ޤުރްއާނާ ޙަދީޘްފުޅުތައް އިންޓްރނެޓުން ބަލާއިރު ޞައްހަކަން ޔަޤީންނުވާ ސައިޓުތަކުން ބަލަން ހެޔޮނުވާނެ! ނުބައިކޮށް މާނަކޮށްފަ ހުންނަ ސައިޓުތައް ވަރަށް ގިނަ!

ދާދިފަހުން ބޭއްވި ފަތުވާ ކޮންފަރެންސްގައިވެސް ދަރުސްގައި އެވާ މައްސަލައިގެ މައްޗަށް ކަރުދާހެއް ހުށަހަޅެއްވައި އެކަމުގެ ނުރައްކާތެރިކަން ބޮޑުކަން ފާހަގަކުރެއްވިއެވެ. ކޮމެންޓްކުރަން ލިބުނު ފުރުޞަތުގައި މިއަދުނޫހުން ދެންނެވި ބަސް ފާހަގަކޮށްލާނަމެވެ. "ތިއަ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެކެވެ. ޙައްލަކަށް ކުރެވިދާނެ އެއްކަމެއްކަމަށް ފެންނަކަމަކީ ބަލަންވީ ޞައްޙަ ސައިޓުތައް ޢިލްމްވެރިން ބަޔާންކޮށްދެއްވެވުމެވެ. އަދި އެސައިޓުތަކުގެ ލިސްޓް ޢާންމުކޮށް ފެންނަން ހުންނާނެ ގޮތަކަށް ވެބްސައިޓެއްގައި ޝާއިޢުކުރުމެވެ. ސަބަބަކީ ދަރިން މަޢުލޫމާތު ހޯދަން ބަލަންވީ ދީނީ ސައިޓުތައް ދަރިންނަށް ބުނެދޭން ގިނަ ބެލެނިވެރިންނަށްވެސް ނުއެނގޭ ކަމެވެ. އެފަދަ ލިސްޓެއް ޢާންމުކުރީމާ ބެލެނިވެރިންނަށާއި ދަރިވަރުންނަށް ވަރަށް ފަސޭހަވާނެ ކަމަށް ފެނެއެވެ."  
ދަރުސް:  
ކީރިތި ޤުރްއާނުގެ އާޔަތްތަކާ ޙަދީޘްފުޅުތައް ގޫގްލްސްއިން ނުވަތަ އިންޓަރނެޓުން އޮޅުންފިލުވުމުގައި ވަރަށް ބޮޑަށް ސަމާލުކަން ނުދީފިނަމަ ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެއެވެ. ފާހަގަކުރަންވެސް ނުއެނގޭފަދަ ކުދި ބަދަލުތައް ގެނެސް މާނަ އޮޅުވާލާފައި ހުންނަ ލިޔުންތައް ގިނަކަމުންނެވެ. ދީނުގެ ޢަދާވާތްތެރިން ޤަޞްދުގައި އެކަންކުރާއިރު އަނެއް ބައަކަށް އެކަންކުރެވެނީ ނުއެނގިތިބެއެވެ.  
އިންސާނުންގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ކޮންމެ ކަމެއް ބޭނުންވިނަމަވެސް ވަގުތުން އެކަމެއް ފުދެންޖެހޭނެ ކަމަށް އެބަ ޤަބޫލުކުރެއެވެ. ނަތީޖާއަކީ ދީނުގެ ކަމެއް އޮޅުން ފިލުވަން ފޮތެއް ބަލައިލުމުގެ ބަދަލުގައިވެސް އަވަސް ބޭނުންވަރުން ގޫގްލްސް ބަލައިލެވުމެވެ. ރަނގަޅު ނޫން މައުލޫމާތު ލިބޭކަން އެނގޭއިރުވެސްމެއެވެ.  
ކިތަންމެ އަވަހަކަށް ކަމެއް އޮޅުންފިލުވަން ބޭނުންވި ނަމަވެސް ގޫގްލްސް އިން ލިބޭ މައުލޫމާތަށް ވަރަށް ބޮޑަށް ފަރުވާތެރިވާށެވެ! ޤުރްއާނުގެ ބައެއް އާޔަތްތަކާއި ބައެއް ޙަދީޘްފުޅުތައް ލިޔަމުން ގޮސް ގެންނަ ކުޑަކުޑަ ބަދަލަކުން މުޅި އާޔަތުގެ ނުވަތަ ޙަދީޘްފުޅުގެ މާނަ ގެއްލޭ ފަދަ ބަދަލުތައް ގެނެސްފައި އެބަހުރެއެވެ. އެއީ ފިކުރީ ގޮތުން މުސްލިމުންނަށް ދެމުން ގެންދާ ޙަމަލާތަކެކެވެ.  
މިނުރައްކައުތެރި ހަމަލާއިން ސަލާމަތްވުމަށްވެތިބުމަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ޢިތުބާރުކުރެވޭ ފޮތްތަކުން މައުލޫމާތު އޮޅުންފިލުވުމެވެ. އެފަދަ ފޮތްތައް ބަދަލުކުރެވިފައެއް އަދި ނެތެވެ. ނަމަވެސް އެފަދަ ފޮތްތަކާއި ޙަވާލާދީ ކަމަށްބުނެ ލިޔެފައި ހުންނަ ބައެއް ފޮތްތަކުގައި ކުރިން މިބުނި ފަދަ ބަދަލުތައް ގެނެސްފައި އެބަހުރެއެވެ.  
ވީމާ އިސްލާމް ދީނުގެ ކަންކަން އޮޅުން ފިލުވުމުގައި ގޫގްލްސްއިން ލިބޭ މައުލޫމާތަށް ވަރަށް ބޮޑަށް ފަރުވާތެރިވާންޖެހެއެވެ! އެއީ ޞައްޙަ މައުލޫމާތުކަން ކަށަވަރުކުރަންޖެހެއެވެ. ކިރިޔާވެސް ޝައްކެއް އުފެދިއްޖެ ނަމަ ޢިލްމުވެރިންގެ ގާތުން އޮޅުންފިލުވަން ޖެހެއެވެ. ނޫނީ ކޮންމެ ފަދަ ދެރަ ގޮތެއްވެސް މެދުވެރިވެދާނެއެވެ. 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ