އަޅުގަނޑު އަބަދުވެސް އިސްކުރާނީ ދިވެހިންގެ މަސްލަޙަތު - ރައީސް

މި ސަރުކާރުގެ ސިޔާސަތަކަށް ވާނީ ދިވެހިންނަށް އިސްކަންދީ، ދިވެހިންގެ މަސްލަހަތު އިސްކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޔުނައިޓެޑް ޢެރެބް އެމިރޭޓްސްގެ ދުބާއީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، ރޭ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޔޫ.އޭ.އީ އަށް ވަޑައިގެންފައިވަނީ، "ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28)" ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.
އެގޮތުން ކޮންމެ ޤައުމެއްގައި ތިބި ދިވެހިންނަށްވެސް، ދިވެހި ސަރުކާރުގެ ފަރާތުން މިހާރަށްވުރެ ރަނގަޅަށް ކަންކަން ކޮށްދިނުމުގެ ސިޔާސަތު މި ސަރުކާރުން ގެންގުޅުއްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޚާރިޖީ މިޝަންތަކުގެ މަސައްކަތްތައް ބައްޓަން ކުރާނީ އެ ޤައުމެއްގައި ތިބި ދިވެހިންގެ ކަންކަމަށް، ސަމާލުކަން ދީގެންކަމަށާއި، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރާނެ ގޮތަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު މި ސަރުކާރުން ޤައުމަކަށް އާ ސަފީރެއް ހަމަޖައްސާއިރު ކުރިއަށްވުރެ ރަނގަޅަށް ކަންކަން ކޮށްދޭނެ މީހެއް ހަމަޖައްސާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުންވެސް އިސްލާމްދީނުގައި ހުރިކަންކަން ދަސްކޮށްދީ، އިސްލާމްދީނުގައި އޮންނަ ރީތި ހަމަތަކުގެ މަތީގައި ކުދިން ބޮޑުކޮށް، ހަރުދަނާ އަޤީދާއެއް ޤާއިމުކޮށްދިނުމާއެކު، އާންމުކޮށް މި އޮންނަ ކޮންސިއުލަރ މަސައްކަތްތަކުގެ އިތުރަށް ދިވެހިބަހާއި އެކީގައި ދީނީ ކަންކަން އިސްލާމްދީނުގެ މާއްދާއާއި ގުޅޭގޮތުން ކިޔަވާދިނުމުގެ ކަންތައްތަކެއް ރާވައިގެން ކުރިއަށްގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ