މާޒިޔާއާއި އޮޑި ބައްދަލުކުރާ ބޮޑު ފައިނަލް މިރޭ
ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އޮޑި ސްޕޯޓްސް ކުލަބު މިރޭ ގަލޮޅު ދަނޑުގައި ބައްދަލުކުރާނެއެވެ. މުބާރާތުގެ ފައިނަލަށް މާޒިޔާ ދަތުރުކުރީ ނިމިދިޔަ ހުކުރުދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ކުޅުނު ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މައްޗަށް ޕެނަލްޓީގައި ކުރިހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާއަކީ 2-2 އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު މާޒިޔާއިން ދެ ލަނޑުގެ ލީޑެއް ނެގިއެވެ. ފުރަތަމަ ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި އަހުމަދު އައިހަމް (ފަތޯ) މި ލަނޑު ކާމިޔާބުކުރީ މުހައްމަދު އިލާން ތަނަވަސްކުރި ފުރުސަތަކުންނެވެ. ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށްވެފައި ވަނިކޮށް ހަސަން ނަޒީމް (ޗޯޓު) ދިން ބޯޅައަކުން އައިހަަމް ވަނީ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ނިއުގެ ބިދޭސީ ކުޅުންތެރިޔާ އަލް ހާޖީ ގެރޯ އެ ޓީމަށް ލަނޑެއް ޖަހައިދިންއިރު، ނިއުގެ ދެވަނަ ލަނޑަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލީ އަަޝްފާގު (ދަގަނޑޭ) ކާމިޔާބުކުރި ލަނޑެކެވެ. އޭނާ މި ލަނޑު ޖެހީ މެޗުގެ 60 ވަނަ މިނެޓުގައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އެއްވަރުވުމާއެކު ޖެހި ޕެނަލްޓީގައި މާޒިޔާއިން ކުރިހޯދީ 4-3 ގެ ނަތީޖާއަކުންނެވެ. ޕްރެޒިޑެންޓްސް ކަޕުގައި ވާދަކުރި ފުރަތަމަ އަހަރު އޮޑި ސްޕޯޓްސް ކުލަބުން ފައިނަލަށް ދަތުރުކޮށް ތާރީހުގެ ތެރެއިން ޖާގަ ހޯދީ ބުރު ސްޕޯޓްސްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މުބާރާތުގައި އޮޑިން ވާދަކުރަނީ ދިވެހި ލީގުގެ ދެވަނަ މަގާމާއެކު ޕްރެޒިޑެންޓްސް ކަޕުގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައިންނެވެ. އޮޑިން ލީޑުނެގީ ދެވަނަ ހާފުގެ ކުރީކޮޅު މިސްރު ޑިފެންޑަރު އިސްލާމް ފެކްރީ ކާމިޔާބުކުރި ލަނޑާއެކުއެވެ. މިއީ އޭރިއާ ތެރެއަށް އަޙްމަދު އައިހަމް ނަގައިދިން ހުރަހެއް، ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. އެޓީމުގެ ދެވަނަ ލަނޑުވެސް ކާމިޔާބުކުރީ އައިހަމްއެވެ. އޭނާ މި ލަނޑު ޖެހީ މެޗުގެ 62 ވަނަ މިނެޓުގައެވެ. މާޒިޔާއާއ އޮޑި ބައްދަލުކުރާ މެޗު ފަށާނީ މިރޭ 22:00 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ