މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއަށް 5 އަހަރު، އެތައް އިބްރަތެއް ލިއްބައިދިން

ދޮޅު ލައްކަ މީހުން ދިރިއުޅޭ އެންމެ އަކަ ކިލޯމީޓަރެއް ހުންނަ މާލެއަކީ ތޮއްޖެހުން ބޮޑު ތަނެކެވެ. އާއްމު ރައްޔިތުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭފަދަ ކިތަންމެ ކަމެއް މި މާލޭގެ ގޯޅިތަކުގެ ތެރޭގައި އެބަހުއްޓެވެ. ވޭތުވެދިޔަ ތާރީހުގައި މާލޭގައި ނުރައްކާތެރި ހާދިސާތައްވެސް ހިނގާފައި އެބަހުއްޓެވެ. ނަމަވެސް 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 21ވަނަ ދުވަހުގެ ރޭ އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާއަކީ މިހާތަނަށް މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ އެއް ހާދިސާއެވެ.
ވީކިހިނެތް؟
އަލިފާނުގެ ހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވީ އަބަދަށްފަހި މަގުގައި ހުރި ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައެވެ. އަދި އެ އަލިފާންގަނޑު އެ ގޭގެ ފަހަތުގައި ހުރި ބައެއް ގޭގެއަށް ފެތުރުނު އިރު އެ ގޭގެ ކުރިމަތިން އަބަދަށްފެހި މަގުގައި ހުރި އެހެން ގެއެއްގައި ވެސް ރޯވެ ބޮޑެތި ގެއްލުންތަކެއްވެފައެވެ. މި އަލިފާނުގެ ހާދިސާ އެތައް ގަޑިއިރެއްގެ ބުރަ މަސައްކަތަށްފަހު ކޮންޓްރޯލްކުރެވުނީ އެރޭ 4:40 ހާއިރުއެވެ.
ހ. އަބަދަށްފެހި މަގުގައި ހުރި ގެތަކަކާ ގުދަނުގައި އަލިފާން ރޯވެފައިވާއިރު މިހާދިސާގައި އެކަކު ނިޔާވެސްވިއެވެ.
ހާދިސާގެ މައުލޫމާތު ހިއްސާކުރަމުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނިގޮތުގައި އަލިފާންގަނޑު އެހާ ބޮޑަށް ފެތުރެން މެދުވެރިވި ސަބަބަކީ 4 ގުދަނެއްގައި ރޯވުމެވެ. އަދި އެ 4 ގުދާނުގައިވެސް ހުރީ އަލިފާން ހިފާ ބާވަތްތަކުގެ ކެމިކަލްތަކެއްކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދިނެވެ. މި ހާދިސާގައި 7 އިމާރަތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއްލިބި 200 އަށްވުރެ ގިނަ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނެވެ. މި އެންމެންނަށްވެސް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވަނީ ކަލާފާނު ސުކޫލުންނެވެ.
ހާދިސާގައި ސީދާގޮތުންނާއި ނުސީދާގޮތުން ގެއްލުން ލިބުނު މީހުންގެ އަދަދު 400 އަށް އަރައެވެ.
ނުކުމެވޭނެ ގޮތެއް ނެތި ފުރާނައެއް ގެއްލުން
އަލިފާނުގެ ހާދިސާގައި ގެތަކުގައި ތާށިވި މީީހުން ސަލާމަތްކުރުމަށް އެމްއެންޑީއެފްއާއި އާއްމުން ރައްޔިތުންވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ނަމަވެސް ފެތުރުނު އަލިފާންގަނޑު ކޮންޓްރޯލްނުވެ ހ. ރަދުވާނިއާގެއަށް ފޯރައި އެގޭގައި ދިރިއުޅުނު އުމުރުން 46 އަހަރުގެ އާއިޝަތު ޝައުނާވަނީ ނިޔާވެފައެވެ.
ޝައުނާ ދިރިއުޅުނީ ރަދުވާނިއާގެ 3 ވަނަ ފްލޯގައެވެ. ބައެއް އާއްމުންނާ ހަވާލާދީ އޭރު މީޑިއާތަކުގައި ހަބަރު ފެތުރުނުގޮތުން 7 ފަންގިފިލާއަށް އިމާރާތްކޮށްފައިވާ މި ގޭގައި ވައިގޮޅީގެ ކުޑަދޮރު ނުހުޅުވާ ހުރީވެސް ޝައުނާ ދިރިއުޅުނު ފަންގިފިލާގެއެވެ. އެ ރައްޔިތުން ގަބޫލުކުރާގޮތުގައި ޝައުނާއަށް އެތަން ނުހުޅުވުނީ ވައިގޮޅި ހުންނަ ކޮޓަރި ކުއްޔަށްދީފައި ހުރުމުން އެ ކޮޓަރިއަށް ވަދެވޭގޮތް ނުވުމުގެ ސަބަބުންނެވެ. އަލިފާންގަނޑު ފެތުރެންފެށުމާއެކު އާއިލާގެ ބައެއް މީހުންނަށް ގުޅައި ސަލާމަތް ކޮށްދިނުމަށް ޝައުނާ އެދުނެވެ. ނަމަވެސް ބާރު މިނުގައި ވަންނަމުން ދިޔަ އަލިފާންގަނޑުގެ ސަބަބުން ނުކުމެވޭގޮތް ނެތި ސަލާމަތް ނުވާނެކަން ޔަގީންވުމުން 'ހިތްހެޔޮ ކުރުމަށް' އެދުނެވެ. ޝައުނާގެ ހަށިގަނޑު ފެނުނީ އަލިފާންގަނޑު ކޮންޓްރޯލްވިތާ އެތައް އިރެއްފަހުން އެޕާޓްމަންޓްގެ ބަދިގޭގެ ކަނަކުންނެވެ.
ބޮޑު އަދި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގެ ސަބަބުން އަންހެނެއްގެ ފުރާނަގެއްލުނީއެވެ.
ކެމިކަލް ގުދަންތަކަށް ބަދަލުކުރުމުގެ ބަހުސް
މާލޭގައި ހިންގާ ގަރާޖުތަކާއި ވޯކްޝޮޕްތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލުކުރުމުގެ ބަހުސް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބުދުލްޤައްޔޫމްގެ ވެރިކަމުގައިވެސް ފެށިއްޖެއެވެ. ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުއްﷲ ޔާމީންގެ ޒައާމަތުގައި އިންޑަސްޓްރިއަލް ވިލެޖު މިކަމަށް ހާއްސަކޮށްގެން ހިއްކި ނަމަވެސް އެވެރިކަންވެސް ނިމުނީ މިކަމަށް އަމަލީ ސިފައެއް ނައިހެވެ.
މިހާދިސާއާ ގުޅިގެން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނޭޝަނަލް ޑިޒާސްޓާ ކައުންސިލާއި ބައްދަލުކުރެއްވިއެވެ. ކެމިކަލް ގުދަންތަކުގެ ނުރައްކަލާމެދު އެ ކައުންސިލާ މަޝްވަރާކުރައްވައި އެތަންތަން ބަދަލުކުރަން އެމަނިކުފާނު އެންގެވިއެވެ.
އޭރު ބެލިބެލުމުން 126 ގުދަނެއް ހުރިކަން ފާހަގަވެފައިވާކަމަށާއި 82 ގުދަނެއް ހުރީ މީހުން ދިރިއުޅޭ ސަރަހައްދުގައި ކަމަށްށް އެނގިފައިވާކަމަށް ޑިޒާސްޓާ ކައުންސިލުން ބުންޏެވެ.
ހާދިސާއަށް 3 ދުވަސް ފަހުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެމިކަލް ގުދަންކުރުމާ އެތެރެކުރުމާ ބެހޭ ގަވާއިދެއް ހަދައި ގެޒެޓުކޮށް ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރަން ނިންމިއެވެ. އެއާއެކު 9.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ދެ މަސްދުވަހުގެ ތެރޭގައި ކެމިކަލް ގުދަނެއްވެސް އެޅިއެވެ. އޭގެ ފަހުން 2022 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އަނެއްކާ ކެމިކަލް ގުދަންތައް ބަދަލުކުރުމުގެ ބަހުސް ބޮޑުވިއެވެ. 2019 ވަނަ އަހަރުގެ ހާދިސާއަށްފަހު އޭރުގެ ސަރުކާރުން ތަކުރާރުކޮށް ބުނަމުންއައީ މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުގައި އެއްވެސް ކެމިކަލް ގުދަނެއް ނުހުންނާނެކަމަށެވެ. ނަމަވެސް ދެން ނޫސްތަކުގައި ފެތުރުނީ 18 ކެމިކަލް ގުދަނެއް މާލޭގައި ހުރިކަމަށާއި ސަރުކާރަށް ތިލަފުއްޓަށް ބަދަލުކުރެވުނީ 34 ކެމިކަލް ގުދަންކަމަށް ބުނާ ވާހަކަތަކެކެވެ. ނަމަވެސް އެމްޑީޕީ ސަރުކާރުގެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންވަނީ މިކަން ދޮގުކޮށްފައެވެ. އޭގެ ފަހުން މިއަދާ ހަމައަށްވެސް މި ބަހުސްތައް ކުރިއަށް ދިޔަޔަސް އަދިވެސް މަދުން ނަމަވެސް މިފަދަ ތަންތަން ސަރުކާރުގެ ސަމާލުކަމަށް އައިސް އެފަދަ ތަންތަން ހިންގާ މީހުން އަންނަނީ ހައްޔަރުކޮށް ތަން ބަންދުކުރަމުންނެވެ.
ލައިސަންސާއި ނުލައި މީހުން ދިރިއުޅޭ ތަންތަނުގައި ކެމިކަލް ގެންގުޅޭނަމަ ޖުރިމަނާ ކުރަން ނުވަތަ ޖަލަށް ލުމުގެ ބާރު ތަންފީޒީ އިދާރާތްތަކަށް ދީފައިވާއިރު އެ ކުށްތަކަށް 5 ލައްކަ ރުފިޔާއިން ފެށިގެން 1 މިލިއަން ރުފިޔާ އާއި ހަމައަށް ޖުރިމަނާ ކުރެވޭނެއެވެ. ނުވަތަ ފަސް އަހަރާއި 20 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުލެވޭނެއެވެ.
ހަނިގޯޅިތަކާއި ޕާކްކުރުމުގެ ބަހުސް
ހާދިސާއާ ގުޅިގެން ފެންމަތިވީ އެހެންކަމެއްވެސް އޮތެވެ. މި އަލިފާންގަނޑު ނިއްވާލުމަށް އެމްއެންޑީއެފްއިން އައި ގަޑީގައި މަގުގެ ދެފަރާތައް އެގޮތް މިގޮތައް ޖަހާފައިހުރި ސައިކަލު ފުނީގެ ސަބަބުން ފަޔަ ލޮރީއަށް ނުވަދެވި ތާށިވުމެވެ. މިއީ އަލިފާންގަނޑު އިތުރަށް ފެތުރެން ދިމާވި ސަބަބެއްކަމަށް އޭރު އެމްއެންޑީއެފްއިން މައުލޫމާތުދިނެވެ. މަގަކީ ހަނި މަގެކެވެ. އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދާގެ އިތުރަށް މުޅި މަގުގައިހެން އޮތީ އެންމެ ހުސް ޖާގައެއްވެސް ދޫކޮށްނުލާ ސައިކަުތައް ޕާކް ކޮށްފައެވެ. ހާދިސާއަށް އަވަހަށް އެޓެންޑްވާން ދިޔަ އެމްއެންޑީއެފްއަށް ޖެހުނީ މަގަށް ވަންނަން ފުރަތަމަ ސައިކަލުތައް ނަގައި ދުރައްޖައްސާށެވެ. އެ މަގުގައި ބަންގްލަދޭޝް މީހުން ހިންގާ ސައިހޮޓަލަކަށް އެއްބައި ސައިކަލުތައް ވައްދައި 30 މިނެޓު ފަހުން ހާދިސާ ހިނގިތަނަށް ވަންނަން ފަޔަ ލޮރީއަށް ޖާގަލިބުނެވެ.
އޭރުވެސް ސިފައިންނާއި ފުލުހުންނާއި އަދި ބައެއް އާއްމުން ދިޔައީ ދެން ހުރި ސައިކަލުތައް ސޯސަންމަގަށް ގެންދަމުންވެ. އަލިފާން ރޯވި ގުދަނުގެ ކުރިމަތީގައި ހުރި ގެއަކަށް އަލިފާންގަނޑު ފެތުރުމަށް ދިމާވި ސަބަބަކީވެސް ކެމިކަލްތަކުގެ ބާރު ގޮވުމާއެކު ބުރައިގެން އައި އަލިފާންތައް ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ޖެހި ރޯވެ ދެން އިމާރާތަށް ފެތުރިގަތީއެވެ. ހާދިސާއަށްފަހު ބެލި ބެލުމުން އެސަރަހައްދާ ޖެހިގެން ހީނާމާގޭ ޕާކިންޒޯން އޮތެވެ. މި ޕާކިން ޒޯންގެ ބޮޑު ބައި އޮތީ ހުސްކޮށެވެ.
ާމި މައްސަލައާއެކު މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލައި ބޮޑުކަމާއި އޭގެ ސަބަބުން ދިމާވެދާނެ ހިތާމަވެރި ހާދިސާތަކުގެ ވާހަކަވެސް ދައްކަން ފެށުނެވެ. އަދި ބާރެއް އަޅައިގެން ނަމަވެސް ޕާކިން ޒޯންތަކަށް ވެހިކަލްތައް ގެންދިއުމަށް އިތުރަށް މަސައްކަތްކުރަންޖެހޭކަންވެސް ފާހަގަވެގެންދިޔައެވެ.
މާލޭގެ މަގުތަކަށް ނުކަތާ ވަރަށް ވެހިކަލް ގިނަވެ ޕާކު ކޮށްފައި ހުރި ސައިކަލުތަކުގެ ސަބަބުން އެކެއްގެ ފުރާނަ ގެއްލި ގިނަބައެއްގެ ގެދޮރާއި މުދާ ގެއްލުނީއެވެ. ހަނި ގޯޅިތަކުގައި ޕާކު ކުރުން މަނާކޮށް ޕާކިންގް ޒޯންތައް ހަދާފައި ހުންނަ ސަރަހައްދުތަކުގައި ޒޯންގައި ނޫންގޮތަކަށް ޕާކް ނުކުރެވޭ ގޮތަށް ހެދުމަކީ ވެސް ހައްލެއްކަމަށް ބައެއް މީހުން ދެކެއެވެ.
ހަމަގައިމުވެސް މި ޕާކިންގެ މައްސަލައަށް އަދިވެސް މިވަނީ ހައްކު ނުލިބިއެވެ. ނަމަވެސް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަންނަނީ މިމައްސަލަވެސް ހައްލުކުރުމަށް ބުރަ ބޮޑު މަސައްކަތްތަކެއްކުރަމުންނެވެ.
ކޮންމެއަކަށް ހެންވޭއިރުގައި ގައި ހިނގި މި އަލިފާނުގެ ހާދިސާއަކީ މިހާތަނަށް މާލޭގައި ހިނގި ނުރައްކާތެރި ގެއްލުން ބޮޑު އަލިފާނުގެ ހާދިސާއެކެވެ. މި ހާދިސާގެ ގެއްލުން 35 މިލިއަން ރުފިޔާއަށް އަރައެވެ. މި ހާދިސާގައިވެސް މުޖުތަމައުގައި ހުރި ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަވެފައިވާއިރު މިކަން ހައްލުވާންއޮތީ އެންމެން ގުޅިގެން ކުރެވޭ މަސައްކަތަކުންނެވެ. ކަމާ ބެހޭ އިދާރާތަކުން މާލޭގައި ތޮއްޖެހުން ކުޑަކުރުމަށް މަސައްކަތްކޮށް މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުން މަދުކޮށް ރައްޔިތުންގެ ސަލާމަތައްތަކައި އަދިވެސް އެތައް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ