ޗާގޮސްއާއި ރާއްޖޭގެ އިމުގެ މައްސަލައިގައި ގޮތް ނިންމުން ހުކުރު ދުވަހު

މޮރީޝަސް އިން ސިޔާދަތީ ބާރުވެރިކަން ހޯދާފައިވާ ޗާގޮސް އައިލެންޑްސް ނުވަތަ ފޯޅަވައްސާއި ދިވެހިރާއްޖޭގެ ފުށުއަރާ ކަނޑުގެ ސަރަހައްދުގެ، ސަރަހައްދީ އިމާއި ގުޅޭ މައްސަލައާމެދު ބައިނަލްއަގުވާމީ ކޯޓުގައި ގޮތެއް ނިންމުން އަންނަ ހުކުރު ދުވަހަށް ތާވަލުކޮށްފިއެވެ.
މި މައްސަލަ ބައިނަލްއަގްވާމީ ކޯޓުތަކުގައި ކުރިއަށްދާތާ އެތައް ދުވަހެއް ވެފައިވާއިރު، މިއީ ފާއިތުވީ އަށެއްކަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ ފަރާތްތަކުން އެކި ގޮތަށް ވާހަކަދައްކައި، އާންމު ރައްޔިތުން ވެސް މި މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވާ މައްސަލައެކެވެ.
އެންމެފުރަތަމަ ދިވެހި ސަރުކާރުން ދަމައްހައްޓަމުން އައި ސިޔާސަތު ބަދަލުކޮށް، ރާއްޖެއިން ޗާގޮސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަންނަން ނިންމުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ތުހުމަތު ކޮށްފައިވަނީ، މޮރިޝަސްއަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ވިއްކާލުމަށް ނިންމާފައިވާ ކަމުގައެވެ.
މިކަމާ ގުޅޭގޮތުން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ބުނަމުން އައީ، ރާއްޖެއިން އެއްބަސްވީ ޗާގޮސް އައިލެންޑްސްގެ ސިޔާދަތީ ބާރުވެރިކަން މޮރީޝަސްއަށް ދިނުމަށް ކަމަށާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް މޮރިޝަސްއަށް ދިނުމަށް ދިވެހިރާއްޖެއިން އެއްބަސްވެފައި ނުވާނެ ކަމަށެވެ.
މި ދެ މައްސަލައަކީ ތަފާތު ދެ މައްސަލައެއްކަން ފާހަގަކުރަމުން ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ބުނީ، އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ ގައި ކުރިއަށްދާ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑަށް ބަދަލު ނާންނަކަމަށެވެ.
ކަނޑުގެ ސަރަހައްދުތަކަކީ ނުވަތަ އިންތަކަކީ ސީ އޮފް ކޮންވެންޝަންގެ ދަށުން ކޮންމެ ގައުމަކަށް ވެސް ކަނޑައަޅާ އިންތަކެކެވެ. އެގޮތުން، ރާއްޖެ މިނިވަންވުމާއެކު ރާއްޖެއާއި އިންޑިއާއާއި ސްރީލަންކާ ހިމެނޭ ގޮތަށް ވެވުނު އެއްބަސްވުމެއްގެ ދަށުން ރާއްޖޭގެ އުތުރުގެ އިންތައް ކަނޑައެޅިފައިވާއިރު، ރާއްޖޭގެ ދެކުނުގެ އިންތައް ކަނޑައެޅިފައެއް ނުވެއެވެ.
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯޒް އައިލެންޑްސް ނުވަތަ ފޯޅަވައްސަކީ، ރާއްޖޭގެ ބައެއްކަމަށް ވެސް ހައިބަތުހުރި ބައެއް ބޭފުޅުން ބުނެފައިވެއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ، އެތަނުގައި ބަނޑަހަ ޖަހައިގެން، މަސްވެރިކަމުގައި ގޮސް އުޅުނީ ދިވެހިން، ހާއްސަ ގޮތެއްގައި ފުވައްމުލަކު މީހުން ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ