ގިނަ އަދަދެއްގެ ޑުރަގާއި ފައިސާ އާއެކު ޑުރަގް ނެޓްވޯކެއްގެ ބަޔަކު ހައްޔަރުކޮށްފި

ޑުރަގް ވިޔަފާރި ކުރަމުންދިޔަ ނެޓްވޯކެއްގެ ބަޔަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އައްޑޫއަށް ނިސްބަތްވާ ހަތަރު މީހަކާއި ގދ. ހޯނޑެއްދޫއަށާއި މާލެއަށް ނިސްބަތްވާ އެކަކެވެ. އެ އެންމެންނަކީވެސް ޑުރަގުގެ ކުށުގެ ރެކޯޑް އޮންނަ ދިވެހި ފިރިހެނުންނެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން މާލެއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ މުހައްމަދު އަޒީމް އަހުމަދު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
އަނެއް ފަސް މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދަށް 30 ދުވަސް ޖެހި އިރު, ބާކީ ތިބި ދެ މީހުންގެ ބަންދަށް ޖެހީ 25 ދުވަހެވެ.
އެ މީހުން ބަންދުކުރި ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން, އެމީހުންނަށް ތުހުމަތު ކުރަނީ ޑުރަގް ބޭނުންކޮށް ގެންގުޅޭ އެތަކެތީގެ ވިޔަފާރިކުރުމުގެ ކުށެވެ. އަދި އެ މީހުންނަކީ ގިނަ އިންތިޒާމުތަކެއް ހެދިފައިވާ ނެޓްވޯކެއްގެ ބައެއް ކަމަށް ބުނެފައިވެ އެވެ.
އަމުރުގައި އިތުރަށް ބުނީ, ޑުރަގް ނެޓްވޯކާ ގުޅިގެން ބަލައިފާސްކުރި ތަންތަނުން އެކި ގޮތްގޮތަށް ޕެކް ކުރެވިފައިވާ ގިނަ އަދަދެއްގެ ޑުރަގާއި ފައިސާ ފެނިފައިވާ ކަމަށެވެ. އަދި ޑުރަގް ޕެކްކުރުމަށް ބޭނުންކުރާ މެޝިންތަކާއި ސެލޯފިނާއި ކައްޓާ ފެނިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ