ނަޖީބުގެ ގާތިލް މުއްރަތު މަރަން ކުރި ހުކުމް ކަށަވަރު ކުރަން ޕީޖީން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
ގާނޫނީ ވަކީލް އަހުމަދު ނަޖީބްގެ ގާތިލް އަހުމަދު މުއްރަތު މެރުމަށް ކުރި ހުކުމް މުއްރަތުގެ ފަރާތުން އިސްތިއުނާފް ނުކުރުމުން އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ. ޖުލައި، 2012 ގައި ނަޖީބަށް ހަމަލާދީ އޭނާ މަރާލި މައްސަލާގައި މ. މަސްރޫރާ އަހުމަދު މުއްރަތު މެރުމަށް ދަށު ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ލިބުނު މުއްދަތު ހަމަވިއިރު ވެސް މުއްރަތުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެއް ނާޅަ އެވެ. މަރުގެ ހުކުމް އައިސްފައިވާ ކުށްވެރިޔާގެ ފަރާތުން ހުކުމް އިސްތިއުނާފް ނުކޮށްފި ނަމަ އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ ގޮތަށް އެ ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ. އެހެންވެ އެ އުސޫލުގެ ދަށުން މުއްރަތުގެ މައްސަލަ މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ކަށަވަރުކޮށް ދީފަ އެވެ. ނަޖީބު މަރާލި މައްސަލާގައ މުއްރަތުގެ ލޯބިވެރިޔާ ފާތިމަތު ހަނާ މެރުމަށް ވެސް ދަށު ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެކަމަކު ހަނާގެ މައްސަލަ ހައި ކޯޓުން އަދި ނުނިމެ އެވެ. ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް މަރަން ކުރި ހުކުމް އިސްތިއުނާފް ކުރަން ހުމާމްގެ ފަރާތުން ހުށަނޭޅުމުން، އެ މައްސަލަ ވެސް ދައުލަތުން ކުރިން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. ގަސްދު މަރުގެ މައްސަލަތަކުގައި އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން މަރަން ހުކުމް ކުރެވޭ މީހުންގެ އަދަބު ލުއި ރައީސުލް ޖުމްހޫރިއްޔާ އަށް ވެސް ލުއި ނުކުރެވޭނެ ކަމަށް ހައި ކޯޓުން މިހާރު ވަނީ ކަނޑައަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ