އުނގޫފާރުގައި ކަރަންޓުގައި ޖެހުނު 18 އަހަރުގެ ޒުވާނާ އައިސީޔޫގައި!

ރ. އުނގޫފާރުގައި ކަރަންޓު ޖެހިގެން ފަރުވާ ދެމުންދިޔަ 18 އަހަރުގެ ޒުވާނާ އައިސީޔޫ އަށް ބަދަލުކޮށްފިއެވެ.
އުނގޫފާރުގައި މިއަދު ކަރަންޓުގައި ޖެހިގެން ހޮސްޕިޓަަލަށް ފަރުވާއަށް ގެންދިޔައީ އަށް އަހަރުގެ ފިރިހެން ކުއްޖަކާއި 18 އަހަރުގެ ޒުވާން ފިރިހެނެކެވެ. އެ ކުދިން ކަރަންޓުގައި ޖެހުނު މަންޒަރު ފެނިފައި އަނބުރައިގަނެގެން ވެއްޓުނު 12 އަހަރުގެ އަންހެން ކުއްޖަކަށް ވެސް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
އުނގޫފާރު ހޮސްޕިޓަލުން މަޢުލޫމާތު ދޭ ގޮތުގައި މި ހާދިސާ ދިމާވާން މެދުވެރިވީ ވާރޭވެހުމުގެ ސަބަބުން ހެދިފައިވާ ފެންގަނޑެއްގެ ތެރެއަށް ކުޅުމުގެ ތެރޭގައި އަށް އަހަރުގެ ކުއްޖާ އެރި އުޅުމުގެ ތެރޭގައެވެ. އެ ފެންގަނޑު ކައިރީގައި ހުރި މަގު ބައްތީގެ ވަޔަރިންގެ މައްސަލައެއް ދިމާވެ ފެންގަނޑަށް ކަރަންޓު ފެތުރިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ކުއްޖާ ސަލާމަތް ކުރުމަށް ފެންގަނޑަށް އެރުނު 18 އަހަރުގެ ޒުވާނާ ވެސް ކަރަންޓުގައި ޖެހިގެން ފެންގަނޑަށް ވެއްޓުނީ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ކުދިންނަށް ކަރަންޓު ޖެހުނު ފެންގަނޑު ކައިރީގައި ފުލުހުން މިހާރުވަނީ ޓޭޕު ދަމައި ބަންދުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ