ކަލާ ފެނިލުމުން... 66
އެންމެންވެސް މާލެ ދިޔުމަށް ޓަކައި ނައްޓައިލީ އެކުއެކީގައި ވާހަކަ ދައްކަމުން ނަމަވެސް ހައިވޭއަށް އެރުމާއެކު އެ ފުރުސަތު ގެއްލުނެވެ. ސައިކަލު ދުއްވަމުން ދިޔަ ޔޫޝައުގެ ފަހަތުގައި ލުބާ އިންއިރު އޭނާގެ ހިތުގައި ތަފާތު ޝުޢޫރުތައް ދައުރުވަމުން ދިޔައެވެ. ގެއާ ހިސާބަށް އާދެވެންދެންވެސް ލުބާއަށް ވިސްނެމުން ދިޔައީ އޭނާގެ ހިތުތެރޭގައިވި އިޙްސާސްތަކާ މެދުގައެވެ. ޔޫޝައު މަޑުކޮށްލުމުން ލުބާ ސައިކަލުން ފޭބުމަށްފަހު, ޔޫޝައުއަށް ޝުކުރު އަދާކޮށްފައި ހެލްމެޓް ދިއްކޮށްލިއެވެ. ޔޫޝައު އޭގައި ހިފުމުން ލުބާ، ގެއަށް ވަންނަން އެނބުރިލިއެވެ. "ތޭންކްސް." އެހެން ނަމަވެސް ފިޔަވަޅު މަޑުޖައްސާލަމުން ފަސް އެނބުރިލަން އޭނާއަށް މަޖުބޫރުވީ ޔޫޝައުގެ އަޑަށެވެ. ސުވާލުގެ ނަޒަރެއް ޔޫޝައުއަށް ދިނުމާއެކު އޭނާ ވާހަކަ ދެއްކިއެވެ. "މިބުނީ މިއަދު ދެއްކި ވާހަކަތަކަށް. އައި ތިންކް އައި އަންޑަރސްޓޭންޑް ޔޯ ޕޮއިންޓް." ޔޫޝައު އެހެން ބުނެލުމުން ލުބާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. "ލުބާ ބުނިހެން އަހަރެންގެ ލައިފްއަށް އަދި ޑެސްޓިނީގައި ލިޔެވިފައިވީ ކުއްޖާ ނާންނަނީ... ދަނީ އިނގޭ…ބާއި." އެހެން ބުނެލާފައި ޔޫޝައު ސައިކަލު ދުއްވައިލުމުންވެސް ލުބާއަށް ހުރިތާ ހުރެވުނީއެވެ. ހުރިތަނުން ގުޑައިވެސް ލެވުނީ ޔޫޝައު ގޮސް ލޯމަތިން ގެއްލުމާއެކުގައެވެ. ***** ހަފްތާއެއްހާ ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. ލުޔޫނާ އޭނާގެ މައިންބަފައިންގެ ގާތުގައި އަޒްލަފްއާ ކައިވެނިކުރަން ބޭނުންވާ ވާހަކަ ހިއްސާކުރުމުން އެކަމާ އެންމެ އުފާވީ އޭނާގެ މަންމަ ނަފީސާއެވެ. އެންމެންގެ ފަރާތުންވެސް އޭނާއަށް ލިބުނީ ހިތްވަރެވެ. ވިވިއަން ނިޔާވުމަށްފަހު، ލުޔޫނާ އެހެން އެކަނި މާއެކަނި އޭނާގެ ޙަޔާތް ވޭތުކޮށްފާނެތީ، ލުޔޫނާއާ މެދުވީ ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެން ދިޔުމުން ނަފީސާއަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. އެމީހުން އެންމެންވެސް އުންމީދަކީ ލުޔޫނާއާއި އަޒްލަފްގެ ކައިވެނި ވީ އެންމެ އަވަހަކަށް ކުރެވިގެން ދިޔުމެވެ. ދެ ޢާއިލާ ބައްދަލުވެ ކައިވެނީގެ ވާހަކަތައް ދެކެވުމުގެ ކުރިން އަޒްލަފް ލުޔޫނާއާ ވަކިން ބައްދަލުކުރަން ބޭނުންވިއެވެ. އޭނާ ދައްކަން ބޭނުންވާ ވާހަކަތަކެއް ހުރީތީއެވެ. އަދި ނިންމާ ކޮންމެ ކަމެއްގައި ލުޔޫނާގެ ޚިޔާލު އޭނާއަށް މުހިންމު ވާތީއާވެސް އެކުގައެވެ. އެދުވަހުގެ ޑިއުޓީ ދެމީހުންވެސް ނިމުނީ ހަވީރުކަމުން އަޒްލަފް ލުޔޫނާ ގޮވައިގެން ރެސްޓޯރެންޓަކަށް ދިޔައީ ދެމީހުންވެސް މެންދުރު ނުކައި ތިބީތީއާވެސް އެކުގައެވެ. އެއްޗެއްސަށް އޯޑައު ދީފައި އަޒްލަފް، މޭޒުމަތީގައި އޮތް ލުޔޫނާގެ އަތުގައި މަޑުމަޑުން ހިފައްޓާލިއެވެ. އޭނާގެ މައިންބަފައިން ލުޔޫނާގެ މައިންބަފައިންނާ މާދަމާ ބައްދަލުކުރަން ދިޔުމުގެ ކުރިން ކައިވެނީގެ ކަންތައްތަކުގައި ލުޔޫނާގެ ޚިޔާލެއް ހުރި ނެތްގޮތެއް ބަލަން އަޒްލަފް ބޭނުންވެ އެވާހަކަ ބުނެލިއެވެ. "އެނގޭ ދެ ފެމެލީ މީހުން ބުނާގޮތަށް ލުޔޫ ދެކޮޅެއް ނުހަދާނެކަން. އެކަމަކު އަހަރެން ބޭނުމެއް ނޫން، ލުޔޫ އަންކޮމްފޮޓަބަލް ވާގޮތަށް އެއްވެސް ކަމެއް ކުރާކަށް. ކައިވެނިކޮށްގެން ބޮޑު ޕާޓީއެއް ބާއްވަން ބޭނުންނުވާކަމަށް ލުޔޫ ބުނީމެއްނު. ކޯޓުގައި ކައިވެނިކުރަންތަ ބޭނުންވަނީ؟" އަޒްލަފް ސުވާލުކޮށްލިއެވެ. އޭނާ ލުޔޫނާގެ އަތަށް ބާރުކޮށްލިއެވެ. ލުޔޫނާގެ ކޮންމެ ނިންމުމަކަށް އޭނާ އިޙްތިރާމްކުރާނަމޭ ބުނާކަހަލައެވެ. "އަސްލު، އެހާ ބޮޑު ޕާރޓީއެއް ބާއްވާކަށް ބޭނުމެއް ނޫން. ދެ ޢާއިލާގެ މީހުންނަށް ކުޑަ ކެއުމެއް ދެވުނީމަ ރަނގަޅުވާނެ." ލުޔޫނާ ބުނެލިއެވެ. "އަހަރެން މަންމަމެންނާ ތި ވާހަކަ ހިއްސާކުރާނަން. ހުރިހާކަމެއްވެސް އަހަރެން ކުރަން ބޭނުންވަނީ ލުޔޫ ބޭނުންވާ ގޮތަށް." އަޒްލަފްގެ ކޮންމެ ވާހަކައަކުން ދޭހަވަމުންދިޔައީ ލުޔޫނާއަށްޓަކައި އޭނާގެ ހިތުގައިވާ ލޯތްބެވެ. އެހިތުން ލުޔޫނާއަށް ދެވިފައިވާ ޤަދަރެވެ. އެކަން އެނގި ލުޔޫނާގެ ހިތްވެސް ވަނީ އުފަލުން ފޮޅިފައެވެ. އަޒްލަފް އެމީހުން އުޅޭނެ ތަނަކާ ބެހޭގޮތުންވެސް ވާހަަކަ ދެއްކިއެވެ. އޭނާގެ ނަޒަރުގައި އެކަމުގައި ލުޔޫނާގެ ޚިޔާލެއް ހޯދުމަކީ ވެސް މުހިންމުކަމެކެވެ. ލުޔޫނާ އޭނާގެ މަންމަމެންނާ އެއްކޮށް އުޅެން ބޭނުންނުވެދާނެތީ ކުޑަކޮށް ނުތަނަވަސްކަމެއް ވެރިވިނަމަވެސް އަޒްލަފް ހިނިތުންވެލިއެވެ. ސީދާސީދަލަށް ނުބުނި ނަމަވެސް، ލުޔޫނާއަށް އަޒްލަފް އެބުނަނީ ކީކޭކަން އެނގުނެވެ. "އަހަންނަށް އޯކޭ އަޒްލަފް މަންމަމެންނާ އެކީ އުޅެންވެސް. އަހަރެންގެ އެއްވެސް މައްސަލައެއް ނެތް." ރިސާމާމެން އެންމެންވެސް އޭނާ ދެކެ ނުހަނު ލޯބިވާކަން ލުޔޫނާއަށް އެނގެއެވެ. މިވީ ދުވަސްތަކުގައި އެކަމުގެ ޔަޤީންކަން އޭނާއަށް ލިބިފައިވާތީ ވެސް އެކުގައެވެ. "އަހަރެން ހިތްހަމަ ނުޖެހިދާނެތީތަ އަނެއްކާ އާއެކޭ ތިބުނީ؟" އަޒްލަފް ސުވާލުކޮށްލިއެވެ. އޭނާއަށް ލުޔޫނާގެ ގޮތް އެނގޭތީއެވެ. ވިވިއަންއާ އިނދެގެން ވެސް ލުޔޫނާ އުޅުނީ ވަކިންނެވެ. އަބަދުވެސް އަމިއްލަ މިނިވަންކަމަށް އޭނާ ލޯބިކުރެއެވެ. "ނޫން. އަހަރެންވެސް އެގޮތް ބޭނުންވާތީ." ލުޔޫނާ ޖަވާބު ދިންއިރު އެ އަޑުގައި ސާބިތުކަން ވެއެވެ. އޭނާ އެންމެ ކުރިން ފެށިގެންވެސް ބޭނުންވީ ވަކި ދިރިއުޅުމެއް އުޅޭށެވެ. ވިވިއަންއާ އިނދެގެން ވެސް ވަކިން އުޅުނީ އޭނާ ބޭނުންވެގެންނެވެ. ނަމަވެސް، އަޒްލަފް ޙަޔާތަށް އައިފަހުން އެ ވިސްނުން މަޑުމަޑުން ބަދަލުވީއެވެ. އަޒްލަފް އޭނާގެ މައިންބަފައިން ދޫކޮށްލާފައި ދާކަށް ދުވަހަކުވެސް ބޭނުމެއް ނުވާކަން އޭނާއަށް އެނގެއެވެ. އެހެންނަމަވެސް އެހުރިހާކަމެއް އެއްފަރާތްކޮށްފައި އަޒްލަފް އޭނާގެ ޚިޔާލެއް ހޯދާނީ ހަމަ ހަޤީގަތުގައި ވެސް އޭނާ ދެކެ އިންތިހާއަށް ލޯބި ވާތީއެވެ. އޭނާ ބުނާ ބަހަކީ އަޒްލަފްގެ ކުރިމަތީގައި ބަސްވިކޭ ބަހަކަށް ވާތީއެވެ. އޭނާގެ ޚިޔާލާ ފިކުރަކީ މުހިންމު އެއްޗަކަށް ވާތީއެވެ. އަދި އޭނާއަށް ކުޑަވެސް ކަމަކުން ނުތަނަވަސްކަމެއް ލިބެން ނޭދޭތީއެވެ. ވީއިރު އަޒްލަފް ބޭނުންވާ ގޮތަށް ކަންތައް ކޮށްދިނުމަކީ މުހިންމުކަމެއްކަމުގައި ލުޔޫނާއަށް އިޙްސާސްވެސް ވޭމެއެވެ. އެފަދަ ވާހަކަތަކެއްގައި ދެމީހުން އެތަކެއް އިރަކު ތިއްބެވެ. ޖެހިގެން އައި ދުވަހުގެ ރޭ ދެ އާއިލާ ބައްދަލުކުރިއެެވެ. ލުޔޫނާއާއި އަޒްލަފްއާ ވެސް އެކީގައެވެ. އެ ބައްދަލުވުން ކުރިއަށް ދިޔައީ އަޒްލަފްމެން ގޭގައި ރޭގަނޑުގެ ކެއުމާ ވެސް އެކުގައެވެ. ލުޔޫނާގެ މަންމަ ނަފީސާއާއި ބައްޕަ ޠާރިޤްވެސް ވީ ދުރުވިސްނޭ ދެމީހުންނަށެވެ. އަޒްލަފްއާއި ލުޔޫނާ ބޭނުންވާ ކޮންމެ ގޮތަކަށް ދެމީހުންވެސް ރުހި ޤަބޫލުވީ ދަރިންގެ އުފާތަކަށް އިސްކަންދޭތީއެވެ. ކުރާ ކަންކަމުގައި ގޯސް ކަމެއް ނުހިމެނޭނަމަ އަދި އެކަމުން ގެއްލުމެއް ނުވާނަމަ އެކަމަށް ދެކޮޅު ހަދާ ކަންތައްތަކަށް މަޖުބޫރުކުރުވުމަކީ އެމީހުންގެ އާދައަކަށް ނުވާތީއެވެ. ***** ކޮޓަރީގައި އިން މައުވާ ވިސްނަމުން ދިޔައީ އަފްނާންގެ ވާހަކަ މަންމަ ކައިރީގައި ބުނާނެ ގޮތަކާ މެދުގައެވެ. އޭނާއަށް އަބަދާ އަބަދު އަންނަ ފޯނުތަކާއި މެސެޖުތަކުން ކޮންމެވެސް ވަރަކަށް މަންމައަށް ކަންތައްތައް އެނގިއްޖެކަން މައުވާއަށް އެނގެއެވެ. ރާމިޒާ އެހުންނަނީ އޭނާ އިސްވެ އެ ވާހަކަ ދައްކަންދެން އެެއްޗެއް ނުބުނަންކަން ވެސް އެނގެއެވެ. "މަންމާ.... އަހަރެން ބޭނުން ވާހަކައެއް ބުނަން." ކޮޓަރިއަށް ވަނުމަށްފަހު އަޅައިގެން ހުރި ބުރުގާ ބާލަމުން ކޮނޑުގައި އަޅުވައިލި ރާމިޒާއަށް މައުވާ ބަލަައިލިއެވެ. "ކިހިނެއްވީ ދަރިފުޅާ!" މައުވާގެ ގާތުގައި އިށީނުމަށްފަހު ރާމިޒާ އަހައިލިއެވެ. "އަޅުގަނޑު.... އަޅުގަނޑު އަފްނާންއާ އަލުން.... މީ..." މަައުވާއަށް ވާހަކަ ދެކެވުނީ ކުޑަކޮށް އަޅައަޅައިގަންނަމުންނެވެ. "އަފްނާންއާ ގުޅުނީތަ؟" ރާމިޒާ ސުވާލުކޮށްލުމާއެކު މައުވާ ބޯ ޖަހައިލަމުން އިސްޖަހައިލިއެވެ. ރާމިޒާއާ ހަތަރު ހަމަކޮށްލަން އޭނާއަށް ނުކެރުނީއެވެ. އޭނާއަށް އެހާ އަނިޔާވެރިވި މީހަކަށް މާފު ކޮށްފައި އިތުރު ފުފުސަތެއް ދިނުމުން މަންމަ ހީކުރާނީ ކީކޭ ހެއްޔޭ މައުވާގެ ހިތަށް އަރަމުން ދިޔައެވެ. "ދަރިފުޅު ވަރަށް ވިސްނާފަތަ ތި ނިންމުން ތި ނިންމީ؟" ރާމިޒާ އަހަައިލިއެވެ. ހިނދުކޮޅަކަށް އެއްޗެއް ނުބުނެ އިނުމަށްފަހު، މައުވާ އެންމެ ފަހުން ބޯ ޖަހައިލައިފިއެވެ. ދެންވެސް އިސްއުފުލައިލާނެ ހިތްވަރެއް ނުލިބުނެވެ. "ދަރިފުޅުގެ ހިތްހަމަޖެހުމަކީ އެއީކަމަށް ވަންޏާ މަންމަގެ މައްސަލައެއް ނެތް. އެރޭ އަފްނާންއާ ބައްދަލުލުރި ފަހުން ދަރިފުޅުގެ މޫނުމަތިން ފެނުނު އުފާވެެެރިކަމުގެ އަސްލަކީ ތީހެން އޭރުވެސް މަންމައަށް ހީވިއޭ." ރިސާމާގެ އަޑާއެކު މައުވާ އިސްއުފުލައިލިއެވެ. އޭނާ ޤަބޫލުކަން އަންގަައިލުމުގެ ގޮތުން، ރާމިޒާ ބޯ ޖަހައިލުމާއެކު މައުވާ ރާމިޒާގެ ގައިގައި ބައްދައިލިއެވެ. "މަންމަ އާއެކޭ މިބުނީ ހަމަ އެކަނި ދަރިފުޅުގެ އުފަލަށް." ރާމިޒާ މައުވާގެ ބުރަކަށީގައި ފިރުމައިލިއެވެ. ***** ޖެހިގެން އައި ހަފްތާގައި ރަން ކިޔުމަށްފަހު އަޒްލަފްއާއި ލުޔޫނާގެ ކައިވެނި ވެސް ކުރެވިއްޖެއެވެ. ކެއުން ބޭއްވީ އަޒްލަފްމެން ގޭގެ ޓެރެސްގައެވެ. މާހައުލު ހަލަބޮލިވެފައިވީ ދެ އާއިލާއާއި ރަޙްމަތްތެރިންގެ ގިނަ ބަޔަކުވެސް އެތަނަށް ޖަމާވެފައި ވާތީއެވެ. ފެންނަ ކޮންމެ މީހަކުވެސް އަޒްލަފްއާއި ލުޔޫނާގެ ޖޯޑަށް ތައުރީފްކޮށްލައެވެ. ލުޔޫނާ ލާފަައިހުރީ އާއްމުކޮށް ވެސް އޭނާ ލާފަދަ ހަރުވާޅު ހެދުމެކެވެ. ތަފާތަކީ ހަމަ އެކަނި ވިދާޒަތުގެ ރޭނދާތަކުން ހެދުން ޖަރީކޮށްލާފަައިވާ ގޮތެވެ. އަޒްލަފް ވެސް ހުރީ ހުދު ގަމީހަކާ އަޅިކުލައިގެ ފަޓްލޫނެއްގައެވެ. އެއްވެސް ކަހަލަ ދެއްކުން ތެރިކަމެއް ނުވެއެވެ. ވީހާވެސް އާދައިގެ ގޮތަކަށް ހުރިހާކަމެއް އިންތިޒާމް ކުރުމަށް މަސައްކަތްކޮށްފައިހުރިކަން ތަނަށް ބަލައިލުމުން ވެސް އެނގެއެވެ. ތަނުގައި ކުޑަކޮށް ފެއަރީ ލައިޓްސް ދިއްލާލުން ފިޔަވާ އިތުރު ޖަރީކުރުމެއް ވެސް ނުވެއެވެ. އުފާވެެރިކަމާއިއެކު ގުޅުންތައް ބަދަހިވެގެން ދިޔަ ހަފްލާއަކަށް އެ ހަފްލާވެގެން ދިޔައެވެ. އެއްފަރާތެއްގައި ހުރި އުނދޯލީގަައި އިށީނދެލައިގެން ތިބި އަޒްލަފްމެން ކައިރިއަށް އައިސް ހުއްޓިފައި އަފްނާން ފެނުނުތޯ ރިސާމާ އަހައިލިއެވެ. "ފެނުނު. އެކަމު މިހާރު އެފަހުން އިރުގަނޑެއް ވެދާނެ. ދޯ" އަޒްލަފް ލުޔޫނާއަށް ދޯ ދިނެވެ. "ކޮބާ އާއިން؟" އަޒްލަފް ސުވާލުކޮށްލިއެވެ. "ބައްޕައާ އެކީ ގަ އެބަހުރި." އެހެން ބުނެލާފައި ރިސާމް ފޯނުން އަފްނާންއަށް ގުޅައިލިއެވެ. އެހެންނަމަވެސް، އަފްނާން ފޯނެއް ނުނަގައެވެ. "ނުނަގާތަ؟" އެހެން ބުނެލާފަައި އަޒްލަފް އެއްލި ކަޅިއާއެކު ޓެރެސްގެ ދޮރުން އެތެރެއަށް ވަތް އަފްނާން އޭނާގެ ލޮލުގައި އަޅައިގަނެެއްޖެއެވެ. އޭނާ ބަލަން ހުއްޓާ އަފްނާން ބޭރުގައި ހުރި މީހަކަށް ވަންނާށޭ ބުނެލާފައި އަތުން އިޝަރާތްކޮށްލިއެވެ. "އެހެރީ އަފޫ." އަޒްލަފް ބުނެލިއެވެ. ރިސާމާ އެ ދިމާލަށް ބަލައިލުމާއެކު އޭނާއަށް ހައިރާންކަމެއް ލިބިގެންދިޔައެވެ. އަފްނާންގެ ފަހަތުގައި އެހުރީ މައުވާ ނޫން ދެވަނަ މީހެއް ނޫނެވެ. އެއްއަތުން އަނެއް އަތުގައި ހިފައްޓާލައިގެން ހުރިގޮތުންނާއި ވަށައިގެންވީ މާހައުލަށް އަވަސްކަޅިއެއް ހިންގައިލި ގޮތުން އޭނާ އެހުރީ ނުތަނަވަސްވެފައިކަން ރިސާމާއަށް ދެނެގަނެވުނެވެ. ހިނދުކޮޅަކަށް އެ ދިމާލަށް ބަލަހައްޓައިގެން ހުރުމަށްފަހު ގޮސް އޭނާ އަފްނާންމެންގެ ކައިރީގައި މަޑުކޮށްލިއެވެ. މައުވާއަށް ފުޅާ ހިނިތުންވުމެއް ރިސާމާ ދިނެވެ. މައުވާ އެ ގޮތަށް އަފްނާންއާއެކު ފެނުމުން އޭނާ އުފާވި މިންވަރު އެކަމުން އެކަނިވެސް ފާހަގަވިއެވެ. މީގެ ކުރިން މައުވާއާ ދިމާވެ ވާހަކަ ދެކެވުނުކަން ރިސާމާ އަފްނާންއަށް އަންގާކަށް ބޭނުމެއް ނޫނެވެ. "މަންމާ…މީ މައުވާ… މައުވާ މީ މަންމަ." އަފްނާން އެ ދެމީހުން ތަޢާރަފްކޮށްދިނެވެ. ރިސާމާ އިތުރު ސުވާލެއް ކުރާނެޔޭ ހީކުރިނަމަވެސް، އޭނާ އެއްޗެއް ނުބުނުމުން އަފްނާންގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އެ މަންޒަރު ބަލަން އިން އަޒްލަފްވެސް ލުޔޫނާ ގާތު މަޑުކޮށްލަން ބުނެފައި، އަފްނާންމެން ގާތަށް ގޮސް ހުއްޓުނެވެ. "މައުވާ." އަޒްލަފް ގޮވައިލިއެވެ. "ހައި... ޑޮކްޓަރ." މައުވާ ހިނިތުންވެލި ނަމަވެސް އޭނާ ހުރީ ލަދުވެސް ގަނެފައެވެ. މިރޭ އޭނާ ބައްދަލުއެކުރަނީ އޭނާގެ ޑޮކްޓަރަކާ ނޫނެވެ. އެހެންނަމަވެސް އަފްނާންގެ ދޮންބެއާއެވެ. އެ އާއިލާއާއެވެ. "ހައު އާރ ޔޫ؟" ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލަމުން އަޒްލަފް ސުވާލުކޮށްލީ މާހައުލަށް ވެރިވި ހިމޭންކަން ފޫއަޅުވައިލުމުގެ ގޮތުންނެވެ. "އޯކޭ." މައުވާ ބުނެލިއެވެ. "އަވަހަށް އާދޭ. ވަދޭ އެތެރެއަށް." ރިސާމާ މައުވާގެ އަތުގައި ހިފައްޓައިލިއެވެ. އަފްނާންއާއެކު އެގޮތަށް މައުވާ ފެނުމުން، ހުރިހާކަމެއް އޭނާއަށް އެނގި ސާފުވެއްޖެއެވެ. މައުވާ ގޮވައިގެން ގެންގޮސް މޭޒެއްގެ ދޮށުގައި ހުރި ގޮނޑިއެއްގައި ބެއިންދުމަށްފަހު، އޭނާ ނޯކަރަށް ގޮވާލާފައި ގެނައެވެ. އަދި މައުވާއަށް ކާއެއްޗެހި ގެނެސް ދިނުމަށް އެދުނެވެ. ބަނޑުހައިނުވިޔަސް ނޫނެކޭ ބުނާކަށް މައުވާއަކަށް ނުކެރުނެވެ. އަފްނާން އެހުރިހާއިރުވެސް އޭނާގެ ގާތަކުން ދުރަކަށް ނުދެއެވެ. ރިސާމާ އުޅޭގޮތުން އަފްނާން ހިނިތުންވެލައިގެން އިނީއެވެ. "އަހަރެން ވަރަށް ލަދުގަނޭ އެބަ." ވަށައިގެންވީ މާހައުލަށް ކަޅި ހިންގައިލަމުން މައުވާ ބުންޏެވެ. އެހާ ގިނަ މީހުންގެ ތެރޭގައި، ޚާއްސަކޮށް ނުދަންނަ ބައެއްގެ ތެރޭގައި އިންނަންވުމުން، އޭނާއަށް އުނދަގޫވަމުން ދިޔައެވެ. "އިޓްސް އޯކޭ. ދޭ އާ އޯލް ފެމިލީ." އަފްނާން މައުވާގެ އަތުގައި ކުޑަކޮށް ހިފައްޓައިލިއެވެ. ދުރަށް ޖެހިލި ރިސާމާ ހޯދަން ފެށީ ނަޖީބެވެ. ޓެރެސްގެ އެއްފަރާތުގައި ނަޖީބު ހުރީ ޠާރިޤާއި ވާހަކަ ދައްކާށެވެ. ރިސާމާގެ ނަސީބު ކަންނޭނގެއެވެ. ޠާރިޤު ވެސް އެހެން މީހަކު ފެނިގެން އެ ދިމާލަށް ހިނގައިގަތްފިއެވެ. އެއާއެކު ރިސާމާ މީހުން ގަނޑުގެ ތެރެއިން ފުރޭނިގަނެގެން ގޮސް ނަޖީބުކައިރީގައި ހުއްޓުނެވެ. އޭރު އާއިން އިނީ އެތަނުގައި ހުރި ގޮނޑިއެއްގައި އިށީނދެގެން އައިސްކްރީމް ބޯށެވެ. "ނަޖީބު… އެ ކުއްޖާ އެބައިން." އޭނާއަށް ބުނެވުނެވެ. "ކޮން ކުއްޖެއް؟" ނަޖީބަށް ސުވާލުކޮށްލެވުނުއިރު މައުވާއަށް ވެދާނެޔޭ ފަހަރެއްގައިވެސް އޭނާގެ ސިކުނޑިއަކަށް ނައެވެ. "މައުވާ… އަފްނާން އޭރު…" ނަޖީބުން ނަޒަރު ވަކިކޮށްލުމެއް ނެތި އަތުން އަނެއް ފަރާތަށް ރިސާމާ އިޝާރާތްކޮށްލިއެވެ. ހިނގާބަލާށޭ ކިޔާފައި ނަޖީބު ގޮވައިގެން އެދިމާލަށް ދިޔަ ރިސާމާ ދިޔައީ އާއިން އަޒްލަފްގެ ކައިރިއަށް ލާފައެވެ. "ބައްޕަ ގޮވައިގެން މަންމަ އެބައާދޭ." އަފްނާން މައުވާއަށް އެކަން އަންގައިލިއެވެ. އެ ދިމާލަށް ބަލައިލުމާއެކު މައުވާއަށް ތެދުވެވުނެވެ. އޭނާއަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ. ފާޑެއްގެ ޖެހިލުންވުމެއްގެ އަސަރުވެސް ހަށިގަނޑަށް ވެރިވާން ފަށައިފިއެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ