އެމްޔޫ މަނިކު: ދިވެހީންނަށް ލިބުނު އަގުހުރި މުތެއް
މީގެ 53 އަހަރު ކުރިއަށް ޖެހިލާއިރު، ރާއްޖެއަށް ބޭރުން ފައިސާ ލިބެމުން އައީ މަހާއި ބޮލި ވިއްކައިގެންނެވެ. ގައުމުގައި ރުފިޔާގެ އިތުރަށް ދައުރުވަމުން އައީ، އައްޑޫގައި ތިބި އިނގިރޭސީން ބޭނުންކުރި ޕައުންޑެވެ. އެއާޕޯޓެއްގެ ގޮތުގައި އޮތީ ސްރީލަންކާއިން މުދާ ގެންނަ ދަގަނޑު ފިލާ ރަންވޭއެކެވެ. ގައުމުގެ ޖީޑީޕީއަކީ 2.5 މިލިއަން ޑޮލަރެވެ. ނަމަވެސް މިހާރު މަންޒަރު ވަރަށް ތަފާތެވެ. މިދިޔަ އަހަރު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ އެކަނި ވެސް ބިލިއަނަކަށް އަރައެވެ. އެކަމުގެ ފަހަތުގައި ވަނީ، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)އާއި ފަތުރުވެރިކަމުގެ ދާއިރާގެ ބާނީން ރާއްޖެއާ މެދު، މީގެ ބައި ގަރުނު ކުރިން ގެންގުޅުއްވި ތަސައްވުރާއި ކުރެއްވި މަސައްކަތްޕުޅަށެވެ. އެމްޔޫ މަނިކަކީ ވަރަށް ޒުވާން އުމުރުގައި ވެސް ދުރު ވިސްނެވި ބޭފުޅެކެވެ. މަތީ ތައުލީމު ހާސިލުކޮށްފައިވާ ގިނަ ދިވެހީން ނެތް ދުވަސްވަރެއްގައި، ޑިގްރީއެއް ހާސިލުކުރައްވަން ވަރަށް ބޭނުންފުޅުވިއެވެ. އެގޮތުން ޕާކިސްތާނުން ދަނޑުވެރިކަމުގެ ދާއިރާއިން ޑިގްރީ ނަންގަވައި، މާސްޓާސް ވެސް ހޯއްދެވުމުގެ މަސައްކަތް ކުރެއްވިއެވެ. ނަމަވެސް، އޭރު ބަންގްލަދޭޝް ހަނގުރާމަ ފެށުމާ ގުޅިގެން އެނބުރި ގައުމަށް ވަޑައިގަންނަވަން ޖެހުނީއެވެ. ބޭރުގައި އުޅުއްވިއިރު ވެސް އެމްޔޫ މަނިކު ގެންދެވީ ރާއްޖޭގެ ހާލަތު ބައްލަވަމުންނެވެ. ރާއްޖޭގެ އިގުތިސާދީ ހާލަތު އޮތް ގޮތާއި އެއާ އަޅައިބަލާއިރު އަވައްޓެރި ގައުމުތައް ހިންގަމުން އައި ގޮތެވެ. ދިވެހީންނަށް ފަތުރުވެރިކަމުން މަންފާއެެއް ހޯދެން ނެތް ކަމަށް، އދ.އިން ހެދި ދިރާސާއަކުން ދެއްކި ނަމަވެސް، އެކަން ބަލައިނުގަނުވެނީ އެހެންވެއެވެ. "އަޅުގަނޑުމެންނަށް އޭރުވެސް އެނގޭ މިތާގައި ހުރިކަން މިވަރުގެ ޕޮޓެންޝަލް، މި ރީތިކަން ބޭރު މީހުންނަށް ދެއްކީމައި އެ މީހުން ބުނާ އެއްޗަކުން އަޅުގަނޑުމެންނަށް ވެސް ފެންނާނެތާ، އެހެން އޮތީ،" ދެހާސް ފަނަރަވަނަ އަހަރު 'ހަވީރު' ނޫހަށް ދެއްވި އިންޓަވިއުއެއްގައި އެމްޔޫ މަނިކް ވިދާޅުވިއެވެ. ޕާކިސްތާނުން ރާއްޖެ ވަޑައިގެން، އެމްޔޫ މަނިކު ސަރުކާރުގައި އެންމެ ފުރަތަމަ ކުރައްވަން ފެއްޓެވި މަސައްކަތަކީ ދަނޑުވެރިކަމުގެ މިނިސްޓްރީގެ އެގްރިކަލްޗާ އޮފިސަރެއްގެ މަސައްކަތެވެ. އެ މިނިސްޓްރީގައި ކުރެއްވި މަސައްކަތުގެ ތެރެއިން ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުތައް ވެސް ކުރެއްވިއެވެ. "އެހެންވީމާ އަޅުގަނޑަށް ރާއްޖެ ވަރަށް ރީއްޗަށް ފެނިފައި އޮތީ، 70ގައި ރާއްޖެ އޮތް ގޮތާއި މިހާރު އޮތް ގޮތާ،" މީގެ ތިން އަހަރު ކުރިން ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އެ މަނިކުފާނު ވިދާޅުވެދެއްވިއެވެ. އެ މިނިސްޓްރީގައި މަސައްކަތް ކުރައްވަނިކޮށް، އޭރު ޚާރިޖީ މަސައްކަތުގައި އުޅުއްވި، ފަހުން ޚާރިޖީ މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރުކަން ވެސް ކުރެއްވި އަހުމަދު ނަސީމު މެދުވެރިކޮށް، އިޓަލީގެ ޓްރެވެލް އޭޖެންޓެއް ކަމަށްވާ ޖޯޖް ކޯބިންއާ ދިމާވިއެވެ. އެއާއެކު، ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީ ކުރެއްވުމުގެ ރޫހު އެ ބޭފުޅުންގެ މެދުގައި އުފެދުނެވެ. ޖޯޖް ކޯބިން ރާއްޖެއަށް ކުރިދަތުރުގައި އޭނާގެ ދަރިފުޅު ޖޯޖިއާއާ އެކު --- އެމްޔޫ މަނިކާއި ނަސީމް، ކޯބިންއަށް ރާއްޖެ ދެއްކުމާއެކު އޭނާ ފަށައިގަތީ ފުރަތަމަ ފަތުރުވެރިން ގެނައުމުގެ މަސައްކަތެވެ. އޭރު ފަތުރުވެރިންނަށް ޚިދުމަތް ކުރާނެ ގޮތުގެ މާ ގިނަ މައުލޫމާތެއް ނެތް ނަމަވެސް، ފެބްރުއަރީ 16، 1972ގައި އިޓަލީވިލާތުން ގެނައި ފަތުރުވެރިން ތިން ގެއެއްގައި ބައިތިއްބައިގެން، ރީތި މޫދާއި ދޮންވެލި ތުނޑިތަކުގެ ޖާދޫގައި ޖެއްސިއެވެ. ރާއްޖެއިން ކިޔައިދިން ގޮތަށް 'ދުނިޔޭގެ ސުވަރުގޭގެ' ގޮތުގައި އެ ފަތުރުވެރިން ގޮސް ވެސް ނޫސް މަޖައްލާތަކުގައި އިޝްތިހާރުކުރިއެވެ. އަދި، ރާއްޖެއަށް އޮތް ޝައުގު ބޮޑުވީއެވެ. އޭރު އެމްޔޫ މަނިކާއި ނަސީމާއި، ކްރައުން ކުންފުނީގެ ޗެއާމަން ހުސައިން އަފީފް ގެންދެވީ ވިހަމަނާފުށީގައި ކުރުނބާ މޯލްޑިވްސް ތަރައްގީކުރައްވަމުންނެވެ. ތިރީސް ކޮޓަރިއާ އެކު 1972ގައި އެ ރިސޯޓު ހުޅުވީ އަމިއްލައަށް ޚަރަދުކުރައްވައި، އަމިއްލަ މަސައްކަތްޕުޅުންނެވެ. "އަޅުގަނޑުމެން އަތުގައި މާ ގިނަ އެއްޗެއް ހުރެގެން ނޫން، އަޅުގަނޑު އަތުގައި އޮތް އެއްޗެއް، ނަސީމު އަތުގައި ވެސް އޮތް އެއްޗެއް ލައިގެން ދެން މިކަން ކޮމްޕްލީޓް ކުރެވުނީ، އޭރު ލޯނެއް ނެތް ބޭންކެއް ނުވެސް ނެތް،" މަނިކު ވިދާޅުވެދެއްވިއެވެ. "އަޅުގަނޑު 1:30ގައި އޮފީސް ނިމުނީމައި އަންނަނީ މިތަނަށް [ކުރުނބާއަށް]، އައިސް މިތާގައި މަސައްކަތްކުރަނީ. އަޅުގަނޑު ބޮޑަށް ކުރީ އެފްއެންޑްބީ ކަންތައް، ނަސީމް ކޮންސްޓްރަކްޝަން، އަފީފް ހުންނާނީ ފިނޭންސްއަށް، ދެން އަޅުގަނޑުމެން ހުރިހާ ކަމެއް ވެސް ކުރަން." އެމްޔޫ މަނިކް ކުރުނބާ މޯލްޑިވްސްގައި: އެމްޔޫ މަނިކު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ކުރެއްވި ބުރަ މަސައްކަތުން، ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ރިސޯޓަކީ ކުރުނބާ -- ފޮޓޯ/ ހޮޓެލިއާ މޯލްޑިވްސް އޭރު ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި، ކުރުނބާ މޯލްޑިވްސް ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދެވިއިރު، ބަންދުގައި ވެސް ދުވަސްތަކެއް ހޭދަކުރައްވަން ޖެހިވަޑައިގަތެވެ. އެގޮތުން ރާއްޖޭގައި ފަތުރުވެރިކަމަށް ދިރުމެއް ނެތް ކަމަށް ބޭރުން ބުނި ނަމަވެސް، މަނިކާއި އެ ބޭފުޅުން ކުރައްވަމުން ގެންދެވި މަސައްކަތްތައް ސަރުކާރުން ބަލަމުން ދިޔަކަން ފާހަގަކުރެއްވިއެވެ. އޭރުގެ ބަންދުގައި ހުންނަވަން ޖެހިވަަޑައިގަތް ސަަބަބު މިހާރު ވިސްނާލެއްވުމުން، އެއީ އެ ވިޔަފާރިއާ ގުޅުންހުރި ކަމެއްގައި ކަމަށް ބެލެވޭ ކަމަށް ވެސް މަނިކު ވިދާޅުވިއެވެ. "އެ ދެން މިހާރު ވިސްނާލާއިރު ވާނީ އެކަހަލަ ކަމަކަށް އެއީ ދެން ވިޔަފާރީގެ ކޮމްޕެޓިޝަން އޮންނާނެ ގޮތް އެނގޭ ނޫންތޯ؟ އަޅުގަނޑުމެންނަށް ފަހުން ގޮސް ކުރުނބާއަށް އަންނަ މީހުންނަށް ނުވެސް ދެވޭ އެއްވެސް ރަށަކަށް ވެސް. ވަރަށް ބޮޑު އުނދަގޫތަކާއެކީގައި، ދެން އަޅުގަނޑުމެންނަށް، މާތް ކަލާނގެ އިރާދަކުރެއްވީމާ މިކަންތައް ވާން ހުރީމަހެން އަޅުގަނޑަށް ހީވަނީ،" އޭނާ ވިދާޅުވެދެއްވިއެވެ. މަސައްކަތް ފައްޓަވައިގެންއިރު ކުރިމަތިވި ގޮންޖެހުންތަކުން އަރައިވަޑައިގެން، އެ ބޭފުޅުން ކުރުނބާ މޯލްޑިވްސް ހިންގަވަމުން ގެންދެވީއެވެ. ނަސީރަށް ފަހު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކުރުނބާ ސަރުކާރަށް ނަގައި، ބީލަމަށް ހުޅުވާލުމުން އެ ރަށާ ހަވާލުވެވަޑައިގަތީ މަނިކެވެ. ނަސީމް (ކ) އެމްޔޫ މަނިކް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އަފީފް: ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބާނީންގެ އަގުވަޒަން ކުރި -- ފޮޓޯ/ ރައީސް މިހާރު ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޔުނިވާސަލް އެންޓަޕްރައިޒަސްގެ ދަށުން ކުރުނބާ ފަސް ތަރީގެ ރިސޯޓަކަށް ތަރައްގީކުރެއްވީ، އަލުން އެޅުއްވި ބިންގަލާ ހިސާބުންނެވެ. އޭރުގެ އެންމެ ޒަމާނީ ވަސީލަތްތައް ހިމަނުއްވައި، ފަތުރުވެރިން ގެންނަ ގައުމުތައް އިތުރުކުރެއްވިއެވެ. "ކުރުނބާ ރަނގަޅުކުރުމަށް ފަހު ދެން ރާއްޖޭގެ ސްޓެންޑަޑް ސެޓުވީ އެއީ ރާއްޖޭއަކީ ދެރަ ތަނެއް ނޫން ކަމަށް،" މަނިކު ސިފަކުރެއްވިއެވެ. އެއަށް ފަހު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދިޔައީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ފުރަތަމަ ލަންކާ މެދުވެރިކޮށް ރާއްޖެއަށް އައި ފަތުރުވެރިން، ޔޫރަޕުން ވެސް ސީދާ ރާއްޖެ އަންނަން ފެށީއެވެ. 'ވަން އައިލެންޑް، ވަން ރިސޯޓް'ގެ ތަފާތުކަން އިހުސާސް ކުރެއްވި، ގިނަ ބަޔެއްގެ ޝައުގު ރާއްޖެއަށް އުފެދުނީއެވެ. ކުރުނބާ މޯލްޑިވްސްއިން ފެއްޓެވި ދަތުރާ އެކު މިހާރު ޔުނިވާސަލް ކުޑައިގެ ދަށުން އަށް ރިސޯޓެއް ހިންގައެވެ. މި ދާއިރާ މިހާ ހިސާބަށް ގެނެސްދެއްވުމުގައި ފާއިތުވި އަހަރުތަކެއް ހޭދަކުރެއްވި މަނިކު ދިވެހީންގެ މަސައްކަތްތެރިކަމަށް ތައުރީފު ކުރައްވައެވެ. އަދި، މި ސިނާއަތުގެ ކުރިއެރުމަށް ޓަކައި ޒުވާނުން ތަމުރީނުވެ، ފަތުރުވެރިކަމުގެ ވަޒީފާތަކަށް ވަނުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވައެވެ. "ދިވެހީންނަކީ ވަރަށް ރަނގަޅު ބައެއް ވަޒީފާތަކުގައި.. ދިވެހީންނަކީ މަސައްކަތް ކުރެވޭ ބައެއް، އެހެންވީމާ ދިވެހިން ޖެހެނީ އަންނަން،" މަނިކް އިލްތިމާސްކުރެއްވިއެވެ. މަނިކު ދެއްވާފައިވާ އަނެއް ލަފަޔަކީ، ރާއްޖޭގައި ރިސޯޓުތަކުގެ ކެޓެގަރީތައް ސިންދަފާތު ކުރުމާއެކު ފަތުރުވެރިން އަންނަ ވަކި މާކެޓަކަށް ބަރޯސާ ނުވުމެވެ. "އަޅުގަނޑުގެ މެސެޖަކީ، ދިވެހިރާއްޖޭގައި އަޅުގަނޑުމެންނަށް މިއޮތީ މާތްކަލާނގެ ދެއްވި ނިއުމަތެކޭ ޓޫރިޒަމް މިއީ، މިވަރުގެ ނިއުމަތެއް އަޅުގަނޑުމެންނަށް ލިބުނީތީ، މިތަން ބެލެހެއްޓޭތޯ ސަސްޓެއިން ކުރެވޭތޯ ބަލަން ޖެހޭނެޔޭ،" ހަވީރު ނޫހަށް ދެއްވި އިންޓަވިއު ނިންމަވައިލެއްވުން ވިދާޅުވިއެވެ. ދުނިޔެ ދޫކުރެއްވިޔަސް އެމްޔޫ މަނިކުގެ މަސައްކަތްޕުޅުތައް ދިރިދިރި އެބަހުއްޓެވެ. އެއީ ދިވެހީންނަށް ލިބުނު މުތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ