އެމެރިކާގެ 250 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މުހައްމަދު މުއިއްޒު އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި އެ ގައުމުގެ ސަރުކާރުގެ އިތުރުން އެމެރިކާ ރައްޔިތުންނަށް މަރުހަބާ ދަންނަވައިފި އެވެ.
މުއިއްޒު ފޮނުއްވި ތަހުނިޔާގެ ސިޓީގައި ރާއްޖެ އާއި އެމެރިކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތުވެސް މި އަހަރާ ދިމާވުމާއެކު، އެއީ ދެ ގައުމަށްވެސް ވަރަށް ހާއްސަ އަހަރެއްކަން ފާހަގަކުރެއްވި އެވެ.
މިދިޔަ 60 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުން މެދުކެނޑުމެއްނެތި ހަރުދަނާވީ، އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމުކުރުމާއި، ދެމެހެއްޓެނިވި ރަހްމަތްތެރިކަމާއި، ސުލްހައާއި ތަނަވަސްކަން ކުރިއެރުވުމަށް ދެ ގައުމު ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުންކަން މުއިއްޒު ފާހަގަކުރެއްވި އެވެ.
"އެމެރިކާއާއެކު އޮންނަ ގުޅުމަށް ދިވެހިރާއްޖެއިން ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދޭކަމަށާއި، ސަލާމަތާއި ދިފާއީ ރޮނގުންނާއި، ވިޔަފާރިއާއި އިގުތިސާދީ ތަރައްގީއާއި، ތައުލީމީ ދާއިރާގެ އިތުރުން، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުން ފަދަ، ދެ ގައުމުގެ މަސްލަހަތު ހިމެނޭ، ދާއިރާތަކުން ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުންމަތީ ދެމިއޮންނާނެ،" މުއިއްޒު ވިދާޅުވި އެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން އެމެރިކާގެ އިސް އޮފިޝަލުން ރާއްޖޭގެ އިސް އޮފިޝަލުންނާ އެތައް ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާއިރު، އެމެރިކާގެ ނޭވީގެ ބައެއް އިސް ވެރިން ވެސް ރާއްޖެ ވަޑައިގެންފައިވާކަން ފާހަގަކުރެވެ އެވެ.
އެމެރިކާގެ މިނިވަން ދުވަހުގެ ތަހުނިޔާ މުއިއްޒުގެ ފަރާތުން ޓްރަމްޕަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ