ކޯސްޓްލައިން ހިންގި އިމާރާތާއި ބިން އަމިން ކޮންސްޓްރަކްޝަނުން 6 މިލިއަން ޑޮލަރަށް ގަނެފި

މާފަންނު ބޮޑުތަކުރުފާނު މަގުގައި ހުންނަ ކޯސްޓްލައިން ފިހާރަ ހުރި އިމާރާތާއި ބިން ހަ މިލިއަން ޑޮލަރަށް، ( 77.1 މިލިއަން ރުފިޔާ އަށް) ކޮންސްޓްރަކްޝަން ވިޔަފާރި ކުންފުނި، އަމިން ކޮންސްޓްރަކްޝަނަށް ގަނެފައިވާ ކަމަށް އަމިން ކޮންސްޓްރަކްޝަނުން ބުރާސްފަތި ދުވަހު ބުނެފި އެވެ.
ކޯސްޓްލައިން ހާޑުވެއާ ހިންގި، ކޮލި އަލީ އުމަރު މަނިކުގެ ދެ ބުރި އިމާރާތް، އަމިން އަށް ގަތުމަށް ފަހު މިހާރު އެ އިމާރާތުގެ ބޭރުގައި ޖަހާފައި ވަނީ "އަމިން ޓަވަރު" އެވެ.
އަމިން ކޮންސްޓްރަކްޝަންގެ މެނޭޖިން ޑައިރެކްޓަރު އަބުދުﷲ މުހައްމަދު ބުރާސްފަތި ދުވަހު ވިދާޅުވި ގޮތުގައި އަތޮޅު ފިހާރަ ބަރީގައި ހުންނަ 10،000 އަކަފޫޓުގެ ބިމުގައި އޭނާ ހައްދަވަން ގަސްދުކުރައްވާފައި ވަނީ ރާއްޖޭގައި އެންމެ އުސްކޮށް ނެގޭވަރު، 14 ބުރީގެ މަލްޓި ކޮމްޕްލެކްސް އިމާރާތެކެވެ.
"އަޅުނޑު މިބަލަނީ އެ ތަނުގައި މަލްޓި ކޮމްޕްލެކްސް އިމާރާތެއް ހެދޭތޯ. މާނަކީ ހޮޓާ ރޫމާއި އެޕާޓްމަންޓާއި ސްޕަމާކެޓާއި އޮފީސްތަކާ އެކު މިކްސް ޑިވެލޮޕަމަންޓެއްގެ ގޮތުގައި ތަރައްގީކުރަން،" ވެލާނާގޭ ގޯތީގައި ސަރުކާރުން ހައްދަވާ ރާއްޖޭގެ އެންމެ އުސް އިމާރާތުގެ ވެސް ކޮންޓްރެކްޓަރު ވިދާޅުވި އެވެ.
އަބުދުﷲ ވިދާޅުވި ގޮތުގައި އެ ތަނުގައި މަލްޓި ކޮމްޕެލެކްސް އިމާރާތެއް ހެއްދެވުމުގެ މަސައްކަތް ކުރިއަށްއޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ފެއްޓެވޭ ވަރުވާނެ އެވެ.
"މިހާރު މި މަސައްކަތް ކުރަނީ އެތަން ހުސްކުރެވޭތޯ އެއީ އެތަނުގައި ތިބި ކޯސްޓްލައިން މީހުން ވެސް އެބަ ޖެހޭ އެހެންތަނަކަށް ބަދަލުވާން، އެ މީހުން ބަދަލުވީމާ މަސައްކަތް ފެއްޓޭނީ،" އަބްދުﷲ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ