ޕީސް ފައުންޑޭޝަނުގެ "ސުޖޫދު" ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޕީސް ފައުންޑޭޝަނުން ކޮންމެ އަހަރަކު ކުރިޔަށް
ގެންދަމުންދާ "ސުޖޫދު" ކޭމްޕުގައި ބައިވެރިވުމުގެ ފުރުޞަތު
ހުޅުވާލައިފިއެވެ.
ޕީސް ފައުންޑޭޝަނުން ބުނީ ސުޖޫދު ކޭމްޕަކީ 8 އަހަރާއި 12 އަހަރާ
ދެމެދުގެ ކުދިންނަށް ޚާއްޞަކޮށްގެން، އެކުދިން ނަމާދަށް އަހުލުވެރިކުރުމަށާއި
ނަމާދު ކުރަން ދަސްކޮށްދޭ ގޮތަށް ފަރުމާކުރެވިފައިވާ 2 ދުވަހުގެ ކޭމްޕެއް ކަމަށާއި، މިފަހަރުގެ ކޭމްޕު ކުރިޔަށް ގެންދަވާނީ އޮސްޓްރޭލިއާގެ ޝައިޚެއް ކަމުގައިވާ އުސްތާޛް
ނަސީމް ކަމަށެވެ.
މި ކޭމްޕުގައި ކިޔަވައިދޭނެ ބައިތަކުގެ
ތެރޭގައި، ނަމާދުގެ މުހިންމުކަން، ނަމާދު ކުރާނެ ގޮތް، ނަމާދުގައި ކިޔާ ބައެއް
ޒިކުރުތަކާއި ޒިކުރުތަކުގެ މާނަ އަދި މީގެ އިތުރުންވެސް ނަމާދާ ގުޅުންހުރި އިތުރު
ބައިތައް ވެސް ހިމެނެއެވެ.
ޕީސް ފައުންޑޭޝަނުން މީގެ ކުރިން ބޭއްވި ކޭމްޕެއް
ޕީސް ފައުންޑޭޝަނުން ބުނީ ސުޖޫދު ކޭމްޕު ތަފާތުވާ ސަބަބަކީ، މި ކޭމްޕަކީ
ތަފާތު އެކި އެކި ކުޅިވަރުގެ ޙަރަކާތްތައްވެސް ހިމެނިގެން ކުރިޔަށް ގެންދާ
"ފަން އެންޑް އެންގޭޖިންގ" ކޭމްޕަކަށް ވާތީ ކަމަށާއި، މީގެ ސަބަބުން
ކޭމްޕުގައި ކިޔަވާ ބައިތައް ކުދިންނަށް ނަގައިގަންނަން ފަސޭހަވެގެން ދާނޭކަމަށެވެ. މީގެ
ނަތީޖާއެއްގެ ގޮތުން ކޮންމެ އަހަރެއްގައި ވެސް އެތައް ކުދިންނެއް މި ކޭމްޕުގައި ބައިވެރިވެ،
ބެލެނެވެރިންގެ މަޤްބޫލުކަން މި ކޭމްޕަށް ލިބިގެން ދާކަން ޕީސް ފައުންޑޭޝަނުން ފާހަގަކުރިއެވެ.
މި އަހަރުގެ ސުޖޫދުގެ ދެ ކޭމްޕު އޮންނާނެއެވެ.
އެއީ މާލޭގައި ބާއްވާ ކޭމްޕާއި ހުޅުމާލޭގައި ބާއްވާ ކޭމްޕެވެ.
މާލެ ކޭމްޕު ބޭއްވުމަށް ހަމަޖެހިފައިވަނީ
ޑިސެމްބަރ 31 އިން ޖެނުއަރީ 1 އަށެވެ. އަދި ހުޅުމާލެ ކޭމްޕު ބޭއްވުމަށް
ހަމަޖެހިފައިވަނީ 2026 ޖެނުއަރީ 3 އިން 4 އަށެވެ.
ޕީސް ފައުންޑޭޝަނުން މީގެ ކުރިން ބޭއްވި ކޭމްޕެއް
ޕީސް ފައުންޑޭޝަނަކީ 2010 ވަނަ އަހަރުން
ފެށިގެން ރާއްޖޭގައި ދީނީ، ތަޢުލީމީ އަދި އިޖުތިމާޢީ ވޯކްޝޮޕްތަކާއި ކޭމްޕުތައް
ހިންގުމުގައި ޙަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެކެވެ. އެގޮތުން މި ޖަމިއްޔާއިން
އެކި ޢުމުރުފުރާތަކަށް ޚާއްޞަކޮށްގެން ތަފާތު އެކިއެކި ޕްރޮގްރާމްތައް ހިންގަމުން
ދެއެވެ. ސުޖޫދު ކޭމްޕުގެ އިތުރުން މި ޖަމިއްޔާއިން ހިންގާ ޕްރޮގްރާމްތަކުގެ
ތެރޭގައި ލަކުސަނަ ކޭމްޕް، ފުރާވުނަ، ފުރަދާނަ، ކުޑަކުދިންގެ ނަމާދު ވޯކްޝޮޕް،
ޢަޤީދާ ވޯކްޝޮޕް މީގެ އިތުރުންވެސް އެތައް ޕްރޮގްރާމްތަކެއްވެސް ހިމެނެއެވެ.
ސުޖޫދު ކޭމްޕުގައި ބައިވެރިވުމަށްޓަކައި
ތިރީގައިވާ ފޯމު ފުރާލައިގެން ބައިވެރި ވެވޭނެއެވެ.
https://forms.gle/UPr1Z3rneAh5NWPq7
އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ޕީސް ފައުންޑޭޝަނުގެ މީސް
މީޑިއާގެ އިތުރުން ހޮޓްލައިން (7341781)
އަށް ގުޅާލުމުން މައުލޫމާތު ލިބޭނޭކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ