ބޯހިޔާވަހިކަމަށް އެދުމުގެ ފުރުސަތު މިރޭ 12 އަށް ހަމަވާނެ

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމަށް ދީފައިވާ މުއްދަތު މިރޭ 12:00 އާ ހަމައަށް ހަމަވާނެ އެވެ. 
މީގެ ކުރިން އެކި ސަބަބުތަކާ ހެދި އެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ. އެންމެ ފަހުން މެއި 31 ގައި އެ ފުރުސަތު ހަމަވާ ގޮތަށް އޮތުމަށް ފަހު މިރޭ 11:59 އާ ހަމައަށް އެ ފުރުސަތު އިތުރުކޮށްދިނީ އަޟްހާ އީދުގެ ބޮޑު ބަންދާ ގުޅިގެންނެވެ.
އެކަމަކު އެ ފުރުސަތު އަލުން އިތުރުކޮށްދިނުމުގެ ވިސްނުން އަދި ނެތް ކަަމަށް މިނިސްޓްރީން ބުންޏެެވެ. 
ސަރުކާރުން ކުރިއަށް ގެންދާ "ބޯހިޔާވަހިކަން އެންމެނަށް" ގެ ދަށުން މިދިޔަ ޖެނުއަރީ މަހުގެ 18 ގައި ހުޅުވާލި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގައި 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރަން ވަނީ ނިންމައިފަ އެވެ. 
ފްލެޓް ދޭން ސަރުކާރުން ކަނޑައަޅާފައި ވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓާއި މާލޭގައި ރަށްވެހިވެފައި ނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ފްލެޓުގެ އިތުރުން ހާއްސަ ކެޓަގަރީތަކަށް ކަނޑައަޅާފައިވާ 2،400 ފްލެޓެވެ. 
ބޯހިޔާވަހިކަމަށް ހައްލެއް ހޯދަން މިހާރު ހިއްކަމުން އަންނަ ރަސްމާލެއިން 25،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. އެކަމަކު ފުރަތަމަ ބުރުގައި އެތަނުން ދޫކުރަނީ 15،000 ގޯއްޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ