ހެރިޓޭޖް މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ އިދާރާތަކެއްގެ މީޑިއާ މަސައްކަތާއި މިނިސްޓްރީގެ މޫނުމަތި ރީތިކުރުމުގެ ބޭނުމަށް ޕީއާރް ފާމެއް ހޯދަން މިއަދު އިއުލާން ކޮށްފި އެވެ.
ސަގާފަތާ ބެހޭ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޕީއާރް ފާމެއް ހޯދަނީ ދެ އަހަރުގެ މުއްދަތަށް ކަމަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޖުލައި 14، ވާ އަންގާރަ ދުވަހުގެ 11:30 އަށް ގައުމީ ދާރުލްއާސާރު ބިނާއަށް އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގެންދެއްވުން އެދޭ ކަމަށެވެ.
ޕީއާރް ފާމްގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ މިނިސްޓްރީ އާއި މިނިސްޓްރީއާ ގުޅޭ ހުރިހާ އިދާރާތަކެއްގެ މޫނުމަތި ރީތިކޮށް، މިނިސްޓްރީން ހިންގާ ޕްރޮގްރާމްތަކާއި ޕޮލިސީތަކާއި ހަރަކާތްތަކަށް އާންމުން ހޭލުންތެރި ކުރުމެވެ.
މީގެއިތުރުން މީޑިއާތަކާއި އާންމުންނާ މެދު އޮންނަ ގުޅުން ބަދަހިކޮށް، ޑިޖިޓަލް ޕްލެޓްފޯމްތަކުގައި މިނިސްޓްރީގެ ޕްރެޒެންސް އިތުރުކޮށް، ކުރަންޖެހޭ އެކި މުއާމަލާތްތައް ވަގުތުން ވަގުތަށް ކުރުން ވެސް ޕީއާރް ފާމްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެ އެވެ.
ޕީއާރް ފާމް އިން ބަލަހައްޓަންޖެހޭނީ ހެރިޓޭޖް މިނިސްޓްރީގެ އިތުރުން އެ މިނިސްޓްރީގެ ދަށުން ހިންގާ ހަ އިދާރާއެކެވެ. އެއީ ނެޝަނަލް ސެންޓާ ފޯ ދަ އާޓްސް، ނެޝަނަލް ސެންޓާ ފޯ ކަލްޗަރަލް ހެރިޓޭޖް، ދިވެހި ބަހުގެ އެކަޑެމީ، ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން، ނެޝަނަލް އާކައިވްސް އޮފް މޯލްޑިވްސް އަދި ނެޝަނަލް ލައިބްރަރީ އޮފް މޯލްޑިވްސް އެވެ.
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް procument@mach.gov.mv އަށް އީމެއިލް ކުރުމަށް ނުވަތަ 7660603 ނަންބަރަށް ގުޅުމަށް މިނިސްޓްރީން އެދުނެވެ.
ހެރިޓޭޖް މިނިސްޓްރީއަށް ޕީއާރް ފާމެއް ހޯދަން އިއުލާން ކޮށްފައި މިވަނީ ސަރުކާރުން ހަރަދު ކުޑަކުރަން އެސްއޯއީތަކުގައި ތިބި މުވައްޒަފުންގެ އަދަދު މަދުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަކުރެވެ އެވެ.
ހެރިޓޭޖު މިނިސްޓްރީގެ މޫނުމަތި ރީތިކުރަން ޕީއާރް ފާމެއް ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ