ﷲ ތަޢާލާ ޞަޙާބީންނަށް ތަޢްރީފްގެ ބަސްފުޅުތައް ވަގުތުން ﷲ ވަޙީކުރެއްވެވުން- ފިލާވަޅު ލިބިގަންނަންޖެހޭ ކަމެއް!

އެއްވެސް މީހަކީ ހުރިހާ ހެޔޮކަމެއް ކުރެވޭނެ މީހެއް ނޫނެވެ. މާނައަކީ މުޖުތަމައުއަށް ބޭނުންވާ ހުރިހާ ކަންކަމަކީ އެއްވެސް މީހަކަށް އެކަނި ކޮށްދެވޭނެ ކަންކަމެއް ނޫނެވެ. ވީމާ ތިމާއަކީ ވެސް މުޖުތަމައުއަށް ޚިދުމަތްކުރާ މީހެއް ނަމަވެސް އެހެން މީހުންނަށްވެސް ޚިދުމަތް ކުރަން ހިތްވަރުދޭށެވެ! ތިމާއަކީ އެފަދަ އެއްވެސް ޚިދުމަތެއް ނުކުރެވޭ މީހަކު ނަމަ އެންމެން ކުރާ ޚިދުމަތަށް ހިތްވަރު ދިނުމުގައި އެންމެ ކުރީ ސަފުގައި ހުންނާށެވެ! އެއީ ވެސް ހަމަ މަތިވެރި ޚިދުމަތެކެވެ!
ކިތަންމެ ކުޑަ ނަމަވެސް ހެޔޮކަމެއް މީހަކު ކޮށްދީފިނަމަ އެކަމެއް ބަލައިގަނެ ޝުކުރުވެރިވުމަކީ މުސްލިމުންގެ ކިބައިގައި ހުރުން ލާޒިމު ސިފައެވެ. ނަމަވެސް ކަންކަން ބަދަލުވަމުން މިދަނީ ﷲ ތަޢާލާގެ ޙަޟްރަތުން ލިބެން އޮތް ނަފާއަށްވުރެ ދުނިޔޭގެ އެދުންތައް ކުރިއަށް ނުރެވޭތީއެވެ. މިއީ ހަމަ މުޅިން ދުރުހެލިވެ ދުރުވާން ޖެހޭ ސިފައެކެވެ.
ގިނަ ބައަކަށް މީހުންގެ އަގު ވަޒަންކުރެވެނީ އެމީހަކު ވަކިވެދިއުމުންނެވެ. އެމީހަކާއި އޮންނަ ގުޅުންތައް ކެނޑުމުންނެވެ. ނުވަތަ އެމީހަކު މަރުވެދިއުމުންނެވެ. މިއީ މުޖުތަމައުގައި ހިފާފައިވާ ވަރަށް ނުބައި އާދައެކެވެ. ވަރަށް ގެއްލުން ބޮޑު އާދައެކެވެ.
މިޘަޤާފަތު ބަދަލުވާނީ މީހުން ކުރާ ހެޔޮ އަމަލުތައް ފާހަގަކޮށް އެކަންކަމުގެ އަގުވަޒަންކުރަން އެނގޭ ބައަކަށްވެގެންނެވެ. ހަމައެއާއިއެކު ކޮންމެ މީހަކު ނަމަމަވެސް ހެޔޮ ކަމެއް ކޮށްފިނަމަ އެކަމެއް ބަލައިގަންނަން އެނގޭ، ޝުކުރުވެރިވާ ބައަކަށް ވެގެންނެވެ.
ވިސްނައިލާށެވެ! ރަސޫލާ ﷺ ގެ ޒަމާނުގައި ބައެއް ޞަޙާބީން އާދައާ ޚިލާފު ބޮޑެތި ހެޔޮ ޢަމަލުތައް ކުރެއްވެވުމުން ވަގުތުން ތަޢްރީފްގެ ބަސްފުޅު ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ. މިސާލެއްގެ ގޮތުން ތިމާ ނުކައިހުރެ، ދަރިންނަށް ކާންދޭންހުރި އެތިކޮޅު މެހްމާނަކަށް ކާންދެއްވި ދެމަފިރިންނަށް ތަޢްރީފްގެ ބަސްފުޅު ވަޙީކުރެއްވެވުން ފަދަ ޙާދިސާތައް ޤުރްއާނާއި ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ