އަދުރޭ މައްޗަށް ދައުވާކުރާނެ ހިއްވަރެއް އޭސީސީއަކު ނުހުންނާނެ!

ކޮރަޕްޝަން ޝައްކެއްނެތި ސާބިތުވާ މިންވަރަށް ހެކި ހުއްޓަސް އަބްދުއްރަހީމް އަބްދުއްލާ އާއި ދެކޮޅަށް ދައުވާ ކުރުމުގެ ހިތްވަރެއް ރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަނަކު ނުހުންނާނެއެވެ. އަދުރޭ ރެހެންދި-6 އިން ދެ ފްލެޓު ގަތް މައްސަލައިގެ ތަހުގީގު އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމާނީ ދައުވާ ނުކޮށް ފައިލްކުރާށެވެ. 
ރެހެންދި-6 އިން ދެ ފްލެޓު އަދުރޭ ގަތް މައްސަލައިގެ ތަހުގީގު އޭސީސީން ނިންމައި ދައުވާ ކުރުމާ މެދު ގޮތް ނިންމާ ހިސާބުގައި ބާއްވައިގެން ކޮޅެއްގައި ނުޖައްސާ ބޭއްވުމަކީވެސް އޭސީސީން ކުރާނެ ކަމެއްނޫނެވެ. މައްސަލާގައި އޭސީސީން ނިންމާނީ ދައުވާނުކޮށް ފައިލުކޮށްލުމަށެވެ. ބޮޑުވަރަކަށް ކުރާނެ ކަމަކީ އިދާރީ ފިޔަވަޅެއް އެޅުމެވެ. އެނޫން ވަރެއް އެ މީހުންނަކަށް އެކަމުގައި ނުވާނެއެވެ. 
އަދުރޭ އާއި ޖެހުމުން އޭސީސީގެ ވާގި މިހާރު ނެތޭނެއެވެ. މަގާމުގައި ދެމި ތިބެން ބޭނުމިއްޔާ އޭސީސީން ޖެހެނީ އަދުރޭގެ މައްސަލަ ހިންދާލާ ފައިލުކޮށްލާށެވެ. އަދުރޭގެ މައްޗަށް ކޮރަޕްޝަނުގެ ދައުވައެއް އުފުލޭ ދުވަހަކީ ފޮށި ތަންމަތި ބަދެގެން އޭސީސީގެ މެންބަރުން ގެއަށް ދާންޖެހޭ ދުވަހެވެ. 
އެހެން ނުވަނީ ކީއްވެގެން ހެއްޔެވެ. އަދުރޭއަކީ މެގަ މެޖޯރިޓީ އެ މީހެއްގެ އަތުގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސެވެ. ރައީސުލްޖުމްހޫރިއްޔާ ވެސް މިއަދު މަގާމުގައި ހުރެވޭނީ އަދުރޭ ބެހެއްޓިއްޔާއެވެ. ފަޅިސިކުންތަކުން ރައީސުލްޖުމްހޫރިއްޔާ އެއްލާލެވޭ ވަރުގެ ބާރުހުރި އަދުރޭއަށް އޭސީސީ ވާނީ ކޮޅުދާއްޔަށެވެ.
އެހެން ނޫނަސް ކޮރަޕްޝަންގެ ގޮތުގައި ދައުލަތުން ގެއްލިފައިވަނީ އަދުރޭއަށް ތުހުމަތުވާ އެންމެ ނުވަ މިލިޔަން ރުފިޔާ އެކަންޏެއް ނޫނެވެ. އެތައް ބިލިޔަން ރުފިޔާއެއް ދައުލަތުން ގެއްލިފައިވެއެވެ. އޭގެން އެންމެ ފައިސާ ފޮއްޗެއްވެސް އޭސީސީއަށް ހޯދާދެވިފައެއް ނެތެވެ.
ކޮރަޕްޝަންގެ ގޮތުގައި ދައުލަތުން ގެއްލޭހާ ފައިސާ އޭސީސީއަށް ހޯދާ ނުދެވޭތާ ކޮރަޕްޝަން ހުއްޓުވުމުގެ ނަމުގައި ކޮންމެ އަހަރަކު އެތައް މިލިޔަނެއް ދައުލަތުން އޭސީސީއަށް ހަރަދުކޮށް ދައުލަތުން އެބަ ގެއްލުވާލައެވެ. ކޮރަޕްޝަން ނައްތާލުމަށް އޭސީސީއަށް ކުރާ ހޭދަ ބޮޑުވާ ވަރަކަށް ރާއްޖޭގައި ކޮރަޕްޝަން ދަނީ މައްޗަށެވެ. ކޮރަޕްޝަނާއި ހިޔާނާތުގެ ވައްޓަފާޅި ހައްތަހާ ދަނީ އެޑްވާންސް ވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ