ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓުންގެ މެންބަރުން އެމްޑީޕީއަށް އަލުން ސޮއިކުރުމުގެ ޖަލްސާ ބާއްވަން ސަލްޓަން ޕާކު ދޭން ނިންމައިފިއެވެ.
ނަޝީދާއި ޑިމޮކްރެޓުންގެ ގިނަ މެންބަރުން އެމްޑީޕީ އާ އަލުން ގުޅިވަޑައިގެންނެވުން ފާހަގަކުރުމަށް ހަފްލާއެއް ބޭއްވުމަށާއި އެ ޕާޓީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި 'އެކްސް'ގައި ރޭ ލިޔުއްވައިފައެވެ.
"ވީމާ މި ޖަލްސާތަކާއި ހަފްލާތައް ބޭއްވުމަށް ސަރުކާރުން އިތުރު ތަނެއް ހަމަޖައްސަވައި ނުދެއްވާނަމަ، އެމްޑީޕީ އަށް ތާއީދުކުރައްވާ އެންމެހާ ބޭފުޅުން މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 9 ޖަހާއިރު މުލިއާގޭ ކަންމައްޗަށް ވަޑައިގެން ދެއްވުމަށް ދައުވަތު އަރުވަމެވެ،" ފައްޔާޒްގެ ޕޯސްޓުގައި ވެއެވެ.
ފައްޔާޒަށް ރައްދުދެއްވައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު 'އެކްސް'ގައި ލިޔުއްވިގޮތުގައި ހުއްދަ ހޯދުމަކާ ނުލައި، ކާނިވާ ސަރަޙައްދުގެ އިތުރުން އުސްފަސްގަނޑާއި ރަސްފަންނަށް އެއްވެވޭނެއެވެ. އެކަމަކު އެމްޑީޕީން އެދުނު ތަންތަނުގެ ތެރެއިން ޖަލްސާ ބާއްވަން ސަލްޓަން ޕާކު ދޭން ނިންމާފައިވާ ކަމަށް، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު 'އެކްސް'ގައި މިރޭ ލިޔުއްވާފައިވެއެވެ.
"ސަލްޓަން ޕާކަކީ މަރާމާތުކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެދިގެން މާލޭ ސިޓީ ކައުންސިލުން ހަވާލުކޮށްފައިވާ ތަނަކަށް ވާތީ އެތަން މިމިނިސްޓްރީން މިހާތަނަށް ކުއްޔަށް ދީފައި ނުވާނެއެވެ. އަދި ކުއްޔަށް ދިނުމަށް އުސޫލެއް ކަނޑައަޅާފައި ވެސް ނުވެއެވެ. ނަމަވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އިވެންޓެއް ބޭއްވުމަށް މާލެއިން ތަނެއް ހަމަނުޖެހިގެން އެތަން ހޯދުމަށް އެދިފައިވާތީ ސަލްޓަން ޕާކުގެ އިވެންޓް ބާއްވާ ތަން އެޕާޓީއިން އެދިފައިވާ ގޮތަށް ދިނުމަށް މިހާރު ވާނީ ނިންމާފައެވެ." މުއްތަލިބު ލިޔުއްވާފައިވެއެވެ.
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ ޖޫން 21، 2023 ގައެވެ. ދެ އަހަރަށް ފަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާ ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވައި އަރިސް ބޭފުޅުންގެ ހިޔާލަށް އެދިވަޑައިގެންފައެވެ.
ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވާ ޖަލްސާ ބާއްވަން ސަލްޓަން ޕާކު ދޭން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ