މިދިޔަ ހަފްތާގެ ވިއްސާރައިގައި ގެއްލުންވި 57 ގެއެއްގެ އެސެސްމަންޓް ހަދައިފި

މިދިޔަ ހަފްތާގައި ކުރި ބޯކޮށް ވެހުމާއި ގުޅިގެން ގެއްލުންވި 57 ގެއެއްގެ އެސެސްމަންޓް ހަދާ ނިންމާފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން މަޢުލޫމާތު ދީފިއެވެ.
މާލޭގައި ފެންބޮޑުވުމާ ގުޅިގެން އެން.ޑީ.އެމް.އޭ އަށް ޖުމްލަ 98 ކޯލް ލިބިފައިވާކަމަށް އެ އޮތޯރިޓީން ބުނެއެވެ. މީގެ ތެރެއިން 70 ކޯލަކީ ވެލިބަސްތާ ޖެއްސުމަށް އެދި ގުޅާފައިވާ ކޯލްތަކެވެ. އަދި 21 ކޯލަކީ ގެއްލުން ރިޕޯޓުކުރުމަށް ގުޅާފައިވާ ކޯލްތަކެވެ. މީގެ އިތުރުން 7 ކޯލަކީ ޒަރޫރީ އެހީއަށް އެދި ގުޅާފައިވާ ކޯލްތަކެވެ.އެން.ޑީ.އެމް.އޭ އިން މަޢުލޫމާތު ދެއްވާގޮތުގައި، 12 ގޭބިސީގެ ރެޕިޑް އެސެސްމަންޓް ހަދާފައިވެއެވެ. އަދި 8 ގޭބިސީގެ 32 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެވިފައިވެއެވެ. މާލޭގައި 30 ގެއެއްގެ ޑެމޭޖް އެސެސްމަންޓް ހަދާފައިވާއިރު، މައިގަނޑު ގޮތެއްގައި ގެއްލުންވެފައިވަނީ ހިފާގެންގުޅޭ ތަކެއްޗަށާއި ސީލިންގ އަށްކަން ފާހަގަކުރެވިފައިވެއެވެ.އަތޮޅުތެރޭގެ 3 ރަށެއްގައިވެސް ފެންބޮޑުވެފައިވާކަމަށް އެން.ޑީ.އެމް.އޭ އިން ބުނެއެވެ. އެގޮތުން ނ. ހެނބަދޫގައި 80 ގެއަކަށް ފެންވަދެ، 27 ގެއެއްގެ އެސެސްމަންޓް ފޯމު ލިބިފައިވާކަމަށް އެ އޮތޯރިޓީން މަޢުލޫމާތު ދެއްވިއެވެ. މީގެ އިތުރުން ނ. ކެނދިކޮޅުދޫ އާއި ޅ. ކުރެންދޫގައިވެސް ފެންބޮޑުވެފައިވާކަމަށް ބުނެއެވެ.
މި ވިއްސާރައިގައި މާލެއާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގޭބިސީތަކަށް ގެއްލުންވެފައިވާކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ