މަރުވުމާއިއެކު ދުނިޔޭގަ ހުރެ ކުރެވުނު ފާފަތަކަށް ޢަޛާބް ލިބެން ފަށާނެއިރު މަރުވުމަށްފަހުގައިވެސް ޢަޛާބު އިތުރުވާނެ ފާފަތަކަށް ބިރުވެތިވާން އެބަޖެހޭ!

ތަކުރާރުކޮށްމިލާ މިނަޞޭޙަތަކީ އަބަދުހެން ދެވޭ ނަޞޭޙަތެކެވެ. އެހެނަސް ގިނަބައަކު ސަމާލުކަމެއް ނުދެއެވެ. ޢަމަލެއް ނުކުރެއެވެ. ކައްވަޅާއި އާޚިރަތުގެ ޢަޛާބަށް ވިސްނައިވެސް ނުލައެވެ.  
ވިސްނައިލާށެވެ. މަރުވުމާއި ހަމައިން ތިބާގެ ޢަމަލުތައް ބަންދުވީއެވެ. ޘަވާބު ހޯދަން ތިބާއަށް އިތުރަށް ހަމަ އެއްވެސް ކަމެއް ނުކުރެވޭނެއެވެ. މަރުވުމަށްފަހުގައި ޘަވާބު އިތުރުވާނެ ފަދަ ޢަމަލެއް ދުނިޔޭގައި ހުރެ ކުރެވިފައި ނުވާނަމަ އެހިސާބުން ތިމާއަށް ޘަވާބު އިތުރުވުން ނިމުނީއެވެ.  
މަރުވުމުން އެމީހަކަށް ޘަވާބު އިތުރުވާނެ ޢަމަލެއް ކުރެވެނީ މަދުމީހަކަށެވެ. ގިނަ ބައަކަށް މިކުރެވެނީ ޢަޛާބު އިތުރުވާނެ ކަންކަމެވެ. ކުރިން މިދެއްކީ އަޢުރަ ނިވާނުވާ ފޮޓޯގެ ވާހަކައެވެ. ސޯޝަލް މީޑިއާގައި ފަތުރާފައި ހުންނަ ނުބައި މަޢުލޫމާތާއި މީހުން މަގުފުރެދޭނެ ގޮތަށް ފަތުރާފައި ހުންނަ މަޢުލުމާތު ކޮބައިހެއްޔެވެ؟ ނުބައި ޢަމަލުތައް ކުރަން ހިތްވަރުދީ ފަތުރާ ޕޯސްޓްތައް ކޮބައިހެއްޔެވެ؟  
އަޢުރަ ނިވާނުވާ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގަ ހާމަކުރާ މީހުން ވިސްނައިލާށެވެ! ތިބާ މަރުވި ނަމަވެސް ފޮޓާ އާއި މަންޒަރު ދާނީ ދައުރުވަމުންނެވެ. ދައުރުވާވަރަކަށް ތިބާ ކައްވަޅުގައި އޮތް ނަމަވެސް ދާނީ ޢަޛާބު އިތުރުވަމުންނެވެ! ޢަޛާބަށް ބިރުވެތިވެތިވާށެވެ!  
އަހުރެން އާދޭހާއިއެކު އިލްތިމާސްމިކުރަނީ މިބުނި ފަދަ ފޮޓޯތަކާއި ޕޯސްޓްތަކާއި ލިޔުންތައް އަވަހަށް ޑިލީޓްކޮށްލުމަށެވެ. ތައުބާވުމަށެވެ. އާޚިރަތް ދުވަހު އެމީހެއްގެ ޢަމަލުތައް މީޒާނުގައި ކިރާލެވި ތިމާގެ މައްޗަށް ޙުކުމް އިއްވަވާނެ ވަޤުތައް ބިރުވެތިވުމަށެވެ.  
މިއަހަރުގެ ރަމަޟާންމަސްވެސް ބައްދަލުކުރަނީއެވެ. ރޯދަހިފާނަމުއެވެ. އިން ޝާ ﷲ. ރޯދަ ހިފިނަމަވެސް އެމީހަކަށް ޢަޛާބު އިތުރުވެގެންދާނެ ގޮތަށް ކަންކަން ކުރާނަމަ އާޚިރަތް ދުވަހު ތިމާއާއިއެކުގައި ގެންދަން ލިބޭނީ ޢަޛާބުގެ ބޮޑެތި ބިޔަ ފުނިވަރުތައް ކަމުގައި ވެއްޖެ މީހެއްގެ ޙާލަކީ ކޮބައިހެއްޔެވެ؟
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ