އެކަކު 100 އަށްވުރެ ގިނަ ޑެބިޓް ކާޑު ރާއްޖެއިން ބޭރަށް ގެންގޮސް ޑޮލަރު ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައެއް!

އެންމެ މީހަކު 100 އަށްވުރެ ގިނަ މީހުންގެ ޑެބިޓް ކާޑު ރާއްޖެއިން ބޭރަށް ގެންގޮސް ޑޮލަރު ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ބީއެމްއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މަހުގެ 11 ވަނަ ދުވަހުން ފެށިގެން ދިވެހި ރުފިޔާ އެކުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑު ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ އަދަދު އިތުރުކޮށް ދީފައިވާ ކަމަށާއި މި ބަދަލުގައި ރާއްޖެއިން ބޭރުގައި ކާޑު މެޝިނުގައި ބޭނުން ކުރެވޭ މުއާމަލާތްތަކަށް މަހަކަށް 1000 ޑޮލަރު، އަދި ޓިކެޓާއި ހޮޓެލް ބުކިންއަށާއި ޞިއްހީފަރުވާއަށް ފައިސާ ދެއްކުމަށް މަހަކަށް 3000 ޑޮލަރާ ހަމަޔަށް ލިމިޓް ކަނޑައެޅިފައިވާ ކަމަށެވެ.
އެހެންނަމަވެސް މި ލިމިޓްތައް ނަހަމަގޮތުގައި ބޭނުންކުރާކަމަށާއި މިގޮތުން ބައެއް ކަސްޓަމަރުން އެ ކަސްޓަމަރެއްގެ އަމިއްލަ ބޭނުމަށް، އަމިއްލަ އެކައުންޓަށް ނަންގަވާފައިވާ ކާޑުތައް އެހެން ފަރާތްތަކަށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ދެމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ. އެގޭ ތެރެއިން އެކަކު 100 އަށް ވުރެ ގިނަ ކާޑު ބޭރު ގައުމަކަށް ގެންގޮސް، ބޭރުފައިސާ ހޯދުމަށްޓަކައި ވަކި މާރޗެންޓެއްގެ ކާޑު މެޝިނުގައި އެ ކާޑުތައް ބޭނުންކޮށްގެން މުޢާމަލާތްތައް ހިންގިކަން ފާހަގަކުރެވިފައިވާކަމަށާއި މީގެ އިތުރުން ރާއްޖެއިން ބޭރަށް ދަތުރުނުކުރާ ފަރާތްތަކުގެ ކާޑުތައް ބޭނުންކޮށްގެން ގިނަ އަދަދުތަކަށް، ޓިކެޓް އަދި ހޮޓެލް ބުކިންގއަށް ކަނޑައަޅާފައިވާ ލިމިޓް ބޭނުންކުރުން ވެސް ހިމެނޭކަމަށް ބަޔާނުގައި ވަނީ ބުނެފައި އެވެެ.
މިގޮތަށް ތިންވަނަ ފާރަތަކަށް ކާޑު ދިނުމާއި ނަހަމަ ގޮތުގައި ކާޑު ބޭނުންކުރުމަކީ ކާޑުގެ ވެރިފަރާތާއި ބޭންކާ ދެމެދު ވެފައިވާ އެއްބަސްވުމާ މުޅިން ހިލާފު އަމަލެއް ކަމަށާއި އަދި މީގެ އިތުރުން ޕަރސަނަލް ކާޑުން ބޭރުގެ މުޢާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަކީ، އެކާޑުގެ ވެރިފަރާތެއްގެ ހަމައެކަނި އަމިއްލަ ބޭނުންތަކަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަށް ދީފައިވާ ލިމިޓެއް ކަމުން މިފަދަ މުޢާމަލާތްތަކަކީ އާންމުކޮށް ފައިސާގެ މުޢާމަލާތް ހިންގުމުގެ އުސޫލުތަކާ ހިލާފު މުޢާމަލާތްތަކަށްވާތީވެ، ކުރިޔަށް އޮތްތާނގައި މިފަދަ މުޢާމަލާތްތައް ބަލައި، ފިޔަވަޅު އެޅުމަށްޓަކައި ކަމާބޭހޭ ފަރާތްތަކަށް ހުށަހަޅަމުންގެންދާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައި އެވެ. އަދި މިގޮތަށް ބޭނުން ކުރާ ކާޑުތަކަށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ކަނޑައެޅިފައިވާ ލިމިޓް ކަނޑާލުމާއި އެފަދަ މާރޗެންޓްތަކުގައި މުޢާމަލާތް ނުކުރެވޭގޮތް ހެދުންފަދަ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ބޭންކުން ވަނީ ދީފައި އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ޑެބިޓް ކާޑު މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ބޭރުފައިސާ ވިއްކޭ އަދަދު ބޮޑުކޮށްފައިވަނީ، ރާއްޖެއިން ބޭރަށް އެކި ބޭނުންތަކުގައި ދަތުރުކުރައްވާއިރު ޒަރޫރީ ބޭނުންތަކަށާއި އެހެނިހެން ކަންތައްތަކަށް ވީއެންމެ ލުއިފަސޭހަ ގޮތްތައް ހަމަޖައްސައި ދިނުމުގެ ބޭނުމުގައި ކަމުން ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތް ދެވޭނީ، ނަހަމަގޮތުގައި ކާޑު ބޭނުންކުރުމަށް ހިންގާ އަމަލުތައް ހުއްޓިގެން ކަމަށް ބީއެމްއެލުން ބުނެއެވެ.
އެހެންކަމުން ކާޑުގެ ވެރިފަރާތުގެ އެކައުންޓްގެ ރައްކާތެރިކަމަށާއި، ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރުކުރުމަށާއި، ބޭންކުން ދީފައިވާ މިފަދަ ޚިދުމަތްތައް ދެމެހެއްޓެނިވިގޮތެއްގައި ދެމުން ގެންދެވޭނެ ގޮތް މަގުފަހިކޮށް ދިނުމަށްޓަކައި، އަމިއްލަ ކާޑު އެހެން ފަރާތްތަކުން ފައިދާ ނެންގެވުމަށް ނުދެއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ