އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓުގައި އެމްޑީޕީގެ ނިންމުމާއި ދެކޮޅަށް ވޯޓް ދެއްވި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ކުރިއަށްއޮތް ފަސް އަހަރުވެސް ތާއީދު ކުރާނީ ޔާމީންގެ ކޯލީޝަނަށް ކަމަށް ވިދާޅުވެއްޖެއެވެ.
ވީނިއުސް އަށް މައުލޫމާތު ދެއްވަމުން އަހުމަދު ރަޝީދު ވިދާޅުވީ ވަކި ފިކުރަކަށް ތާއީދު ކުރެއްވި ނަމަވެސް އެ ފިކުރަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށެވެ. އަދި ދެން މަސައްކަތް ކުރަންވީ އާ ސަރުކާރަށް އެއްބާރުލުންދީ ގުޅިގެން މަސައްކަތް ކުރަން ކަމަށެވެ.
"ހުވާގައި އޮންނަނީ ރައްޔިތުންނަށް ތެދުވެރިވެ، އިހުލާސްތެރިވެ މަސައްކަތް ކުރަން، 4 އަހަރާ ހަމަސް ތެރޭގައި ރައްޔިތުންގެ އަޑު އަހައިގެން ދިން ހަމަ އެކަނި ވޯޓަކީ ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓު، އެހެން ނޫނިއްޔާ މުޅިންވެސް ވޯޓު ދިނީ ރީނދޫ ފިކުރުގެ ބޭފުޅުން އެދުނު ގޮތަކަށް، އެކަމާ ދެރަވޭ މިހާރު" މެމްބަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސޯޝަލް މީޑިއާގައި ހަޑި ހުތުރު މެސެޖްތައް ކޮށް ޓްވީޓްތައް ކުރަމުން އަންނަ ފަރާތްތަކަށް އެބުނާ "ވިޕް ލައިން" އެއީ ކިހިނެއް ވާ ކަމެއް ކަން ނުވެސް އެނގޭނެ ކަމަށެވެ. އެމްޑީޕީގެ އެބުނާ ވިޕްލައިނަކީ ފޯނަށް އައިސް ވެއްޓޭ އެސްއެމްއެސް އަކަށް ކިޔާ ނަމެއް ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ ރިޔާސީ އިންތިޚާބު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކާމިޔާބު ކުރެއްވި ދުވަހުން ފެށިގެން ޔާމީންގެ ކޯލީޝަނަށް ތާއީދު ކުރައްވަން ނިންމެވި ކަމަށެވެ. އަދި ހަމަ އެދުވަހު ރައީސް ޔާމީނަށް މަރުހަބާ ދެންނެވި ކަމަށްވެސް ވިދާޅުވިއެވެ. އަދި މިހާރު ފެންނަމުން މިދަނީ ތާއީދު ކުރަން ނިންމެވި ނިންމެވުން ތަންފީޒު ކުރާ މަންޒަރު ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީއަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވީ އެމްޑީޕީއަކީ ވަކި ބަޔަކު އުފައްދައިގެން އުޅޭ ކުންފުންޏެއް ނޫން ކަމަށެވެ. އަދި ސިޔާސީ ފިކުރަކަށް ކިޔާ ނަމަކަށްވާއިރު އެމްޑީޕީން މިހާރު ކަން ކުރަމުން ދަނީކީ އެއްބަސްވި މަގަކުން ނޫންކަމަށެވެ.
"އެމްޑީޕީ އުފެދިގެން އައިއިރު ނިންމާފައި އޮންނަނީ ކަންކަމުގެ މަޝްވަރާ ފުރަތަމަ ހޯދާނީ ރަށްރަށުގެ ގޮފިން، އާންމު މެމްބަރުންގެ ފަރާތުން ކަމަށް، އަދި އެ މަޝްވަރާ ދާއިރާގެ ކޯޑިނޭޓަރު ހިއްސާ ކުރާނީ މެމްބަރުންނާ، ވޯޓެއް ނެގުމުގަވެސް ކަން ކުރަން ނިންމީ އެހެން، ނަމަވެސް އެހެނެއް ނޫން ކަންތައް ވަނީކީ، ހަމަ މަތިން ތިރިއަށް އޯޑަރު މިދަނީ" މެމްބަރު ވިދާޅުވިއެވެ.
ފެންނަމުން މިދަނީ އެމްޑީޕީން ގެނައި ސިޔާސީ ފިކުރު ބެލެންސް ނުހިފެހެއްޓި ފެއިލް ވަމުން އަންނަ މަންޒަރު ކަމަށްވެސް ވިދާޅުވިއެވެ.
ކޯލީޝަނަށް ތާއީދު ކުރައްވަންތޯ ސުވާލު ކުރުމުން މެމްބަރު ވިދާޅުވީ ކޯލީޝަނަށް ތާއީދު ކުރާ ކަން ވަރަށް ސާފު ކަމަށެވެ. އަދި އާ ސަރުކާރުގެ ކެބިނެޓް މެމްބަރުންނަކީ ވަރަށް ގާބިލު ބޭފުޅުން ކަމަށެވެ.
"ފައިސާ އަކަށް ނޫން އަޅުގަނޑު އެ ވޯޓު އެގޮތަށް ދިނީކީ، ފައިސާ ދޭން ކޯލީޝަނަށް މަޖުބޫރެއްވެސް ނުވޭ، އެމްޑީޕީ މެމްބަރުން ވޯޓު ނުދިނަސް ކެބިނެޓް މެމްބަރުންނަށް ރުހުން ލިބޭނެ އަދަދު ހަމަވޭ" އޭނާ ވިދާޅުވިއެވެ.
ސިޔާސީ ދާއިރާގައި މުސްތަގްބަލު ބައްޓަން ކުރަން ވިސްނަނީ ކިހިނެއްތޯ ސުވާލު ކުރުމުން ވިދާޅުވީ އަދި އެމްޑީޕީން ވަކި ނުވާ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ކުރިމަތިލިޔަސް ފެނިގެންދާނީ ކޯލިޝަންގެ ތެރެއިން ކަމަށެވެ. އަދި ކޯލީޝަންގެ ޕްރައިމަރީގައި ބައިވެރި ވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކުރިއަށް އޮތް ފަސް އަހަރުވެސް ތާއީދު ކުރާނީ ޔާމީންގެ ކޯލިޝަނަށް: އަހުމަދު ރަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ