ކިނބިދޫގައި ކަރަންޓް ނެތްތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެއްޖެ
ތ. ކިނބިދޫން ކަރަންޓް ކެނޑިފައި އޮންނަތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ކިނބިދޫ ކައުންސިލްގެ ރައީސް މުހައްމަދު ނަސީމް މިއަދު ވިދާޅުވީ މި މަހުގެ 22 ވަނަ ދުވަހު އެ ރަށުން ކަރަންޓް ކެނޑިފައިވަނީ އިންޖީނަށް އަޅަން ގެނައި ތެލުގައި ހުރި ކުނޑިތަކެއް ފިއުލް ޕަމްޕްގައި ތާށިވެގެން ކަމަށެވެ. އެ ރަށުގައި ކަރަންޓް ދެމުން އަންނަނީ އަމިއްލަ މީހަކު ބަހައްޓާފައި ހުރި އިންޖީނަކުން ކަމަށްވެފައި، އެ އިންޖީނަށް ދިމާވި މައްސަލަ ހައްލުކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކިނބިދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ ރަށުގައި ކަރަންޓް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. ކައުންސިލުން ބުނި ގޮތުގައި ކަރަންޓުގެ ހިދުމަތުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅުކުރުމަށް ސައުތު ސެންޓްރަލް ޔުޓިލިޓީސްއާ ހަވާލުކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ވަގުތީ ގޮތުން ޔުޓިލިޓީސްއާ އިންޖީނުގެ ހަވާލުކޮށްފައި ހުރި ނަމަވެސް ނިންމަންޖެހޭ ބައެއް ކަންތައްތަކެއް ހުރުމުން ރަސްމީކޮށް އަދި ހަވާލުނުކުރާ ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ