ރިނިއުބަލް އެނާޖީ މޯލްޑިވްސް އާއި ސްޓެލްކޯ ގުޅިގެން މާލެ އަތޮޅުގެ ހަ ރަށެއްގައި އަވިން ކަރަންޓް އުފެއްދުމުގެ މަޝްރޫއުއެއް މިއަދު ފަށައިފި އެވެ.
މި މަޝްރޫއުގެ ދަށުން ވިލިމާލޭ މުހިއްޔިއްދީން ސްކޫލްގެ ފުރާޅުގައި ހަރުކޮށްފައިވާ ސޯލާ ޕެނެލްތަކުން މިއަދު ވަނީ ކަރަންޓް ދޭން ފަށައިފަ އެވެ. އެކަން އިފްތިތާހުކޮށްދެއްވީ ޖަރުމަނުގެ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ނޭޗާ ކޮންސަވޭޝަން އެންޑް ނިއުކްލިއާ ސޭފްޓީގެ ޕާލަމަންޓްރީ ސެކްރެޓަރީ އަދި ޖަރުމަނުގެ ޕާލަމަންޓްރީ މެމްބަރު ކެތުރީނާ ރެއިޗް އާއި އެންވަރަމަންޓް މިނިސްޓަރު މުހައްމަދު އަސްލަމެވެ.
ކެތުރީނާ ވިދާޅުވީ މިފަދަ މަޝްރޫއެއް ފެށުމަކީ އޭނާ އަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ރާއްޖޭ އަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތައް ބައްލަވާލެއްވުމަށް ފުރުސަތު ލިބިވަޑައިގަތުމުން ވަރަށް އުފާކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ މިއީ ރާއްޖެ ކާބަން ނިއުޓުރަލް ގައުމަކަށް ވުމަށް ކުރާ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ. އަދި ތެޔޮ ގަތުމަށް ދައުލަތުގެ ބަޖެޓްގެ 16 އާއި 20 ޕަސެންޓާ ދެމެދުގެ މިންވަރެއް ހަރަދުކުރާ ކަމަށާއި ރާއްޖެ އަށް އެތެރެކުރާ ތެލުގެ ބޮޑު ބައެއް ހޭދަވަނީ ކަރަންޓަށް ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން ވިލިމާލޭ މުހިއްޔިއްދީން ސްކޫލްގެ ފުރާޅުގައި ހަރުކޮށްފައިވާ ސޯލާ ޕެނެލްތަކުން 61 ކިލޯވޮޓްގެ ކަރަންޓް އުފައްދައިދޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ. މިއީ 30 ގެއަށް ބޭނުންވާ ވަރުގެ ހަކަތަ އެވެ.
މުހިއްޔިދީން ސްކޫލްގެ އިތުރުން ވިލިމާލޭގައި ހިމެނޭ ފުލެޓްތަކާއި ސަރުކާރުގެ ބައެއް އިމާރާތްތަކުގެ ފުރާޅުގައި ވެސް ސޯލާ ޕެނެލް ހަރުކުރަން ވަނީ ނިންމާފަ އެވެ. އެގޮތުން ވިލިމާލޭގައި ހަރުކުރާ ސޯލާ ޕެނެލްތަކުން ޖުމްލަ 294 ކިލޯވޮޓްގެ ކަރަންޓް އުފައްދައިދޭނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
މި މަޝްރޫއުގައި ސޯލާ ޕެނެލް މެދުވެރިކޮށް ޖުމްލަ 652 ކިލޯވޮޓްގެ ކަރަންޓް އުފެއްދުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން މާފުށީގައި 120 ކިލޯވޮޓް، ގުރައިދޫގައި 64 ކިލޯވޮޓް، ހިންމަފުށީގައި 74 ކިލޯވޮޓް އަދި ކާށިދު އާއި ތުލުސްދޫން މިއިން ކޮންމެ ރަށެއްގައި 48 ކިލޯވޮޓްގެ ކަރަންޓް އުފައްދާނެ އެވެ.
ރިނިއުބަލް އެނާޖީ މޯލްޑިވްސް އިން ބުނީ މި މަޝްރޫއުގައި ސްޓެލްކޯ އަށް ކަރަންޓް ޔުނިޓެއް ވިއްކަނީ 3.9ލ. އަށް ކަމަށެވެ.
ސްޓެލްކޯގެ ޗީޕް ޓެކްނިކަލް އޮފިސަރު ޑރ. ޒައިދު މުހައްމަދު ވިދާޅުވީ ރިނިއުބަލް އެނާޖީ މޯލްޑިވްސް އިން ކަރަންޓް ގަނެގެން ވިއްކުމުން ސްޓެލްކޯ އިން ތެލަށް ކުރާ ހަރަދު ކުޑަވާނެ ކަމަށެވެ. އަދި އަވިން އުފައްދާ ކަރަންޓް ހަރަދު ކުޑަވާ މިންވަރެއް އެނގޭނީ ސޯލާ ޕެނެލްތައް ބޭނުންކުރާތާ މަހެއް ފަހުން ކަމަށް ވެސް ޑރ. ޒައިދު ވިދާޅުވި އެވެ.
ރިނިއުބަލް އެނާޖީ މޯލްޑިވްސް އިން ބުނީ އަވިން ކަރަންޓް އުފައްދަން ޔުޓިލިޓީޒް ކުންފުނިތަކާ ވެސް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އަދި މި ގޮތަށް ކަރަންޓް އުފައްދަން ކުރަން ޖެހޭ ހުރިހާ ހޭދައެއް ބޮލުއަޅާނީ ވަނީ ރިނުއުބަލް އެނާޖީ މޯލްޑިވްސް އިން ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.
ސްޓެލްކޯ އިން ބުނީ ވިލިމާލޭގައި މި މަހުގެ ނިޔަލަށް ސޯލާ ޕެނެލްތައް ހަރުކޮށް ނިމޭނެ ކަމަށެވެ. އަދި ދެން ހުރި ރަށްރަށުގައި އެ މަސައްކަތް ނިންމަން ކަނޑައަޅާފައި ވަނީ ދެ މަސްދުވަހުގެ ތެރޭގަ އެވެ.
މާލެ އަތޮޅު ހަ ރަށެއްގައި އަވިން ކަރަންޓް އުފެއްދުމުގެ މަޝްރޫއުއެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ