ޑޮލަރުން އާމްދަނީ ލިބޭ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައު ހޯމް ފައިނޭންސިންގ ފެސިލިޓީއެއް ތަޢާރަފުކޮށްފިއެވެ.
އަހަރަކު 7.5 އިންސައްތައިގެ ކުޑަ ފައިނޭންސިންގ ރޭޓަކާއެކު ތައާރަފުކުރި މި ފެސިލިޓީއަކީ ރާއްޖޭގައި މިވަގުތު ހިޔާވަހި ފައިނޭންސް ސްކީމް ފިޔަވައި، ބޯހިޔާވަހިކަމަށް ބޭންކަކުން ދޫކުރާ އެންމެ ކުޑަ ރޭޓެވެ. މި ފެސިލިޓީގެ ސަބަބުން ރާއްޖޭގެ ކޮންމެ ސަރަޙައްދަކުންވެސް އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ލުއި އަދި ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މި ފެސިލިޓީއަށް އެދި ހުށަހެޅޭނީ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ރިސޯޓް، ގެސްޓްހައުސް، ހޮޓާ އަދި ސަފާރީތަކުގައި މަސައްކަތްކުރާ، ޑޮލަރުން މުސާރަ ލިބޭ ދިވެހީންނަށެވެ. އާމްދަނީ ވަޒަންކުރުމުގައި މުސާރައިގެ އިތުރުން ސަރވިސް ޗާޖުގެ ގޮތުގައި ލިބޭ އަދަދަށްވެސް ބަލާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި މި އާމްދަނީ ވާންޖެހޭނީ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާވާ އާމްދަނީ އަކަށް ކަމަށްވެސް ބީއެމްއެލް އިން ބުނެފައިވެއެވެ.
ބީއެމްއެލް އިސްލާމިކް މެދުވެރިކޮށްވެސް މި ފައިނޭންސިންގ ފެސިލިޓީ ދޫކުރާނެއެވެ. އެހެންކަމުން މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ކަސްޓަމަރުން އިޚްތިޔާރުކުރާ ފައިނޭންސިންގ އުސޫލުތަކާ އެއްގޮތަށް، ޝަރުތުހަމަވާ ހުރިހާ ކަސްޓަމަރުންނަށް މި ފެސިލިޓީ ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.
ކަސްޓަމަރުންނަށް ބީއެމްއެލް މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް މި ފެސިލިޓީއަށް އެދި ހުށަހެޅޭނެއެވެ. އަދި އިތުރު މަޢުލޫމާތު https://www.bankofmaldives.com.mv/ އިން ލިބެން ހުންނާނެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަ ލޯނެއް ބީއެެމްއެލް އިން ތައާރަފްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ