ރާއްޖޭގެ ސުޕްރީމް ކޯޓުން ރައްޔިތުންނަށް ލިބިދީފައިވާ ވޯޓުލުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށާއި ކޯޓުގެ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ މުޅި ޑިމޮކްރަޓިކް ނިޒާމުގެ މިސްރާބު ނުބައި ދިމާލަކަށް ބަދަލުވެފައިވާ ކަމަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ ހައިކޮމިޝަނަރު ފޯ ހިއުމަން ރައިޓްސް ނަވަނެތަމް ޕިއްލޭ ވިދާޅުވެއްޖެ އެވެ.
ޔޫއެން ހިއުމަން ރައިޓްސް ކައުންސިލުން މިއަދު ނެރުއްވި ބަޔާނެއްގައި ޕިއްލޭ ވިދާޅުވީ ސުޕްރީމް ކޯޓުން ރިޔާސީ އިންތިހާބުގެ ކަންކަމާ ބެހެމުން އަންނަ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި ކޯޓުގެ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމުގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ.
އަދި ސުޕްރީމް ކޯޓުން ރިޔާސީ އިންތިހާބުގެ ކަންތައްތަކުގެ ތެރެއަށް މާބޮޑަށް ވަންނަމުންދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ބާތިލްކުރި އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ބައިނަލްއަގްވާމީ އޮބްޒާވަރުންނާއި ރާއްޖޭގެ އޮބްޒާވަރުންވެސް ބުނެފައިވާ ކަމަށެވެ.
ރާއްޖޭގެ ޖުޑިޝަރީއަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށާއި، އެކަން ވެރިކަން ބަދަލުވިގޮތް ދިރާސާކުރި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ ރިޕޯޓްގައިވެސް ފާހަގަ ކޮށްފައިވާ ކަމަށް ޕިއްލޭގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
"މިހާރު ފެނިގެންދާ މަންޒަރަށް ބަލާއިރު ސްޕްރީމް ކޯޓުން އެހެނިހެން މިނިވަން މުވައްސަސާ ތަކުގެ ބާރު ކަނޑުވާލާ، އާންމުންގެ ހިޔާލާއި ބަހުސްތަކުގެ ސަބަބުން ފިޔަވަޅު އަޅާތަން. ސްޕްރީމް ކޯޓުން ބޭނުންވާ ގޮތަކަށް ގާނޫނު އަސާސީ ބަދަލު ކުރަމުންދާތަން،" ޕިއްލޭ ވިދާޅުވި އެވެ.
ގައުމު ސީރިއަސް ހާލަތެއްގައި އޮތްއިރު ސަރުކާރުންވެސް އިދިކޮޅު ފަރާތްތަކާއި މެދު ފިޔަވަޅު އަޅައި ޕާލިމެންޓްގެ ބަހުސްތަކުގައި ބައިވެރިވުމަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް ޕިއްލޭގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
އަދި އުނދަގޫ ގައިޑްލައިނެއް ސުޕްރީމްކޯޓުން ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނާ މަތިކޮށްފައިވާ ކަމަށާއި ފުލުހުން އިންތިހާބު ހުއްޓުވީ އެ ގައިޑްލައިނަށް ބަލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕިއްލޭގެ ބަޔާނުގައިވަނީ ހުރިހާ ފަރާތްތަކަކުންވެސް ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމް އިސްލާހުކޮށް ހަމަމަގަށް އެޅުވުމަށް ހުރިހާ ފަރާތްތަކަށް ވެސް ގޮވާލާފައެވެ. އަދި އިންތިހާބު ކާމިޔާބު ކުރާ ފަރާތުން ރާއްޖޭގެ ޖުޑިޝަރީއަށް އިސްލާހީ ބަދަލުތައް ގެނެސް، ޖުޑިޝަރީ ރިފޯމްކޮށް ގާނޫނު އަސާސީ ނަގަހައްޓައި، ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމް ސަލާމަތްކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ސުޕްރީމް ކޯޓުން ރައްޔިތުންނަށް ލިބިދީފައިވާ ވޯޓްލުމުގެ ހައްގު ނިގުޅައިގެންފި - ޕިއްލޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ