީ އިހްލާސްތެރި ކަމަކުން ނޫން: ރިޔާޒު

މާލެއާއި އަތޮޅު ތެރޭގައި ދެމުންގެންދާ ކަރަންޓްގެ ޚިދުމަތުން ނަގާ ފީ އެއްހަމަ ކުރަން ސަރުކާރު ނިންމި ނިންމުމަކީ ރިޔާސީ އިންތިހާބަށް ސަރުކާރުން ކުޅޭ ކުޅިވަރެއް ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ވީނިއުސްއިން ދެންނެވި ސުވާލަކަށް އަބުދުﷲ ރިޔާޒު ވިދާޅުވީ ރައީސް ޔާމިންގެ އެއްވެސް އިހްލާސްތެރިކަމެއް ނެތް ކަމަށާއި، މިއީ މިއަހަރުގެ ރިޔާސީ އިންތިހާބަށް ސަރުކާރުން ނިންމި ނިންމުމެއް ކަމަށެވެ. ރިޔާޒު ވިދާޅުވީ ރައްޔިތުންނަށް ސަރުކާރުންދޭ ޚިދުމަތްތައް މިހާރުވެސް އަގުހެޔޮ ކުރެވޭނެ ކަމަށެވެ. އެކަމަކު މާޗުމަހު އަގުހެޔޮ ކުރަން ނިންމި ނިންމުމުން ވެސް ސުވާލު އުފެދޭ ކަމަށް ވިދާޅުވި އެވެ.
މުއައްޒަފުންގެ މުސާރައަށް ބޮޑު ނުކޮށް ވެރިކަމުގެ ފަހު އަހަރު ކަރަންޓުގެ އަގު ހެޔޮކުރުމަށް ސަރުކާރުން ދައްކާ ވާހަކަތަކުން މިސަރުކާރުގެ ސިޔާސަތަކީ އެއްވެސް ގޮތަށް ހަމަޖެހޭ ސިޔާސަތެއް ނޫން ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.
"ރިޔާސީ އިންތިހާބު އައިސް ޖެހުނީމަ ސަރުކާރުން މިބުނަކީ ކަރަންޓް ބިލް ދައްކަދޭނަމޭ. ދެވަނަ ދައުރަކަށް ހޮވިއްޖެނަމަ ޔަގީން ދެގުނަ ބޮޑު ކުރާނެ ކަން. މިއީ ރައްޔިތުން އަޅުވެތި ކުރުމުގެ ސިޔާސަތު. ރައްޔިތުންނަށް ސަލާންޖަހަން ބަޖުބޫރު ކުރުވާ ސިޔާސަތަކަށް މިހާރު މިދަނީ" ރިޔާޒު ވިދާޅުވިއެވެ.
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ރައީސް ޔާމިން ވެރިކަމާއި، ހަވާލުވެވަޑައިގެން ރައްޔިތުންގެ އަތުން ނަގާ ޓެކްސް އަގު ބޮޑުކުރި ކަމަށެވެ. ކާޑުގެ އަގުބޮޑުކޮށް، ސަބްސިޑީގެ ކަޑާލީ މި ސަރުކާރުންކަން ފާހަގަކޮށް ޝިފާޒު ވިދާޅުވީ މިއީ އިންތިޚާބަށް ރައްޔިތުންނަށް އޮޅުވާލަން ސަރުކާރުން ހިންގާ ޖަރީމާއެއް ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެފައިވާއިރު ސަރުކާރުން ކަރަންޓުގެ އަގަށް ހެޔޮ ބަދަލަށް ގެންނަން ނިންމިއިރު، މިސަރުކާރުން ކަރަންޓުގެ ޚިދުމަތް ބޮޑު ކުރީ ތެޔޮ އަގުހެޔޮ އިރު ކަމަށްވެސް ޝިފާޒު ވިދާޅުވިއެވެ.
މިސަރުކާރަށް ރަގަޅު ޚިދުމަތެއް ނުދެވޭކަން ފާހަގަކޮށް ޝިފާޒު ވިދާޅުވީ ކޮންމެ ދުވަހަކުވެސް އިވެނީ ކޮންމެވެސް ރަށަކުން ކަރަންޓު ކެޑިގެން ރައްޔިތުން ކަންބޮޑުވެގެން އުޅޭ ވާހަކައިގެ އަޑު ކަމަށެވެ. ރައީސް ޔާމިންގެ ސަރުކާރުގައި މިއިން އެއްވެސް މައްސަލައަކަށް ދާއިމީ ހައްލެއް ނުލިބުނު ކަމަށާއި، ސަރުކާރުގެ ސިޔާސަތަކީ އޮޅިފައިވާ ކަންވާރަކަށް ވުރެ ބޮޑަށް އޮޅި އެކަމުން ރައްޔިތުން ތަކުލީފުތައް އުފުލަން ޖެހިފައިވާ ސިޔާސަތެއް ކަމަށްވެސް އޭނަ ވިދާޅުވިއެވެ.
ޝިފާޒު ވިދާޅުވީ ދައުލަތް ހިންގަނީ ރައްޔިތުންގެ ފައިސާއިން ކަމަށާއި، ނަމަވެސް ސަރުކާރުގެ މިއަމަލުތަކުން ލޮޅުން އަރަނީ ރައްޔިތުންނަށް ލިބޭ އާމްދަނީއަށް ކަމަށެވެ.
"މިހާރު ސަރުކާރުންގެ އަމަލުތަކުން ރައްޔިތުންނަށް ދުރަށް ވިސްނާފައި އެއްވެސް މަސައްކަތެއް ނުކުރެވޭނެ. އެއްފަހަރު އަގު ބޮޑު ކުރާނެ. އަނެއްފަހަރު އަގު ކުޑަ ކުރާނެ. ދެން ރައްޔިތުން ފަށާ މަސައްކަތައް ހުއްޓޭނީ. އަސްލު މިހެން ކަންތައްތައް ކުރާތީ ދަރިންގެ މުސްތަގުބަލަށް ވެސް އެޅޭ ހުރަހެއް މިއީ" ޝިފާޒު ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބަށް ސަރުކާރުން ޖަހާ މަޅީގައި ރައްޔިތުން ނުޖެހުމަށް ޝިފާޒު ވަނީ ގޮވާލައްފައެވެ. އަދި އެމަޅީގައި ޖެހޭނެ ކަމަށް ސަރުކާރުން ވިސްނުމަކީ މިސަރުކާރުގެ ނާތަހުޒީބުކަން ކަމަށް ވެސް ޝިފާޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ