ޕީއެންސީ މެމްބަރު ލަތީފުގެ އިންޒާރު ވަޒީރުންނަށް: އިހުލާސްތެރި ނޫން ނަމަ ރައީސާ ގާތް ވިޔަސް ވަކިކުރާނަން

މި ސަރުކާރުގެ ބައެއް މިނިސްޓަރުން ސަރުކާރަށާއި ރައީސް މުހައްމަދު މުއިއްޒަށް އިހުލާސްތެރި ނޫން ކަމަށާއި އިހުލާސްތެރި ނޫން ނަމަ ވަކިކުރާނެ ކަމަށް ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްލަތީފު މުހައްމަދު މިއަދު ވަޒީރުންނަށް އިންޒާރުދެއްވައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ޑިސެމްބަރު މަހު ކެބިނެޓަށް ގެނައި ބަދަލާ އެކު މިނިސްޓަރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ވޯޓުލާފަ އެވެ. ލަތީފް މި މޭރުމުން ވާހަކަ ދެއްކެވީ އެ ވަޒީރުންނަށް ރުހުން ދިނުމަށް ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓަށް ވާހަކަ ދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - ލަތީފް ވިދާޅުވީ ރައީސާ މާ ގާތް ގުޅުމެއް އޮންނަ ބައެއް ވަޒީރުންނަށް އަބަދު އެ މަގާމުގައި ދެމިތިބެވޭނެ ކަމަށް އެ ވަޒީރުން ދެކެވަޑައިގަންނަވާ ކަމަށެވެ. މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެފަދަ ބައެއް ވަޒީރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާފައިވާކަން އޭނާ ހަނދާންކޮށްދެއްވި އެވެ.
"އަޅުގަނޑުމެން ވަޒީރުންނަށް ރުހުން މިދެނީ ސަގާފީ ކަމެއް ނޫން. މިއީ އާދަކާދައިގެ ކަމެއް ވެސް ނޫން. ރައީސުލްޖުމްހޫރިއްޔާ ނަންތައް ފޮނުއްވީތީ އެ ދޭ އުސޫލަކުން ވެސް ނޫން މިދެނީ. ވަރަށް މާތް މަގުސަދެއްގައި މިދެނީ. ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހިދުމަތްކުރަން ތިބި ވަޒީރުން މިއީ،" ވަރަށް ބޮޑަށް ނުރުހުންވެވަޑައިގެން ހުންނަވައި ލަތީފް ވިދާޅުވި އެވެ.
ވަޒީރުން މެންބަރުންގެ ކޯލުތަކަށް ޖަވާބުނުދެއްވާ މައްސަލަ އާއި ރައްޔިތުންނަށް ކަންތައްތައް ނުކޮށްދޭ މައްސަލަ ބޮޑުވެފައިވާ ކަމަށް ލަތީފް ވިދާޅުވި އެވެ.
"ވަޒީރުންނަށް ދަންނަވާލަން އިން ވާހަކައަކީ އަޅުގަނޑުމެން ރުހުން ދިން ކަމުގައި ވިޔަސް އެ ރުހުން އަނބުރާ ގެނެވޭ ގޮތަށޭ މި އޮންނަނީ. ވަކިކުރަން ޖެހިއްޖެއްޔާ ވަކި ވެސް ކުރެވޭ ގޮތަށޭ އޮންނަނީ. މިހެން މި ދަންނަވަން ޖެހުނީ ބައެއް ވަޒީރުން ފަހަކަށް އައިސް އަޅުގަނޑުމެންގެ އިއްޒަތްތެރި ބައެއް މެންބަރުން މިތާ މިތިބަ އިދިކޮޅު މެންބަރުން ވެސް ފޯނުކުރީމަ ފޯނު ނުނަގާ ވަހަކަ، ޖަވާބުދާރީ ނުވާ ވާހަކަ ކަންކަން ނުކޮށްދޭ ވާހަކަ."
ލަތީފް ވަނީ ބައެއް ވަޒީރުން ރައީސަށް އިހުލާސްތެރިކަމާ އެކު މަސައްކަތްކޮށްދޭކަން ކަށަވަރުނުވާ ކަމަށް ވިދާޅުވެފަ އެވެ.
"މިހެން މިދަންނަަވަން ޖެހެނީ ސަބަބުތަކެއް ނެތިއެއް ނޫން، އިއްޒަތްތެރި ރައީސް. އަޅުގަނޑުމެންގެ ދާއިރާގައި ވަރަށް ގިނަ ކަންތައް، އަޅުގަނޑުގެ ދާއިރާ ނޫނަސް ވަރަށް ގިނަ މެންބަރުންގެ ދާއިރާތަކުގައި ވަރަށް ބުރަތަކާއި ތަކުލީފު އުފުއްލަވަން ޖެހޭ. ވަޒީރުންނަށް ހީވާ ކަހަލަ، ބައެއް ވަޒީރުންނަށް ހީވާ ކަހަލަ ރައީސުލްޖުމްހޫރިއްޔާއާ މާ ގާތްވީމަ އެ ބޭފުޅުންނަށް އެ މަގާމުގައި ތިބެވޭނޭ ވަަރަށް ބައިވަރު ދުވަހު،" އޭނާ ވިދާޅުވި އެވެ.
"އެހެންނެއް ނޫން އެހެން އޮތީކީ. ނިމިދިޔަ 2018 ވަނަ މަޖިލީހުގައި ވެސް އަޅުގަނޑުމެން ވާނީ އަޅުގަނޑުމެންގެ ސަރުކާރުގައި ވަޒީރުން މަގާމުން ވަކިކޮށްފައި ހުންނާނީ. އެކަން މިހާރު ވެސް ހަނދާންކޮށްދެން ވަޒީރުންނަށް. އަޅުގަނޑުމެންނަށް އިހުލާސްތެރިކަމާ އެކު މިސަރުކާރަށް ރައްޔިތުންނަށް އިހުލާސްތެރިކަމާ އެކު ހިދުމަތް ނުކޮށްދެވޭ ނަމަ، މަސައްކަތްނުކޮށްދެވޭނެ ނަމަ ވަޒީރުންނަށް އެ މަގާމުގައި ދެމިތިބެވޭނެ ކަމަށް ހީކޮށްގެން ނުވާނެ. އެހެން މި ދަންނަވަނީ ސަރުކާރު ހިންގުމުގައި ރައީސަށް އިހުލާސްތެރިކަން ދައްކައިދެން ޖެހޭނެ."
ލަތީފް ވިދާޅުވީ ބައެއް ވަޒީރުން އުޅުއްވަނީ ފިލައިގެން ކަމަށާއި އެގޮތަށް ކަންތައްތައް ވެގެން ނުވާނެ ކަމަށެވެ. މެންބަރުންގެ ގާތުގައި ރައްޔިތުން އެ ޝަކުވާތައް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެހެންވީމަ ރައީސުލްޖޫމްހޫރިއްޔާއާ މާ ބޮޑަށް ގާތްވީމަ ތިމަން މަނިކުފާނަށް މަގާމުގައި ދެމިހުރެވޭނެ ކަމަށް ހީކުރުމަކީ ކުށްހީއެއް،" އަޑަށް ބާރުލައްވައި ލަތީފް އޭނާގެ ވާހަކަ ނިންމަވާލަމުން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ