މުޅި މާލެ ސަރަހައްދުން ކަރަންޓު ދިއުން: މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްފި

ގްރޭޓާ މާލެ ސަރަހައްދުން އެކީ ކަރަންޓު ދިއުމުގެ ސަބަބުން ރައްޔިތުންނަށް ދަތިވިކަމަށް ބުނެ، މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މި މައްސަލަ ބަލައިގަތުމަށް ނުފެންނަކަމަށް 43 މެންބަރުން ވޯޓުދެއްވިއެވެ. މައްސަލަ ބަލައިގަންނަން ފެންނަކަމަށް ވޯޓުދެއްވީ 9 މެންބަރުންނެވެ.
މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، ޑރ. އަހުމަދު ޝަމްހީދުއެވެ.  ކުއްލި މައްސަލައިގައި ވަނީ ކަރަންޓުގެ ހިދުމަތަކީ ރައްޔިތުންނަށް ކަށަވަރުކޮށްދޭން ޖެހޭ އަސާސީ ހައްގެއްކަމަށް ގާނޫނު އަސާސީގައިވެސް އޮންނަކަމަށެވެ. ގްރޭޓާ މާލެ ސަރަހައްދުން އެކީ ކަރަންޓު ދިއުމުގެ ސަބަބުން ވިޔަފާރިތަކަށްވެސް ވަރަށް ބޮޑަށް ދަތިވިކަމަށާއި، އަދި ހޮސްޕިޓަލްތަކުގެ ހިންގުންވެސް ހުއްޓުމަކާއި ހަމައަށް އައިކަމަށް މައްސަލައިގައިވެއެވެ.
އެގޮތުން ޝަމްހީދު ވިދާޅުވީ އެޑްމިޓްކޮށްފައި ތިބޭ ބަލި މީހުންނަށްވެސް މިކަމުގެ ނުރައްކާ އެބަ އޮތްކަމަށާއި، އަގުބޮޑެތި މެޑިކަލް އެކިއުޕްމެންޓްތަކަށްވެސް މިކަމުގެ ސަބަބުން ގެއްލުންވާނެކަމަށެވެ.
މިއީ މީގެ ކުރިން ދުވަހަކުވެސް ވީކަހަލަކަމެއް ނޫންކަމަށް ޝަމްހީދު ވިދާޅުވިއެވެ. މިކަން ނުރައްކާތެރިކަމެގެ ގޮތުގައި ފާހަގަކޮށް ޝަމްހީދު ވިދާޅުވީ، މިހެން ކަރަންޓު ދިއުމުގެ ސަބަބުން އެއާޕޯޓުގެ ހިންގުންވެސް ގާތްގަނޑަކަށް ހުއްޓުމަކަށް އައިކަމަށެވެ. މިފަދަ ކަންކަން ތަކުރާރުވާނަމަ ރާއްޖޭގެ ފަތުރުވެރިކަމަށްވެސް އޭގެ އަސަރު ކުރާނެކަމަށް ފާހަގަކުރެއްވިއެވެ.
މި މައްސަލަ ހުށައަޅުއްވަނީ ސިޔާސީ މަގްސަދެއްގައި ނޫންކަމަށް ޝަމްހީދު ފާހަގަކުރެއްވިއެވެ. އަދި މިފަދަ މައްސަލަތައް މަޖިލީހަށް ހުށައަޅާ ހޯދެން އޮތް ހައްލަކީ ކޮބައިތޯ ދެނެގަތުމަކީ މަޖިލީހުގެ ޒިންމާއެއްކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ