ރޭގަނޑުގެ ނާސްތާއަށް ބިސްގަނޑެއް އަޅައިނުދިނުމުން ހިނގައިދިޔަ ޒުވާބެއްގެ ތެރެއިން އދ. އެއްލައިދޫ ރިސޯޓުގެ ކައްކާއަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ދައުވާ އުފުލި އެ ރިސޯޓުގައި މަސައްކަތް ކުރި ސްރީ ލަންކާގެ މުވައްޒަފެއް ކަމަށްވާ ޖަޔަލަތު ކޮޑިއަޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާ، 42، ގެ މައްޗަށް އެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުމްކޮށްފި އެވެ.
އެ މާރާމާރީގައި މަރުވީ ހަމަ ސްރީ ލަންކާއަށް ނިސްބަތްވާ ޕަތުމް ދިލްޝަން ޑި ސިލްވާ އަގަމްޕޮޑި، 24، އެވެ. މި ހާދިސާ ހިނގީ މީގެ ހަ އަހަރު ކުރިން ޖެނުއަރީ 10، 2019 ގަ އެވެ. ތަހުގީގުގައި އޭނާ ޖަޔަލަތު ޕެރޭރާ އިއުތިރާފްވި ނަމަވެސް އޭނާ ވަނީ ޝަރީއަތުގައި އެ ދައުވާއަށް އިންކާރުކޮށް ކައްކާ މަރާލުމަށް ގަސްތުގައި އެއްވެސް އަނިޔާއެއް ދީފައި ނުވާނެ ކަމަށް ބުނެފަ އެވެ.
އޭނާގެ މައްޗަށް ކުރި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައެޅީ ކުށުގު އުންސުރުތައް ހަމަނުވުމުންނެވެ. އެއީ މެރުމުގެ ގަސްދު އޮވެގެން ކައްކާ މަރާލުމުގެ އަމަލު ހިންގި ކަމަށް ސާބިތު ކުރެވޭނެ ވަނީ ޝަރީއަތުގައި ހެކި ހުށަހެޅިފައި ނުވާތީ އެވެ.
މި މައްސަލާގައި އެ މަންޒަރު ލޮލަަށް ފެނުނު ހެކީން ޝަރީއަތަށް ހާޒިރުކޮށް ހެކި ބަސް ނެގިފައި ނުވެ އެވެ. އެއީ ޝަރީއަތް ދިގުލައިގެން ދިޔުމުގެ ސަބަބުން އެ ހެކީން ރާއްޖެ ދޫކޮށް ދިޔުމުންނެވެ. އެއީ އެއްލައިދޫގައި މަސައްކަތްކުރި ލަންކާގެ ހަ މީހުންނެވެ.
ހެކިވެރިން ތިބި ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ހެކީންގެ ހެކިބަސް ނަގަން ކޯޓުން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވެ އެވެ. އޭގެ އިތުރުން، އެ ހެކީން ތަހުގީގަށް ދީފައިވާ ބަޔާންތައް ދައުލަތުން ކޯޓަށް ހުށަހެޅިއިރި، ދައުވާ ފޯމުގެ ޖަދުވަލު ދޭއްގައި ބަޔާންކޮށް ހުށަހަޅާފައި ނުވާކަން ކޯޓު ހުކުމުން އެނގެ އެވެ.
"ދައުވާ ލިބޭ މީހާގެ އިއުތިރާފް އެއްފަރާތްކުރާ ހާލަތުގައި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށުގެ އުންސުރުތައް ސާބިތު ކުރެވޭނެ އެހެން ހެއްކެއް ނެތެވެ،" ނިޔާ ކަނޑައަޅުއްވަމުން ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިހްސާން ލިޔުއްވި އެވެ.
މިކަމުގައި ގޮތެއް ކަނޑައެޅުމަށް ދައުލަތުން ހުށަހެޅީ ޖަޔަލަތު ޕެރޭރާ ފުލުހުންގެ ތަހުގީގަށް ދީފައިވާ އިއުތިރާފް ބަޔާނާއި އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ މުއްދަތު މަޖިލީހަށް ދިން ބަޔާނެވެ.
އޭގެ ތެރެއިން މަހިބަދޫ ކޯޓަށް އޭނާ ދިން އިއުތިރާފް ބަޔާނަކީ އިޖުރާއަތާ އެއްގޮތަށް ނަގާފައިވާ ބަޔާނެއް ނޫން ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުން އެނގެ އެވެ. އޭނާ ތަމްސީލުކުރަން ވަކީލެއް ވެއް ބައިވެރިނުވާ ކަމަށާއި އެ މަޖިލީހުގައި ތަރުޖަމާކޮށްފައި ވަނީ ފުރިހަމައަށް ނޫން ކަމަށްވާތީ އެ ހެއްކަށް ބުރަދަން ނުދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
ޖަޔަލަތުގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި ބުނަނީ، ހާދިސާ ހިނގި ރޭ 21:30 ހާއިރު، މަރުވި ޕަތުމް ދިލްޝަންގެ ކައިރީގައި ބިސްގަނޑެއް އަޅައިދޭން އެދުުމުން ދެ މީހުންގެ ދެމެދުގައި ޒުވާބެއް އުފެދުނު ކަމަށެވެ. އެ ޒުވާބުގެ ތެރެއިން، ރައިސް ކުކަރުގައި އޮތް ދޭފަތެއް ޕަތުމް ދިލްޝަން ނަގައި، ޖަޔަލަތުއާ ދިމާލަށް ދިޔުމުން، އަތުޖެހޭ ހިސާބުގައި އޮތް ހައެއްކަ އިންޗީގެ ވަޅިއެއް އޭނާ ނަގައި، ދިލްޝަންގެ ކަރުން ތިރިއަށް މޭމައްޗަށް ހަރައިލި ކަމަށެވެ.
ޕަތުމް ދިލްޝަން މަރުވީ އެ ހަމަލާގައި ލިބުނު ޒަހަމަށް ފަރުވާދެމުން ގެންދަނިކޮށް ހަމަ އެ ރޭ އެއްލައިދޫ ރިސޯޓުގެ ކުލިނިކުގެ ތެރޭގައި ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ. އޭނާ މަރުވީ ހާދިސާ ހިނގިތާ ގާތްގަނޑަކަށް ގަޑިއެއްހާއިރުގެ ތެރޭގައި ކަމަށް ދައުލަތުން ބުނެ އެވެ.
އެއްލައިދޫ ރިސޯޓުގެ ކައްކާ މަރާލި މައްސަލަ ލަންކާގެ ޖަޔަލަތު ޕެރޭރާގެ މައްޗަށް ސާބިތެއް ނުވި އެއްލައިދޫ ރިސޯޓުގެ ކައްކާ މަރާލި މައްސަލަ ލަންކާގެ ޖަޔަލަތު ޕެރޭރާގެ މައްޗަށް ސާބިތެއް ނުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ