ޖޭއެސްސީން މައްސަލަ ބަލަނިކޮށް، ހައިކޯޓުގެ ފަނޑިޔާރު ފައިސަލް އިސްތިއުފާދެއްވައިފި

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް، ފަނޑިޔާރުކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ. ފައިސަލް މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާންކޮށް، ހައިކޯޓުންވަނީ ފައިސަލްގެ ހިދުމަތަށް ސޯޝަލް މީޑިއާގައި ޝުކުރު އަދާކޮށްފައެވެ. އެހެންނަމަވެސް، ފައިސަލް އިސްތިއުފާ ދިން ސަބަބެއް ހައިކޯޓަކުން ހާމަ ނުކުރެއެވެ. ފައިސަލް މިއަދު ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދިންއިރު، ފައިސަލް ހިމެނޭހެން ހައިކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަތަކެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ހައިކޯޓުގެ އެންމެ ސީނިއާ ފަނޑިޔާރުންގެ ތެރެއިން ގިނަ ބަޔަކު ހިމެނެއެވެ. އެކަމަކު، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފަނޑިޔާރުންގެ މައްސަލަ ބަލަނީ، ވަކި ފަނޑިޔާރެއް، ވަކި ކޯޓަކަށް ނިސްބަތްވީތީ، ތަފާތުކޮށްގެން ނޫން ކަމަށް ބުނެ، އަމާޒުވަމުން އަންނަ ފާޑުކިޔުންތަކަށް އެ ކޮމިޝަނުންވަނީ ރައްދު ދީފައެވެ. https://sun.mv/214188 ފައިސަލް މިއަދު ފަނޑިޔާރުކަމުން އިސްތިއުފާދެއްވިއިރު، މިއަދު މެންދުރު އޮތް ޓެރަރިޒަމްގެ މައްސަލައެއްގެ ބެންޗުގައި ފައިސަލް ހިމެނިވަޑައިގެންނެވިއެވެ. ފައިސަލް ވަނީ މިދިޔަ ހަފުތާގައި އިސްފަނޑީޔާރުކަމުގެ މަސްއޫލިއްޔަތުތަކުން ވެސް އިސްތިއުފާ ދެއްވާފައެވެ. ފައިސަލްއަކީ ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ފައިސަލް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހެވެ. އެއީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހުކޮޅެވެ. ޔާމީންގެ ވެރިކަމުގައި ފައިސަލްވަނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމާއި، އެ ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމު ފުރުއްވާފައެވެ. ޖޭއެސްސީގައި ފައިސަލް އިންނެވީ ރައީސް ޔާމީންގެ މެންބަރުގެ ހައިސިއްޔަތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ