ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަމާ މެދު އދ.އިން ކަންބޮޑުވެއްޖެ

ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކި ކުރުމާ މެދު ކަންބޮޑުވުން ފާޅުކޮށް ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ޖުޑީޝަރީގެ މިނިވަންކަމަށް އަރައިނުގަތުމަށް އދ. އިން ރާއްޖޭގެ ސަރުކާރަށް ގޮވާލައިފި އެވެ.ރާއްޖޭގެ ގާނޫނުއަސާސީ އާއި، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މަސްއޫލިއްޔަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މިނިވަން ޝަރުއީ ނިޒާމެއް ދަމަހައްޓައި ހިމާޔަތް ކުރުމަށް ރާއްޖޭގެ ސަރުކާރަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ގޮވާލާފަ އެވެ."ފަނޑިޔާރުންނާ ދެކޮޅަށް ޝަރީއަތް ހިންގާ ގޮތާ މެދު ކަންބޮޑުވުންތަކެއް ވަނީ ފާޅުކޮށްފައެވެ. މި ކަންތައްތައް ހިނގާފައިވަނީ، މެންބަރުން ޕާޓީ ބަދަލު ކުރުމުން ގޮނޑިގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހުތަކަކާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަން އުޅެނިކޮށެވެ," އެ ބަޔާނުގައި ވެއެވެ.އެ ބަޔާނުގައިވަނީ ދައުލަތުގެ އެކި ބާރުތަކާއެކު ވަރުގަދަ އަދި މިނިވަން ޝަރުއީ ދާއިރާއެއް އޮތުމަކީ، ސަރުކާރުގެ ހުރިހާ ބާރުތަކަކުން ގާނޫނުގެ ވެރިކަމަށް ތަބާވުމާއި އިންސާނީ ހައްގުތައް އެކަށީގެންވާ ގޮތެއްގައި ރައްކާތެރިކުރުން ކަށަވަރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއްކަން ފާހަގަކޮށްފަ އެވެ.އދ. އިން ވަނީ، މިނިވަން ޝަރުއީ ދާއިރާއެއް ދަމަހައްޓައި ރައްކާތެރިކުރުމަށް ކަމާބެހޭ ފަރާތްތަކުން ވެފައިވާ ވައުދުގެ މަތީގައި ދެމިތިބެން ވެސް ހަނދާންކޮށްދީފައެވެ.ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔަށް، ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރު ކަމުން ވަކިކުރި އެވެ.އަޒްމިރަލްދާ އާއި މަހާޒުގެ އިތުރުން ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑްކުރީ 26 ފެބްރުއަރީގަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ވެސް ކޯޓުން ނިންމާފައި ވަނިކޮށެވެ.ތިން ފަނޑިޔާރަކު އޭރު ސަސްޕެންޑްކުރުމުން ދުސްތޫރީ މައްސަލަ ވަގުތީ ގޮތުން ހުއްޓުނުތާ މިއަދަށް ދެ މަހަށް ވުރެ ގިނަ ދުވަސްވީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ